ވިލިމާލޭގައި ފްލެޓު އަޅަން އުޅެނީ ފުނަވާގައި، އެތަން މުއިއްޒުގެ މޭޔަރުކަމުގައި އެހެން ބަޔަކަށް ދީފައި އެބައޮތް: އާޒިމް ވިލިމާލޭގައި ފްލެޓު އަޅަން އުޅެނީ ފުނަވާގައި، އެތަން މުއިއްޒުގެ މޭޔަރުކަމުގައި އެހެން ބަޔަކަށް ދީފައި އެބައޮތް: އާޒިމް

ވިލިމާލޭގައި ފްލެޓް އެޅުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަވާލުކުރީ މާލެ ސިޓީގެ މޭޔަރަކަށް މުހައްމަދު މުއިއްޒު ހުންނެވިއިރު ފްލެޓް އަޅަން އެހެން ބަޔަކާއެކު އެއްބަސްވުމެއް ހަދާފައި އޮތް ބިމެއް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި އާޒިމް ވިދާޅުވީ ފްލެޓް އަޅަން ބީއެމްއެލްއާއެކު ސޮއިކުރި ދުވަހުގެ ކުރީ ދުވަހު ވިލިމާލޭގައި ފްލެޓް އަޅަން ހުއްދަ ދިނުމަށް ސިޓީއެއް އައި ކަމަށާއި ނަމަވެސް އެއީ މުއިއްޒުގެ މޭޔަރުކަމުގައި ހަވާލުކޮށްފައި އޮތް ބިމެއް ކަމުން އެ އެއްބަސްވުން ދެމި އޮއްވައި އެތަނުގައި ފްލެޓް އަޅަން އެއްބަސް ނުވާނެ ކަމަށެވެ.
ވިލިމާލޭގައި 500 ފްލެޓު އަޅަން މުއިއްޒު ނިންމާފައި ވަނީ މާލޭ ސަރަހައްދުގައި އޮތް ހަމައެކަނި ފުނަވާ ނައްތާލުމަށް ފަހު ކަމަށް އާޒިމް ފާހަގަ ކުރެއްވީ. އެ ފުނަވާއަކީ ވިލިމާލޭ ރަށުތެރެއިން އެންމެ ފިހިކަން ގަދަ، އަދި އެ ރަށުގެ ރަމްޒަކަށް ވެފައިވާ ވަލެކެވެ.
"ފުނަވާ ހަލާކުކޮށްލާފައި ފްލެޓް އަޅާކަށް އަޅުގަނޑު އެއްބަހެއް ނޫން،" އާޒިމް ވިދާޅުވި އެވެ.
"ހަމަ އެތާ 500 އެބައޮތް ކައުންސިލްގައި ހެދިފައި ކޮންޓްރެކްޓެއް އެހެންވީމާ [އެތަނުގައި ފްލެޓު އަޅަން] އަނެއްކާ ބީއެމްއެލްއާއެކު ނެހެދޭނެ ނޫންތޯ. އަޅުގަނޑު ގަބޫލުކުރަނީ ފުނަވާ ހަލާކުކޮށްލާފައި އެއީ ކުރާވަރު ކަމެއް ނޫނޭ. އެއަށްވުރެ މާ ރަނގަޅަށް ވިލިމާލޭގައި ކުރެވޭނެ ތަންތަން އެބަހުރި."
އާޒިމް ވިދާޅުވީ ފްލެޓް އަޅަން ބީއެމްއެލްއާއެކު ސޮއިކުރި ދުވަހުގެ ކުރީ ދުވަހު އެ ބިމުގައި ފްލެޓް އަޅަން ހުއްދަ ދިނުމަށް ސިޓީއެއް އައި ކަމަށާއި އެކަމަކު އެތަނުގައި ފްލެޓް އަޅަން ކުރިން ވެސް އެއްބަސްވުމެއް ހަދާފައި އޮތުމުން އެ ހުއްދަ ނުދޭ ކަމަށެވެ.
ވިލިމާލޭގައި 300 ފްލެޓް އަޅަން ބީއެމްއެލްއާ ހަވާލުކުރީ އެމްއެމްއޭގެ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް" ގެ އުސޫލުގެ ދަށުން އަގު ހެޔޮކޮށް ވިއްކާ ފްލެޓްތައް އެޅުމަށެވެ. އެ މަޝްރުއު ހަވާލުކުރީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި، ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑާ އެވެ.
މި ސަރުކާރުން ކުރިއަށްގެންދަ "ބޯހިޔާވެހިކަން އެންމެންނަށް" ސްކީމުގެ ދަށުން އަޅާ އެ 300 ހައުސިން ޔުނިޓް ދޭން ނިންމާފައިވަނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށެވެ.
ރިޔާސީ އިންތިހާބުގައި މުއިއްޒު ވައުދުވެފައިވަނީ ވިލިމާލޭގައި 500 ހައުސިން ޔުނިޓް އަޅާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއިން އެއްވެސް ފްލެޓެއްގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ