އެމްޑީޕީން މުއިއްޒު ދޫކޮށް ރިޔާސީޓިކެޓާ ތެޅުމަކީ ކުރި އިތުބާރުގައި ކޮޅުފައިންޖެހުން

ދެރަކަމުގެ ކޮޅެއްނެތެވެ. ގައުމުގެ ހެވާ ލާބައަށް މަސައްކަތް ކުރާ ބަޔަކަށް މިވަގުތަކީ ބާރަށްޓަކާ ޖާގަހަދަން ހިފާތަޅަންވީ ވަގުތެއް ނޫނެވެ. ޑިމޮކްރެޓިކް ވާދަކުރުމެއްގެ ތެރެއިން ވެރިކަމެއް ހޯދޭވަރުގެ މާހައުލެއް މި ރާއްޖެއަކު މިހާރަކު ނެތެވެ. ގައުމު އޮތީ ހުދުމުހުތާރު ވެރިއެއްގެ މުށުތެރޭގައެވެ.
ވޯޓުލީ ތަނެއްގައި ލާވޯޓު އަދި ގުނާލެވޭތީ ވޯޓުފޮށިން މާބޮޑު ގޮތެއް އަދި ހަދާނުލެވުނަސް އެނޫން ހުރިހާކަމެއް އޮތީ މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލުގައެވެ. ގާނޫނަށް ގެންނަ ބަދަލަކުން ވޯޓުލާ ވޯޓުގުނާ ނަތީޖާ ނެރުމުގެ ނިޒާމު ބަދަލުކޮށްލުމަކީ މުއިއްޒަށް މާ އުދަގޫކަމަކަށް ނުވާނެއެވެ. 
އެހެން ކަމުން ގިނަ ކައުންސިލްތަކެއް ސަރުކާރަށް ނުލިބުނަސް ފެންނަ ނުފެންނަ ވޯޓް ސަރުކާރާ ދެކޮޅަށް ނިކުތަސް މުއިއްޒުގެ ހުދުމުހުތާރުކަން ކުޑައެއް ނުވެއެވެ. މުއިއްޒަށް ބަދަލެއް ނާދެއެވެ. ބަދަލެއް އައިއްޔާއައީ އިތުރަށް ހުދުމުހުތާރުކަން ބޮޑުވުމެވެ. 
ގޮށްމުށުގެ ވެރިކަމެއްކުރަން ފައިވިއްދާފައި ހުރި މުއިއްޒު ކަހަލަ ވެރިންގެ ކިބައިން ގައުމު މިނިވަން ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެއްބަޔަކު އެކަންޏަށް ވާވަރުގެ ކަމެއްވެސް ނޫނެވެ. އާއްމު ރައްޔިތުންގެ ގިނަބަޔކަށް އަނގަޔާ އަތާ ދިމާނުވުގެ ބިރާއި ބޭސްފަރުވާ ނުކުރެވުމުގެ ބިރާއި ވަޒީފާގެ ބިރުދައްކައިގެން ރައްޔިތުން އޮތީ އޮބިއަޅުވާފައެވެ. އަމިއްލަ ހާލަށްޓަކާ ގިނަމީހުން ތިބީ ގުޑިލަންވެސް ނުކެރިއެވެ. 
ގައުމު އެކީ އެކައްޗަކަށް ހީރަސްކެނޑިފައި އޮއްވާ ގުޅިގެން މަސައްކަތްކޮށް ރައްޔިތުން މުއިއްޒާ ދެކޮޅަށް ތެދުވުމަށް ހިއްވަރު ލިބުނު ވަގުތު އެމްޑީޕީގެ ލީޑަރޝިޕުން މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. ވެރިކަމުގެ ހުވަފެން ދެކިގެން ބާރުހޯދަން ތަޅާފޮޅާ ފޯކަހުން މުއިއްޒު ގެއްލުވާލަނީ ގައުމަށް ހެޔޮ އެދިގެން ހެއްޔެވެ. ނޫނީ ވެރިކަމުގެ ލައްޒަތުގައި ހެއްޔެވެ. 
ރައްޔިތުން އެމްޑީޕީއަށް އިތުބާރުކޮށް ވޯޓުދިނީ މާމޮޅު ލީޑަރޝިޕަކަށް ވެގެނެއްނޫނެވެ. އެވަރުގެވެސް އެހެން ބަޔަކު ފެންނަން ނެތީމައެވެ. އޮޅެގެން ނޫޅޭށެވެ. މުއިއްޒު ހުދުމުހުތާރުވެރިކަން ބަލިކޮށް ޑިމޮކްރެޓިކް މިނިވަން އަދުލުވެ ސިޔާސީ ވެއްޓެއް ގާއިމުނުކޮށް 2028 ހޯދަން ނޫލޭށެވެ.
ރިޔާސީ ޓިކެޓަށް ފައިނެގުމުގެ ކުރީން މުއިއްޒަށް ޕްރެޝަރކޮށްގެން ޖުޑިޝަރީއާއި ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް މިނިވަން މުއައްސަސާތައް މިނިވަންކޮށް ބަލާށެވެ. މުޅި އެމްޑީޕީ ގުޅިގެން މިއަދު ކުރަންވީ ކަމަކީ އެނޫން ކޮންކަމެއް ހެއްޔެވެ. އެމްޑީޕީން މުއިއްޒު ދޫކޮށްލާފާ ބައިހަދައިގެން ރިޔާސީޓިކެޓާ ތަޅަން ފެށުމަކީ ރައްޔިތުން ކުރި އިތުބާރުގައި ކޮޅުފައިންޖެހުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ