ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު ރިޒާވް ހުސްވެފައިވާ ކަމަށް ދެކެވޭ ވާހަކަ އާއި ގަވާއިދާ ހިލާފު، ނުރަސްމީ ޕްރައިވެޓް ޑީލަރުންގެ ގޮތުގައި ބްލެކް މާކެޓްގައި އެކްސްޗޭންޖްކުރާ ފަރާތްތަކުން ބޭރު ފައިސާ ހޯދާފައިވާ ކަމަށް ބުނާ ވާހަކަ އެ ބޭންކުން މިރޭ ދޮގުކޮށްފި އެވެ.
ވީކިހިނެއް؟ - ކާކުކަން ނޭނގޭ ފަރާތަކުން ސޯޝަލް މީޑިއާގައި ދައްކާފައިވާ އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު، އަދި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަން ބަޔާންކޮށް ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.
ތަފްސީލް - އެ ޕޯސްޓްގައި ސައީދު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަރުދަނާކޮށް ރެގިއުލޭޓް ކުރެވޭ މާލީ އިދާރާގެ ހައިސިއްޔަތުން، ބޭންކުން އަމަލުކުރަނީ މަރުކަޒީ ބޭންކް އެމްއެމްއޭން ކަނޑައަޅާފައިވާ އުސޫލުތަކާއި ރިޕޯޓިން ފްރޭމްވޯކްތަކާ އެއްގޮތަށް ކަމަށެވެ.
ބޭންކުގެ ޑޮލަރުގެ ރިޒާވް ހުސްވެފައިވާ ކަމަށް ބުނާ ވާހަކަތަކާ ދެކޮޅަށް ހުރި ހެކިތަކާއި ހިސާބުތައް ވެސް އެ ޕޯސްޓްގައި ހިމަނާފައިވެ އެވެ. އެގޮތުން:
މިއަދު ޝާއިއުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކުގައި، ބޭންކުން ވަނީ ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ޖުމްލަ 226 މިލިއަން ޑޮލަރު ވިއްކާފައި
އޭގެ ތެރޭގައި ކާބޯތަކެއްޗާއި ޒަރޫރީ މުދަލާއި އަދި ވިޔަފާރީގެ ބޭނުންތަކަށް އިމްޕޯޓް ކުރުމަށް ހާއްސަކޮށް ދޫކުރި 106.2 މިލިއަން ޑޮލަރު ހިމެނޭ؛ މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅާބަލާއިރު %142ގެ އިތުރުވުމެއް
މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެކަނި ވެސް ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް 25 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވަނީ ވިއްކާފައި؛ މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކުރި މިންވަރަށް ވުރެ ދެގުނަ އިތުރު އަދަދެއް
ބޭންކުން ބުނީ އެ ކަންކަމުން އިތުރަށް އެނގޭ ކަމަކީ ގައުމުގެ އިގްތިސާދަށް ބޭރު ފައިސާ ފޯރުކޮށްދިނުމުގައި މިފަދަ ބޮޑު އަދި ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދާފައިވަނީ ބޭންކުގެ ލިކުއިޑިޓީ މެނޭޖްމަންޓްގެ ހަރުދަނާކަމުގެ ސަބަބުން ކަމަށެވެ. އަދި ދިވެހި ރައްޔިތުންނާއި ވިޔަފާރިވެރިންގެ ބޭނުންތައް ފުއްދައިދިނުމަށް ބޭންކުން ދޭ ސަމާލުކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އެ ތަނުން ބުންޏެވެ.
ބީއެމްއެލްއަކީ ރާއްޖޭގެ އިގްތިސާދާ ނުހަނު ބޮޑަށް ގުޅިފައިވާ އަދި ރާއްޖެއާއި ބޭރު ގައުމުތަކާ ގުޅުވައިދޭ ޕޭމަންޓް ސިސްޓަމްގެ މައިބަދަ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ. އަދި ރާއްޖޭގައި ބޭރުގެ މުއާމަލާތްތައް ހިންގުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ބޭންކުކަން ވެސް އެ ތަނުން ފާހަގަކުރި އެވެ.
"މިއަދު އަޅުގަނޑުމެން އާންމުކުރި ނަތީޖާތަކުން ފެންނަ ފަދައިން، ބޭންކުގެ ބެލެންސް ޝީޓާއި ކެޕިޓަލް އެޑިކުއަސީ ހުރީ ވަރަށް ހަރުދަނާކޮށެވެ. އަޅުގަނޑުމެން ދެމިތިބޭނީ ދެފުށް ފެންނަ ގޮތެއްގައި ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ޚިދުމަތް ކުރުމުގަ އެވެ،" އެ ޕޯސްޓްގައިވެ އެވެ.
ޑޮލަރު ރިޒާވް ހުހެއް ނުވޭ؛ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ހޯދާ ވާހަކައަކީ ދޮގެއް: ބީއެމްއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ