މާލޭ މޭޔަރަކީ ކޮންމެ ދުވަހަކު ސަރުކާރު ހޫނު ފެނަށްލާ މީހަކަށް ވާންޖެހޭ، އެކަން ވާނީ އަލީއަށް: ފައްޔާޒް

މާލޭގެ މޭޔަރަކީ ކޮންމެ ދުވަހަކު ސަރުކާރު ހޫނު ފެނަށް ލެވޭނެ މީހަކަށް ވާން ޖެހޭ ކަމަށާއި އެ ކަން ކުރެވޭނީ އެ މަގާމަށް އެމްޑީޕީ ޓިކެޓަށް މިހާރު ވާދަކުރައްވާ އަލީ އާޒިމަށް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ. ރޭ ބޭއްވި އަލީ އާޒިމްގެ ކެމްޕެއިން ހަރަކާތުގައި އެމްޑީޕީ މެންބަރުންނަށް އިޝާރާތްކުރައްވައި ފައްޔާޒު ވިދާޅުވީ، ބަލަން ޖެހޭނީ ކުރިއަށް ކަމަށެވެ. މި ގޮތުން، އެ ޕާޓީގެ 20 އަހަރުގެ އުންމީދުތަކުގައި ކުލަ ޖައްސައި، ކަށަވަރުކުރުމަށްޓަކައި އެމްޑީޕީއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ޕާޓީގެ މިސްރާބު ބަދަލުކުރަން ޖެހޭކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ، އެ ކަން ކުރެވޭނީ މާލޭގެ މޭޔަރަކަށް އެ ޕާޓީގެ ބޭފުޅަކަށް އިންތިޚާބުވެގެން ކަމަށެވެ. ފައްޔާޒާއި ނަޝީދު އަލީ އާޒިމްގެ ކެމްޕެއިން ހަރަކާތުގައި --- ފޮޓޯ/ އާޒިމް ކެމްޕެއިން ފައްޔާޒު އެފަދައިން ވިދާޅުވިއިރު، މިހާރު ވެސް މާލޭގެ މޭޔަރަށް ހުންނެވި އާދަމް އާޒިމް އެ މަގާމަށް އިންތިޚާބުވީ، އެމްޑީޕީ ޓިކެޓުގައެވެ. ދެވަނަ ދައުރަކަށް އާދަމް އާޒިމް ވެސް އެ ޕާޓީގެ ޓިކެޓަށް ވާދަކުރައްވާއިރު، ފައްޔާޒު ތާއިދުކުރައްވަނީ އަލީ އާޒިމަށެވެ. "އެކަން [ސަރުކާރު ހޫނުފެނަށް ލެވޭނީ] ކުރެވޭނީ މާލެ ސިޓީގައި އަޅުގަނޑުމެންގެ މޭޔަރަކު ހުރެގެން. އެ މޭޔަރަކީ ކޮންމެ ދުވަހަކު މި ސަރުކާރު ހޫނު ފެނަށް ލާނެ މީހަކަށް ވާން ޖެހޭ. އެކަން ކުރެވޭނީ އަލީ އާޒިމަށް،" ފައްޔާޒު ވިދާޅުވިއެވެ. އޭގެ އިތުރަށް، އަންނަ ހަފުތާގެ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރުމަކީ އެ ޕާޓީގެ ކުރިމަގު އަލިވެ، ރާއްޖެ ބޭނުންވާ މިސްރާބަށް ގެންދެވޭނެ ފިޔަވަޅަކަށް ވާނެ ކަމަށް ފައްޔާޒު ގަބޫލުކުރައްވައެވެ. https://sun.mv/215783 ޕްރައިމަރީއަށް ތައްޔާރުވާއިރު، މާލޭގެ މޭޔަރުގެ ޓިކެޓުގެ އިތުރަށް އެހެނިހެން ދާއިރާތަކުގެ ޓިކެޓު ހޯދުމުގެ ވާދަވެރިކަން އަނެއްކާ ވެސް ވަނީ ބޮޑުވެފައެވެ. މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުން ފެށިގެން އެމްޑީޕީގެ ތެރޭގައި ބައިބައިވުން ބޮޑުވެ، އެ ޕާޓީ ރަނގަޅަށް ނުހިނގާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އޭގެ ފަހުން އެ ޕާޓީގެ ޗެއާޕާސަންކަމުން ފައްޔާޒް އިސްތިއުފާދެއްވުމުން އަނެއްކާ ވެސް އެ ވާހަކަތައް ތިލަވިއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ނަޝީދާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތައް ބޮޑުވެ، ދަ ޑިމޮކްރެޓްސް އުފެއްދީ މިދިޔަ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި އޮއްވައެވެ. އެކަމަކު، މިދިޔަ އަހަރު އެ ޕާޓީ ދޫކޮށްލައި، ނަޝީދާއި އެ މަނިކުފާނުގެ އަރިސް އެންމެން ވަނީ އެނބުރި އެމްޑީޕީއަށް ސޮއިކޮށްފައެވެ. ދެ ރައީސުން މިދިޔަ ޑިސެންބަރު މަހު ބައްދަލުކުރައްވައި، އެކުގައި މަސައްކަތްކުރައްވާނެކަން ވެސް ވަނީ އިއުލާނުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ