ބީއެމްއެލްއަށް ފުރަތަމަ ކުއާޓަރުގައި ފައިދާއަށް 631 މިލިއަން؛ %27 އިތުރު

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް 631 މިލިއަން ރުފިޔާ ލިބުނުއިރު، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %27ގެ ކުރިއެރުމެއް ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލް އިން ވަނީ މި އަހަރުގެ ޖެނުއަރީން މާޗުގެ ނިޔަލަށް ހޭދަވި ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް މިއަދު އާންމުކޮށްފަ އެވެ.
ތަފްސީލް - މިދިޔަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %27ގެ ބޮޑު ކުރިއެރުމެކެވެ.
ބީއެމްއެލްގެ ޖުމްލަ އާމްދަނީ 1.24 ބިލިއަން ރުފިޔާއަށް އިތުރުވެފައިވަނީ، ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު އާމްދަނީ އާއި ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން:
ލޯނާއި ފައިނޭންސިންގެ ފައިދާއިން އާމްދަނީގެ ގޮތުގައި 796 މިލިއަން ރުފިޔާ ލިބުނުއިރު، ފީ އާއި ކޮމިޝަނުން 332 މިލިއަން ރުފިޔާ ވަނީ ލިބިފައި 
ބޭންކު ހިންގުމުގެ ހަރަދުތައް ބަލައިގެން މެނޭޖްކުރުމުގެ ސަބަބުން ހަރުދަނާ މިންގަނޑެއްގައި ހިފަހައްޓައި އާމްދަނީއާ އަޅާބަލާއިރު ހަރަދު ހުރި މިންވަރު (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ވަނީ ކުރީ އަހަރުގެ %25 އިން %24އަށް ރަނގަޅުކޮށްފައި 
އައިއެފްއާރުއެސް9ގެ މިންގަނޑުތަކާ އެއްގޮތަށް ލޯނުތަކަށް އުނިކުރެވޭ މިންވަރު (އީސީއެލް) ވެސް އަންނަނީ ހަރުދަނާ ގޮތެއްގައި ކަނޑައަޅައި ބަލަހައްޓަމުން
ބޭންކުގެ ބެލެންސްޝީޓަށް ބަލާއިރު:
މިދިޔަ ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 60.6 ބިލިއަން ރުފިޔާއަށް އަރާފައި 
މިއީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާގެ އިތުރުވުމެއް 
މިއީ ބޭންކުގެ ތާރީހުގައި ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އެރި ފުރަތަމަ ފަހަރު 
ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ އަދަދު 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މީގެ ތެރޭގައި ބޭރު ފައިސާގެ ޑިޕޮސިޓްތައް ބޮޑު ދައުރެއް އަދާކުރި 
އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު އިތުރުވެ، ލޯނުގެ ޖުމްލަ އަދަދު ވަނީ 27.6 ބިލިއަން ރުފިޔާއަށް އިތުރުވެފައި
ކާބޯތަކެއްޗާއި އަސާސީ ބޭނުންތަކަށް މުދާގެނައުމަށާއި އެހެން ވިޔަފާރި ބޭނުންތަކަށް، ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި 106.2 މިލިއަން ޑޮލަރު ބީއެމްއެލް އިން ވިއްކާފައިވެ އެވެ. މިއީ:
އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް 
މި ބޭނުމަށް މިދިޔަ އަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާ އަޅާބަލާއިރު %142 އިތުރު އަދަދެއް 
މި އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަން 32،000 މުއާމަލާތަށް ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވޭ
މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުން ހިދުމަތް ހޯދުމަށާއި ތަކެތި ގަތުމަށް، ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު މެދުވެރިކޮށް ކުރި މުއާމަލާތްތަކަށް 119.9 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މިއީ:
އެވްރެޖްކޮށް މަހަކަށް 40 މިލިއަން ޑޮލަރު 
މިއީ މިދިޔަ އަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި އަދަދަށް ވުރެ %23 އިތުރު އަދަދެއް 
މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ވިއްކާފައިވާ ޑޮލަރުގެ އަދަދު 226 މިލިއަން ޑޮލަރަށް ވުރެ ގިނަ
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން 28 ފެބްރުއަރީން ފެށިގެން ފަތުރުވެރިންގެ ބުކިންތައް ކެންސަލްވުމާއި ރާއްޖެ އަންނަ ފަތުރުވެރިން ހޭދަކުރާ މިންވަރު ދަށްވުމުގެ ސަބަބުން، ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުގެ މުއާމަލާތްތަކަށް ބޭރުން އަންނަ ފައިސާ (ނެޓް ކާޑު އިންފްލޯ) މި މަހުގެ މިހާތަނަށް ގާތްގަޑަކަށް ތިން ބައިކުޅަ އެއް ބައި ދަށްވެފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މުދާ އެތެރެކުރުމަށާއި ބޭރުގެ ހިދުމަތްތަކަށް ރާއްޖޭން ބޭރަށް ފޮނުވާ ފައިސާގެ މިންވަރު ވަނީ ދެގުނަ އިތުރުވެފަ އެވެ.
މި ބަދަލުތަކަށް ބަލާއިރު، ރާއްޖެއިން ބޭރުން ބީއެމްއެލް މެދުވެރިކޮށް އަންނަ ފައިސާއަށް ވުރެ އެ ބޭންކު މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ (ނެޓް އައުޓްފްލޯ) ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން ބީއެމްއެލް އިން ފާހަގަކުރި އެވެ.
މިފަދަ ގޮންޖެހުންތަކާ އެކު ވެސް، ބޭންކުން އަންނަނީ ބޭރު ފައިސާގެ މުއާމަލާތްތައް ހަރުދަނާކޮށް މެނޭޖްކުރަމުންނެވެ. އެގޮތުން، މި މަހުގެ ފުރަތަމަ 15 ދުވަހު އެކަނި ވެސް ކާބޯތަކެއްޗާއި މުހިންމު މުދާ އެތެރެކުރުމަށް، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް 25 މިލިއަން ޑޮލަރަށް ވުރެ ގިނައިން ބޭންކުން ވަނީ ބޭރު ފައިސާ ވިއްކާފަ އެވެ. މިއީ:
ފުރަތަމަ ކުއާޓަރުގެ އެވްރެޖަށް ވުރެ މާ މަތީ އަދަދެއްގެ އިތުރުން، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެެއް 
ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުތަކުގެ މުއާމަލާތްތަކަށް ބޭރު ފައިސާ ވިއްކި އަދަދު ވެސް ވަރަށް ބޮޑުތަން އިތުރުވެފައިވޭ؛ މި މަހުގެ ފުރަތަމަ 15 ދުވަހު 22 މިލިއަން ޑޮލަރު ވަނީ ވިއްކާފައި
އެނގުން މުހިންމު - މިދިޔަ އަހަރަކީ ބީއެމްއެލްއަށް މާލީ ގޮތުން ރެކޯޑް އަހަރެކެވެ. އެގޮތުން، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބުނުއިރު، އެއީ 2024 ވަނަ އަހަރާ އަޅާބަލާއިރު %9.8ގެ ކުރިއެރުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ