ކާނާ ހަޖަމުކުރުމުގެ ނިޒާމާއި ސިކުނޑި: ގުޅުމަކީ ކޮބާ؟
އިންސާނާގެ ކާނާ ހަޖަމުކުރުމުގެ ނިޒާމާއި ސިކުނޑިއާ ދެމެދުގައިވާ ވަރުގަދަ ގުޅުމާއި، ދިރިއުޅުމުގެ އާދަކާދަތަކުގެ ސަބަބުން މީހާގެ މިޒާޖަށާއި ސިއްހަތަށް ކުރާ އަސަރުތަކުގެ މައްޗަށް ތަޖުރިބާކާރުން އަލިއަޅުއްވާލައްވައިފިއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މިކަންކަން ތަޖުރިބާ ކުރެވިފައިވާނެއެވެ. އިންޓަވިއުއަކަށް ދިޔުމުގެ ކުރިން ބަނޑަށް އުނދަގޫވުމާއި، ހާސްކަމެއް ކުރިމަތިވާ ވަގުތުތަކުގައި މޭ ނުބައިކުރުމާއި، ނުވަތަ ނަފްސާނީ ގޮތުން ފިއްތުންތަކެއް ކުރިމަތިވުމުން ބަނޑު ފުއްޕުން ފަދަ ކަންކަމަކީ ހަމައެކަނި އިއްތިފާގެއް ނޫނެވެ. މިއީ ބަނޑާއި ސިކުނޑިއާ ދެމެދުގައި އޮންނަ ވަރަށް ބޮޑު މުއާމަލާތެކެވެ. އެއް ގުނަވަނަށް ކުރާ އަސަރު އަނެއް ގުނަވަނުގެ މަސައްކަތަށް ނުފޫޒު ފޯރުވައެވެ. "ގަޓް-ބްރެއިން އެކްސިސް" ނުވަތަ ބަނޑާއި ސިކުނޑީގެ ދެމެދުގައި އޮންނަ ގުޅުމަކީ، އިންސާނާގެ އިހުސާސްތަކުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމަށް ބަދަލު އަންނަ ގޮތާއި، އަދި ބަނޑަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާގޮތް ކޮންޓްރޯލްކުރާ ނިޒާމެވެ. ހަޖަމުގެ ނިޒާމަށް ދިމާވާ ބަލިތަކުން ރައްކާތެރިކަން ހޯދުމަށް ކެއުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަމާލުކަން ދިނުން މުހިއްމު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ހައިދަރުއާބާދުގެ ޔަޝޯދާ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ސައިކޮލޮޖިސްޓް ޑރ. ޕްރަގްޔާ ރަޝްމީ ވިދާޅުވާ ގޮތުގައި، ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ ބުރޫއެރުންތަކުގެ ސަބަބުން މީހާގެ ވިސްނުމަށާއި، އިހުސާސްތަކަށާއި، އަދި ހާސްކަން މެނޭޖުކުރުމުގެ ގާބިލުކަމަށް އަސަރުކުރެއެވެ. ކަންބޮޑުވުމާއި، މާޔޫސްވުން ނުވަތަ ވަރުބަލިވުން ފަދަ ކަންކަން ބޮޑުވަނީ ބަނޑުގެ ސިއްހަތު ދަށްވުމުންނެވެ. ނަމަވެސް، ސިއްހަތަށް ފައިދާހުރި ކެއުމާއި، އެކަށީގެންވާ ނިދި އަދި ހާސްކަން ކުޑަކުރުމުން ހަށިގަނޑާއި ސިކުނޑިއަށްވެސް އޭގެ ފައިދާ ކުރެއެވެ. މިއީ ހާސްވުމުގެ ސަބަބުން ބަނޑުގައި އެސިޑް އުފެދުމާއި މޭ ނުބައިކުރުން ފަދަ ކަންކަން ދިމާވާ މައިގަނޑު ސަބަބެވެ. އެޕޯލޯ ހޮސްޕިޓަލްގެ ސީނިއާ ކޮންސަލްޓަންޓް ގޭސްޓްރޯއެންޓްރޮލޮޖިސްޓް ޑރ. ރަގޫ ޑީ.ކޭ ފާހަގަ ކުރެއްވި ގޮތުގައި، ދިގު މުއްދަތަކަށް ބަނޑު ހިކުމާއި، އެސިޑިޓީ ނުވަތަ އައިބީއެސް ފަދަ މައްސަލަތައް ހުންނަ ނަމަ، މީހާގެ ހާސްކަން އިތުރުވެއެވެ. މީގެ އިތުރުން، އެންޓިބަޔޮޓިކްސް އާއި ތަދުކަނޑުވާ ބޭސްތައް މާގިނައިން ބޭނުން ކުރުމުން ބަނޑުގައި ހުންނަ ފައިދާހުރި ބެކްޓީރިއާތައް މަރުވެ، ހަށިގަނޑަށް ބޭނުންވާ މާއްދާތައް ދަމައިގަތުމަށް ހުރަސް އެޅެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ހަކަތަ ދަށްވެ، މިޒާޖަށް ބަދަލު އާދެއެވެ. ކާނާ ހަޖަމުކުރުމުގެ ނިޒާމާއި ސިކުނޑިއާ ދެމެދުގައިވާ މި ނޭދެވޭ ސިލްސިލާ ކަނޑުވާލުމަށްޓަކައި ކައުންސެލިން ނުވަތަ ތެރަޕީގެ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއްކަމަށް ޑރ. ޕްރަގްޔާ ވިދާޅުވިއެވެ. ބައެއް ފަހަރު ހަމައެކަނި ކެއުމުން ނުވަތަ ބޭހުން މި މައްސަލަ ހައްލެއް ނުވެއެވެ. ނަފްސާނީ ތަޖުރިބާކާރެއްގެ އެހީގައި ހާސްކަން ކުޑަކުރުމުން، ނުސީދާ ގޮތެއްގައި ބަނޑުގެ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުވެ، ބަނޑުގެ ދުޅަހެޔޮކަން އިއާދަވެއެވެ. ބަނޑުގެ ސިއްހަތު ދަށްވުމުގެ ނިޝާންތަކަކީ ގިނަ ފަހަރަށް ވަރަށް އާދައިގެ ކަންކަމެވެ. އޭގެ ތެރޭގައި ބަނޑު ފުއްޕުން، ބަނޑު ހިކުން، ބަނޑުދިޔާވުން، މާބޮޑަށް ވަރުބަލިވުން، ނިދަން އުނދަގޫވުން އަދި އަވަހަށް މޫޑު ބަދަލުވުން ހިމެނެއެވެ. ހަޖަމުގެ ނިޒާމަށް ދިމާވާ ބަލިތަކުގެ އަލާމާތެއް ފެނިއްގެނަމަ ޑޮކްޓަރެއްގެ އެހީތެރިކަން ވީހާވެސް އަވަހަކަށް ހޯދަންވާނެ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ހަކުރު ގިނަ ކާތަކެއްޗާއި، ޕްރޮސެސްކޮށްފައިވާ ކާތަކެތި، ބަނގުރާ، ކެފެއިން އަދި ތެލުގެ މިންވަރު މަތި ކާތަކެއްޗަކީ ހަޖަމުކުރުމުގެ ނިޒާމު ގަޑުބަޑުކޮށް ހާސްކަން އިތުރުކުރުވާ ބާވަތްތަކެވެ. މީގެ ބަދަލުގައި، އާދައިގެ ބައެއް ކަންކަމުން އެކަން ބެލެންސްކޮށްލުމަށް އެހީތެރިވެދޭ ކަމަށް ސިއްހީ މާހިރުން މިވަނީ ލަފާދެއްވާފައެވެ. ޑރ. ރަގޫ ލަފާދެއްވާ ގޮތުގައި ޔޮގަޓް އަދި ބަޓަމިލްކްގެ އިތުރުން ފައިދާހުރި ބެކްޓީރިއާ އެކުލެވޭ ކާތަކެތި ބޭނުންކުރުމަކީ ހަޖަމުކުރުން ރަނގަޅުކޮށް މޫޑު އުޖާލާކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ގަޑިން ގަޑިއަށް ކެއުމާއި، ކާއެއްޗެހި ރަނގަޅަށް ހަފާލައިގެން ކެއުމާއި، މާގިނައިން ނުކެއުމާއި އަދި ގިނައިން ފެން ބުއިމަކީ ދިރިއުޅުމުގައި ބަދަލުތަކެއް ގެނުވާނެ އާދަތަކެވެ. ބަނޑުގެ ސިއްހަތު ރަނގަޅު ކުރުމަކީ ހަމައެކަނި ކެއުމާ ގުޅިފައިވާ ކަމެއް ނޫނެވެ. ހާސްކަން މެނޭޖުކުރުމާއި، އަރާމު ނިދި ހޯދުމާއި، ބޭނުންވާ ވަގުތު ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަކީ ވެސް އެހާމެ މުހިންމު ކަންކަމެވެ. ޑރ. ޕްރަގްޔާ ފާހަގަކުރައްވާ ގޮތުގައި ބަނޑާއި ސިކުނޑިއަށް އެއްފަހަރާ ފަރުވާ ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ހަތް ގަޑިއިރާއި އަށް ގަޑިއިރާ ދެމެދު ނިދުމާއި، ކޮންމެ ދުވަހަކު ކަސްރަތުކުރުމާއި، ޔޯގާ ނުވަތަ ނޭވާލާ ކަސްރަތުތައް ފަދަ ހިތްހަމަޖައްސައިދޭ ކަންކަން ކުރުމަކީ ހަށިގަނޑާއި ސިކުނޑީގެ މަސްލަހަތު އިއާދަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެކެވެ. ބަނޑުގެ މައްސަލަތަކާއި ނަފްސާނީ ހާސްކަން އެކުގައި ކުރިމަތިވާ ނަމަ، ބަނޑުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި ނަފްސާނީ ބަލިތަކުގެ ތަޖުރިބާކާރެއްގެ އެހީތެރިކަން ހޯދުމުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބުމަށް އެހީތެރިވެދޭނެ ކަމަށް ޑރ. ޕްރަގްޔާ ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ