ނޮވެމްބަރު މަހުގެ ކުރީކޮޅު ހުޅުވި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން އިންޑިއާއާ ހަވާލުކުރުމަށް ދިވެހި ސަރުކާރުން ހުށަހާޅާފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
ދަ ހިންދޫ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދިވެހި ސަރުކާރުން މިކަމަށް އެދި ހުށަހެޅި ޕްރޮޕޯސަލް ދިރާސާ ކުރުމަށް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން މި ހަފުތާ ތެރޭ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއި) ގައި އެދިފައިވެ އެވެ.
ހަނިމާދޫ އެއާޕޯޓު ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަން އެދިވަޑައިގަތީ ސީދާ ރައީސް މުހައްމަދު މުއިއްޒު ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. އެކަން ހުށަހެޅުއްވީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ވަޑައިގެންނެވި ސިވިލް އޭވިއޭޝަން ޔޫނިއަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިދު އަށް ކަމަށް ވެސް ދަ ހިންދޫ އިން ރިޕޯޓުކޮށްފައިވެ އެވެ.
ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޮވެމްބަރު 10، 2025، ގައި މުއިއްޒު ވަނީ ކިންޖަރަޕޫ އާއި މާލޭގައި ބައްދަލުކުރައްވައިފަ އެވެ. ބެލެވޭ ގޮތުގައި ހަނިމާދޫ އެއާޕޯޓު އިންޑިއާއަށް ދިނުމަށް ހުށަހެޅީ މި ބައްދަލުވުމުގަ އެވެ.
ހަނިމާދު އެއާޕޯޓު ހުޅުވަން މޯދީ ފޮނުއްވި މަންދޫބާއި މުއިއްޒު، ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ ---- ފޮޓޯ: ރައީސް އޮފީސް
ދިވެހި ސަރުކާރުގެ ޕްރޮޕޯސަލް ދިރާސާކުރަން ހަވާލުކޮށްފައިވާ އޭއޭއައިގެ ދަށުގައި އިންޑިއާގެ 113 އެއާޕޯޓެއް އޮވެ އެވެ. މީގެ ތެރެއިން އެ އިދާރާއިން ހިންގަނީ 26 އެއާޕޯޓެކެވެ. އަދި އެ އިދާރާގެ ދަށުގައިވާ ބައެއް އެއާޕޯޓުތައް ހިންގަނީ އެ ގައުމުގެ އަމިއްލަ ކުންފުނިތަކުންނެވެ.
މީގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ހަވާލުކުރި ޖީއެމްއާރުގެ އިތުރުން ޖީވީކޭ، އަދި އަދާނީ ގްރޫޕް ހިމެނެ އެވެ.
ޖީއެމްއާރުން ހުޅުލޭ އެއާޕޯޓު ހިންގަން ފެށުމާއެކު އޭރުގެ އިދިކޮޅުން ބޮޑެތި މުޒާހަރާތަކެއް ކުރި އެވެ. ނަޝީދުގެ ވެރިކަން ބަގާވާތަކުން ވައްޓާލުމުގެ ކުރިން ކުރި ސިލްސިލާ މުޒާހަރާތަކުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ވެސް މިހާރު ވެރިކަމުގައި އޮތް ޕީއެންސީ ފިކުރުގެ ސިޔާސީ ވެރިން އޭރު ދެއްކީ އެއާޕޯޓު "ވިއްކާލުމެވެ."
ނަޝީދުގެ ވެރިކަން ވައްޓާލައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖީއެމްއާރު އާއެކު އޮތް އެއްބަސްވުން އުވާލީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި ދިވެހި ދައުލަތުން 270 މިލިއަން ޑޮލަރު ދޭން ޖެހެނުވެ. އެ ނިންމުން ނިންމި ސަރުކާރުގެ ކެބިނެޓުގައި މުއިއްޒު އިންނެވި އެވެ.
އިންޑިއާގެ ނޫސްތަކުން މިފަދައިން ރިޕޯޓު ކޮށްފައިވާއިރު މީގެ ހަ މަސް ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ހަނިމާދޫ އެއާޕޯޓު އަދާނީ ގްރޫޕަށް "ވިއްކާލަން" މުއިއްޒުގެ ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ޖުލައި 3، 2025، ގައި ބޭއްވި ޕީއެންއެފް ގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވަނީ އެ ދުވަސްވަރު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރެއްގައި މިކަމުގެ މަޝްވަރާއަށް އަދާނީ ގްރޫޕުގެ އިސްވެރިންނާ ބައްދަލު ކުރެއްވި ކަމަށް ވެސް ތުހުމަތުކުރައްވައިފަ އެވެ.
"ހަބަރު ލިބޭ ގޮތުގައި ވެއްޖިއްޔާ، ހަނިމާދޫގެ އެއާޕޯޓު ވިއްކާލަން މަސައްކަތް މި ކުރަނީ އަދާނީ ގްރޫޕަށް،" އެ ރޭ ޔާމީން ވިދާޅުވި އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު ހަރަދުވި އެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ އަހަރަކު 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ވަރަށެވެ.
މި މަޝްރޫއުގެ ކަންކަން އިންޑިއާގެ ސަރުކާރުން ވަރަށް ކައިރިން ބެލި އެވެ. ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރާއި ހައިކޮމިޝަނުގެ މުވައްޒަފުން އެކި ފަހަރުމަތިން ހަނިމާދޫއަށް ގޮސް މަޝްރޫއުގެ އަދާހަމަ ގަވާއިދުން ބެލި އެވެ.
ހަނިމާދޫ އެއާޕޯޓު ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަން މުއިއްޒު އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފި ހަނިމާދޫ އެއާޕޯޓު ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަން މުއިއްޒު އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ