ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުން އަމްޖަދު އިސްތިއުފާދެއްވައިފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުން އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އިސްތިއުފާދެއްވައިފިއެވެ.
އިސްތިއުފާ ދެއްވިކަން އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ އެމަޤާމަށް އޭރު ނަން ހުށަހެޅުއްވި ބޭފުޅުންގެ މެދުގައި ކުރިއަށްގެންދިޔަ އިންޓަވިއުގައި އެންމެ މަތީން މާކްސް ލިބިވަޑައިގެން މަޤާމަށް އައްޔަންކުރެއްވި އަމްޖަދު މުސްތަފާ އެމަޤާމުން އިސްތިއުފާދެއްވި ސަބަބަބެއް ހާމަކުރައްވާފައިނުވެއެވެ.
އަމްޖަދު މުސްތަފާގެ ކުރިން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމުގައި 2020ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ހުނެނެވި އަލްއުސްތާޛާ ޢާއިޝަތު ރިޒުނާއެވެ. ޢާއިޝަތު ރިޒުނާ އިސްތިއުފާ ދެއްވީ 2024ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5ވަނަ ދުވަހުއެވެ.
އަލްއުސްތާޛު އަމްޖަދު މުޞްޠަފާ މީގެ ކުރިން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމާއި ނައިބުރައީސްކަން ކުރައްވާފައެވެ. އަދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަމުގެ މަޤާމުވެސް އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ފުރުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ