ފެމެލީ ކޯޓުގެ އިސް ގާޒީއަކަށް އަބްދުﷲ ނަޝީދު

ޖޭއެސްސީން ހާމަކުރި ގޮތުގައި، ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެ މަގާމަށް އަބްދުﷲ ނަޝީދު އައްޔަންކުރުމަށް ކޮމިޝަނަށް ލަފާދޭ ކޮމިޓީން ވަނީ ނިންމާފައެވެ. އެ ލަފާގެ މައްޗަށް ބިނާކޮށް، މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި އޭނާ އެ މަގާމަށް އައްޔަންކުރުމަށް ވަނީ ރަސްމީކޮށް ނިންމާފައެވެ.
އަބްދުﷲ ނަޝީދަކީ ތައުލީމީ ގޮތުން އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް އިން މާސްޓާ އޮފް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވެސް ފުރިހަމަކުރައްވާފައެވެ.
ޝަރުއީ ދާއިރާގައި 21 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ނަޝީދު ވަނީ މީގެ ކުރިން ގިނަ މަގާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، އެ ކޯޓުގެ އިސް މެޖިސްޓްރޭޓްކަމުގެ އިތުރުން ނ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ހިމެނެއެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.
އަބްދުﷲ ނަޝީދު ފެމެލީ ކޯޓުގެ ގާޒީކަމުގެ މަގާމަށް އެންމެ ފުރަތަމަ އައްޔަންކުރެވުނީ 24 މާރިޗު 2016 ގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް އޭނާ ހުންނެވީ އެ ކޯޓުގެ ގާޒީއެއްގެ މަގާމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ