ހަނިމާދޫ އެއާޕޯޓް ހިންގަން އިންޑިއާ ބަޔަކާ ހަވާލުކުރަން މަޝްވަރާކުރަނީ

އިންޑިއާގެ ލޯނެއްގައި ހދ. ހަނިމާދޫގައި ތަރައްގީކޮށް މިދިޔަ ނޮވެމްބަރު މަހު ހުޅުވި އިންޓަނޭޝަނަލް އެއާޕޯޓު މެނޭޖު ކުރުމުގައި އިންޑިއާގެ އެހީއަށް ރާއްޖެ އިން އެދިފައިވާ ކަމަށާއި އެކަމާ ގުޅިގެން ދިރާސާތައް ހެދުމަށް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) ގައި އެ ގައުމުގެ ސަރުކާރުން އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ވީ ކިހިނެއް؟ - 'ދަ ހިންދޫ' ގައި ރިޕޯޓުކޮށްފައިވާގޮތުން ހަނިމާދޫ އެއާޕޯޓު ހިންގުމުގައި އިންޑިއާގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދުނީ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކޭ. ރާމް މޯހަން ނައިޑޫ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އަދި އެ ގޮތަށް އެދިވަޑައިގެންނެވީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.
ތަފްސީލް - އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީގައި އެ ގައުމުގެ ސަރުކާރުން މި ނިމޭ ހަފްތާގެ ކުރީކޮޅު އެދިފައިވަނީ ދިވެހި ސަރުކާރުގެ އެ 'ޕްރޮޕޯސަލް' ދިރާސާ ކުރުމަށް ކަމަށް ސަރުކާރުގެ އިިސް އޮފިޝަލަކާ ހަވާލާދީ ދަ ހިންދޫ އިން ބުނެފައިވެ އެވެ.
އޭއޭއައި އިން އަންނަނީ އިންޑިއާގެ 26 ސްޓޭޓެއްގައި ހިންގާ އެއާޕޯޓުތައް ބަލަހައްޓަމުންނެވެ. މީގެ އިތުރުން އެ އިދާރާ އިން ތަރައްގީކޮށްފައިވާ 113 އެއާޕޯޓު އިންޑިއާގައި އޮވެ އެވެ. އޭގެ ތެރެއިން ބައެއް އެއާޕޯޓުތައް ހިންގަނީ ޖީއެމްއާރާއި އަދާނީ ފަދަ ބޮޑެތި ގްރޫޕުތަކުންނެވެ.
ގުޅުން ހުރި - ހަނިމާދޫ އެއާޕޯޓު ހިންގަން އިންޑިއާގެ ކުންފުންޏެއް ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ކަމަށް އެ ގައުމުގެ މީޑިއާގައި ރިޕޯޓުކޮށްފައިވާއިރުހަނިމާދޫ އެއާޕޯޓު އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން ސަރުކާރުން މަސައްކަތް ކުރާކަމަށް މީގެ ކުރިން ވާހަކަ ދެކެވުނެވެ. ނަމަވެސް ދިވެހި ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
އެނގުން މުހިއްމު - ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށްފައިވަނީ އަހަރަކު1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.
މަޝްރޫއުގެ އަގަކީ 136 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)
2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއް ހިމެނޭ
 އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓުތަކަށް ބޭނުންކުރެވޭނެ
ފާހަގަ ކުރެވޭ - ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ތަރައްގީ ކުރަން މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރާ ހަވާލު ކުރި އެވެ. ނަމަވެސް އެކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބޮޑު ކެމްޕޭނެއް ހިންގާ، ނަޝީދުގެ ވެރިކަން ބަދަލުވުމާއެކު ޖީއެމްއާރާއެކު ހަދާފައިވާ އެއްބަސްވުން ވަނީ އުވާލައިފަ އެވެ.
ފަހުން އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 270 މިލިއަން ޑޮލަރު (4.1 މިލިއަން ރުފިޔާ) ދިވެހި ސަރުކާރުން އެ ކުންފުންޏަށް ދެއްކި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ