ހަނިމާދޫ އެއާޕޯޓް އިންޑިއާއަކަށް ނުދޭނަން، ހިންގާނީ ސަރުކާރުން: މިނިސްޓަރު
އިންޑިއާގެ ލޯނުގައި ވަރަށް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް މިހާރު ޚިދުމަތް ދެމުން އަންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ކުންފުންޏަކަށް ދޭން އުޅޭ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނާ ވާހަކަ ދިވެހި ސަރުކާރުން މިއަދު ދޮގުކޮށްފިއެވެ. އެމްޑީޕީގެ ވެރިކަމުގައި, އިންޑިއާއިން ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހަނިމާދޫގައި ތަރައްގީ ކުރި ޒަމާނީ އެއާޕޯޓް ހުޅުވީ, މިދިޔަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެ އެއާޕޯޓު ހުޅުވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބު އަދި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫއެވެ. https://www.sun.mv/216183 އިންޑިއާގެ ވަރަށް މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ހިންދޫ" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި, އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު, އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ އަރިހުގައި, ދިވެހި ސަރުކާރުގެ ފަރާތުން މިކަމަށް އެދިވަޑައިގަތީ ރައީސް މުއިއްޒެވެ. މިކަމާ ހަވާލުވުމާ ނުވަތަ ނުވުމާ މެދު ގޮތެއް ނިންމުމަށް, އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) އިން ދިރާސާ ކުރުމަށް އެ ގައުމުގެ ސަރުކާރުން މިހާރު އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށް ވެސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ. މިކަމާ ގުޅިގެން "ސަން" އިން ސުވާލު ކުރުމުން ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވީ އެއީ ދޮގު މައުލޫމާތެއް ކަމަށެވެ. ހަނިމާދޫ ވެސް އަދި ރާއްޖޭގެ އެހެން އެއްވެސް އެއާޕޯޓެއް ހިންގުމަށް ވެސް އެއްވެސް އެހެން ގައުމެއްގެ ކުންފުންޏަކާ މި ސަރުކާރުން ހަވާލު ނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "ހަނިމާދޫ އެއާޕޯޓް ވެސް ހިންގާނީ ސަރުކާރުން. އެކަމަކު އެހެން ގައުމުތަކުގެ އެއާލައިންތަކުން ދަތުރުތައް ކުރާނެ އާންމު އުސޫލުން. އެކަމަކު އެއާޕޯޓް ހިންގުމަށް އެއްވެސް ގައުމެއްގެ ކުންފުންޏަކާ ހަވާލެއް ނުކުރާނަން," އަމީން ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ރަނގަޅަށް ހިންގަމުން އަންނަ ކަމަށާއި އިންޓަނޭޝަނަލް އެއާލައިންތަކުގެ ދަތުރުތައް ފަށަން މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ރައީސް މުއިއްޒު, ޓްރާންސްޕޯޓް މިނިސްޓަރު އަމީނާ ސަލާމް ކުރައްވަނީ: -- ފޮޓޯ/ ޓްރާންސްޕޯޓު މިނިސްޓްރީ މީގެ ކުރިން ވެސް ވަނީ ހަނިމާދޫ އެއާޕޯޓް ހިންގުމަށް އިންޑިއާގެ އެހީއަށް މި ސަރުކާރުން އެދިފައިވާ ކަމުގެ އަޑުތައް ފެތުރިފައެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ކުރިން ވަނީ އެކަން ދޮގުކުރައްވައިފައެވެ. މީގެ 39 އަހަރު ކުރިން ހެދި ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ކުރިން، އެ އެއާޕޯޓުގެ ރަންވޭ ކުޑަކަމުން މިހާތަނަށް ޖައްސަމުން އައީ، އޭޓީއާރްއާއި ޑޭޝް މަރުކާގެ ބޯޓުތައް އެކަންޏެވެ. ފަހުން ހަނިމާދޫ އެއާޕޯޓު ހުޅުވީ ޒަމާނީ ވަސީލަތްތަކާ އެކީގައެވެ. އެގޮތުން، މި އެއާޕޯޓު ހުޅުވީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 10،300 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލްއަކާ އެކީގައެވެ. އެ އެއާޕޯޓުގެ 2،465 މީޓަރު ދިގު ރަންވޭއަކީ ނެރޯ ބޮޑީގެ ހުރިހާ ވައްތަރެއްގެ މަތިންދާ ބޯޓު ޖެއްސޭވަރުގެ ރަންވޭއެކެވެ. އަދި، ފިއުލް ފާމަކާއި ކާގޯ ޓާމިނަލްއެއް ވަނީ ތަރައްގީކޮށްފައެވެ. ނަމަވެސް މިހާތަނަށް އެ އެއާޕޯޓަށް އިންޓަނޭޝަނަލް އެއާލައިންތަކުން އަދި ދަތުރު ފަށާފައެއް ނުވެއެވެ. ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އެހީގައި ތަރައްގީ ކުރަން ފެށުމުން މި ސަރުކާރުގެ ވެރިން އޭރު އިދިކޮޅުގައި ތިއްބެވިއިރު އެކަން ސިފަ ކުރެއްވީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައެވެ. އަދި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ހިންގަން ދިނުމުން އެކަމާ ދެކޮޅަށް ވަކާލާތު ކުރައްވައި އެ އެއްބަސްވުން އުވާލެއްވި ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުގެ ކެބިނެޓުގައި ވެސް ރައީސް މުއިއްޒު އިންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ