އިމިގްރޭޝަންގެ އިބްރާހީމް ވެސް ކުށަށް އިއުތިރާފުވެ، 11 މަހަށް ޖަލަށް

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި އިމިގްރޭޝަންގެ އޮފިސަރު އިބްރާހީމް އަހުމަދު ވެސް ކުށަށް އިއުތިރާފްވުމުން 11 މަހަށް ޖަލަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކޮށްފި އެވެ.
ވީކިހިނެއް؟ - މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު މަގާމުން ވަކިކޮށް، ހައްޔަރުކުރަނީ މިދިޔަ 22 މާޗުގަ އެވެ. އޭރު ޝަމްއާނާ އެކު އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި އިބްރާހީމް، ގ. ހެޕީސައިޑް ވެސް ހިމެނެ އެވެ.
ހައްޔަރުކުރި ހަތަރު އޮފިސަރުންގެ ތެރެއިން އިބްރާހީމްގެ ކުރިން ވެސް ދެ އޮފިސަރަކު ކުށަށް އިއުތިރާފްވެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެ އެވެ. އެ ގޮތުން:
މުހައްމަދު އަލްސަން އިސްމާއިލް، މޫނިމާގެ/ތ. ބުރުނި - ދެ މަހާއި ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރި، އެހާ ދުވަހު ޖަލުގައި ހޭދަކޮށްފައިވާތީ ތަންފީޒުކުރާނެ އަދަބެއް ނެތް
އަހްމަދު ލައްސާން މ. ހަޒާރީވިލާ - ނުވަ މަސް ދުވަހަށް ޖަލަށް ލުމަށް
ތަފްސީލް - އިބްރާހީމްގެ މައްޗަށް ތިން ދައުވާއެއް އުފުލިއިރު ތިން ދައުވާއަށް ވެސް އިއުތިރާފްވެފަ އެވެ. އެ ގޮތުން:
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ - އަދަބަކީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް؛ އެއިން ޖަލު އަދަބުގެ ގޮތުގައި ދެ މަސް އަދި ބާކީ ބައި 62،400ރ.ގެ ޖޫރިމަނާއަށް ބަދަލުކުރާ ގޮތަށް
ފޭރުމުގެ ދައުވާ - ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް؛ އެއިން ހަތް މަސް ޖަލު އަދަބުގެ ގޮތުގައި ކަނޑައަޅައި ބާކީ 130،800ރ.ގެ ޖޫރިނަމާއަށް ބަދަލުކުރާ ގޮތަށް އަދި ބިދޭސީ މީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000ރ. ދޭން
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ - އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް؛ އެއިން ދެ މަސް ޖަލު އަދަބުގެ ގޮތުގައި ކަނޑައަޅައި ބާކީ 62،400ރ.ގެ ޖޫރިމަނާއަށް ބަދަލުކުރާ ގޮތަށް އަދި ބިދޭސީ މީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 3،500 ޑޮލަރު ދޭން
މި މައްސާލަގައި މިހާރު ހުކުމެއް ނުކުރަނީ ހަސަން ސެހެންޝާހް، ގ. ހެޕީސައިޑް އަދި ޝަމްއާން އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ