މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި އެކަނިވެސް 46,801 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
* ފެބުރުވަރީ 18: 8,636 ފަތުރުވެރިން
* ފެބުރުވަރީ 19: 8,896 ފަތުރުވެރިން
* ފެބުރުވަރީ 20: 8,698 ފަތުރުވެރިން
* ފެބުރުވަރީ 21: 10,436 ފަތުރުވެރިން
* ފެބުރުވަރީ 22: 10,135 ފަތުރުވެރިން
މި ތަފާސްހިސާބުތަކުން ހާމަވާގޮތުގައި، ރަމަޟާން މަހުގެ ތެރޭގައިވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އެއްވަރެއްގައި ހިފެހެއްޓި، އިތުރުވަމުންނެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މި ހިނގާ ފެބުރުވަރީ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 200,971 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު، މިއަހަރުގެ ފަތުރުވެރިކަމަށް ވަނީ ފާހަގަކޮށްލެވޭ ފަދަ ކުރިއެރުމެއް ލިބިފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ފެބުރުވަރީ 22 ގެ ނިޔަލަށް 390,625 ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި 428,169 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 9.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އެވްރެޖް އަދަދުވެސް ވަނީ 2025 ވަނަ އަހަރުގެ 7,370 އިން މިއަހަރު 8,079 އަށް މަތިވެފައެވެ.
ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރަނީ ވައިގެ މަގުންނެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ވައިގެ މަގުން 427,104 ފަތުރުވެރިން އައިސްފައިވާއިރު، މީގެ ތެރެއިން 98.7 އިންސައްތަ ފަތުރުވެރިން ރާއްޖެ އެތެރެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށެވެ. ކަނޑުގެ މަގުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އެންމެ 1,065 ފަތުރުވެރިންނެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ އެއްވަނައިގައި އުޅެނީ ޗައިނާއެވެ. ޗައިނާއިން 69,006 ފަތުރުވެރިން (16.2 އިންސައްތަ) އައިސްފައިވާއިރު، ދެވަނައިގައި އޮތް ރަޝިޔާއިން 47,994 ފަތުރުވެރިން (11.3 އިންސައްތަ) އަދި ތިންވަނައިގައި އޮތް އިޓަލީން 41,775 ފަތުރުވެރިން (9.8 އިންސައްތަ) ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ ހިއްސާ ކުރަނީ މި ތިން ގައުމުންނެވެ.
ވޭތުވެދިޔަ 2025 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ރެކޯޑް އަހަރެކެވެ. އެގޮތުން، އެ އަހަރު ރާއްޖެއަށް ވަނީ 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ އާ ރެކޯޑެއް ގާއިމުކޮށްފައެވެ. މިހާރުގެ މިސްރާބަށް ބަލާއިރު، 2026 ވަނަ އަހަރުވެސް މި ކާމިޔާބީ ތަކުރާރުވެ، 2 މިލިއަން ފަތުރުވެރިންނަށް ވުރެ ގިނަ ފަތުރުވެރިން މިއަހަރުވެސް ރާއްޖެ ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމްް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ރޯދަމަހުގެ މިހާތަނަށް ރާއްޖެއަށް 46,000 އަށްވުރެ ގިނަ ފަތުރުވެރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ