ދިވެހިން ސާފުކޮށް ނޫނެކޭ ބުނެފި؛ ރާއްޖެ އަލުން ހޯދުމުގެ މަސައްކަތް މި ފެށުނީ: ފައްޔާޒު

މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ރައީސް މުހައްމަދު މުއިއްޒަށް ސާފުކޮށް ދިވެހިން ނޭނެކޭ ބުނެފައިވާ ކަމަށާއި ރާއްޖެ އަލުން ހޯދުމުގެ މަސައްކަތް އެމްޑީޕީން މިއާ އެކު ފަށައިގަތީ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ބޭއްވި ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ހުރިހާ ސިޓީތަކެއްގެ އެމްޑީޕީ މޭޔަރުން ވަނީ ގޮނޑި ދިފާއުކުރައްވާފަ އެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ކައުންސިލް މެމްބަރުން ވެސް ގިނަ ގޮނޑިތަކެއް ވަނީ ކާމިޔާބުކުރައްވާފަ އެވެ.
މީގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލަން ފެނޭތޯ ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި މިހާތަނަށް ގުނި %72 މީހުން ބުނެފައިވަނީ ނޫނެކޭ އެވެ.
ބުނީ ކީކޭ؟ - ކާމިޔާބު ހޯދި އެމްޑީޕީގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ހޫނު މަރުހަބާއެއް ވިދާޅުވެ، ފައްޔާޒު މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކާމިޔާބީގެ އަސްލަކީ ޕާޓީގެ ހިތްވަރުގަދަ އާންމުން މެންބަރުން ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހު ހިމެނޭހެން އެއް އަމާޒަކަށް މަސައްކަތްކުރެއްވީތީ އެ ޕާޓީގެ ލީޑާޝިޕަށް ފައްޔާޒު ޝުކުރު ދެންނެވި އެވެ. 
ފައްޔާޒު ވިދާޅުވީ:
މިއަދުގެ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ދިވެހި ރައްޔިތުން ވަނީ ރައީސް މުއިއްޒަށް ސާފުކޮށް ނޫނެކޭ ބުނެފައި
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީއަށް އިތުބާރުކޮށް، ރައީސް މުއިއްޒުގެ ހުދުމުހުތާރު އެޖެންޑާއާ ދެކޮޅަށް ވޯޓު ދެއްވި އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން
މިއީ ބާރުތައް މަސްހުނިކުރުމާއި އިގުތިސާދު ފަނާކުރުމާއި ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ދިން ސާފު މެސެޖެއް
މިއީ އިދިކޮޅު ފަރާތްތަކުން ހިޔާލު ތަފާތުވުންތައް އެއްކިބާކޮށް، ގައުމީ މަސްލަހަތަށް މަސައްކަތް ކުރުމުގެ ނަތީޖާ
"ރައްޔިތުންގެ އަޑު އުފުލައި މި ސަރުކާރު ބަދަލުކުރުމުގެ ޒިންމާ އުފުލަން އެމްޑީޕީ އޮތީ ތައްޔާރަށް. ދިވެހިރާއްޖެ އަލުން ހޯދުމުގެ މަސައްކަތް މި ފެށުނީ،" ފައްޔާޒުގެ ޕޯސްޓުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ