ސިޔާސީ ކުލަތަކުގެ ތެރެއިން: އުމަރު ނަސީރު

އަޅުގަނޑުމެންގެ ފުރަތަމަ ހޮވުމަކީ އުމަރު ނަސީރެވެ. ސިޔާސީ ގޮތުން މަޝްހޫރުވެ ވަޑައިގަތީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) ނަމަކަށް ކިޔާ، އެއްވެސް ތާކުންތާކު ނުޖެހުނު ޕާޓީއަކުންނެވެ. އެންމެފަހުން އުމަރަށް ވުރެ ޕާޓީގެ ބާރުގަދަވެ، ޕާޓީ އިން އުމަރު އުވާލީ އެވެ.
ނަމަވެސް އެ ހިސާބުން ސިޔާސީ ކަނޑަށް އުމަރު ފެތިގެން ދިޔައީކީއެއް ނޫނެވެ. އެނބުރި ވަޑައިގަތީ ސަބްމެރިންއެއްގައެއް ނޫނެވެ. ސިޔާސީ މައިދާނަށް އަލުން ނުކުމެ ވަޑައިގަތީ އޭރުގެ މަޝްހޫރު އަދި އެންމެ ބޮޑު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާ އެކުގަ އެވެ.
ދެން ފެނިވަޑައިގަތީ އެ ޕާޓީ ދެ ކަފިވެގެން ގޮސް އުފެދުނު، މިހާރު ވެރިކަމުގައި އޮތް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިންނެވެ. މިހާ ހިސާބަށް އައިއިރު އުމަރު ވަނީ ސިޔާސީ މަރުމޯލަކުން ތަޖުރިބާކާރަކަށް ފައްކާވެ ވަޑައިގެންފަ އެވެ.
މިއަދު އެ ހުންނެވީ، ގައުމުގެ އެންމެ ނުފޫޒުގަދަ އެންމެ އިއްޒަތްތެރި އެއް މަގާމު ކަމުގައިވާ ހޯމް މިނިސްޓަރުގެ މަގާމުގަ އެވެ. އައިޑީޕީ އުފައްދަވައިގެން މި އުމަރު، ޖޯޖް ޑަބްލިއު ބުޝް އާއި ޓޯނީ ބްލެއާއާ ދެކޮޅަށް މުޒާހަރާކޮށް އާޓިފިޝަލް ބީޗުގައި އެކަނިމާއެކަނި ހައިހޫނުކަމުގެ ހަޅުތާލު ކުރެއްވިއިރު މިފަދަ ޝަރަފްވެރި މަގާމަކަށް ނުވަތަ ސިޔާސީ ގޮތުން މިވަރުގެ ހައިސިއްޔަތެއް އުމަރަށް ލިބިދާނެ ކަމަކަށް އެއްވެސް މީހަކު ގަބޫލުނުކުރާކަން ޔަގީނެވެ.
އުމަރުގެ އެންމެ މަޝްހޫރު ސްލޯގަން އަކީ "ހައްލަކީ އުމަރު" އެވެ. އެހެންވީމަ، ހަމަ އަސްލަށް ވެސް ހައްލަކީ އުމަރު ހެއްޔެވެ؟
އަޅުގަނޑުމެން މި ބަލާލަނީ ސިޔާސީ ކުލަތަކުގެ ތެރެއިން އުމަރުގެ އެންމެ ފޯރިގަދަ ހިނދުކޮޅުތަކަށެވެ.
އަޅުގަނޑުމެން ފަށަންވީ ކޮން ދިމާލަކުން ހެއްޔެވެ؟ ގިނަ މީހުން ބުނާ ގޮތުން އުމަރު އަދިވެސް އެންމެ މޮޅީ ޕާޓީތައް ހަލާކުކޮށް ފަސާދަ އުފެއްދެވުމަށެވެ. އުމަރު ވިދާޅުވެފައި ވަނީ ކީކޭތޯ އެވެ.
"ފުރަތަމަ ދެކޮޅު ބަލާލަންވާނެ. ޕީޕީއެމް އުފެއްދީ އަޅުގަނޑު. ތިޔަ ވިދާޅުވާ އައިޑީޕީ އުފެއްދީ އަޅުގަނޑު. ޒެޑް ޑީއާރުޕީ އުފެއްދީ އަޅުގަނޑު. ޑީއާރުޕީ 2008 ގައި ބަލިވެ، ވެއްޓިފައި އޮއްވާ ނެގީވެސް އަޅުގަނޑު. އަންނި (ކުރީގެ ރައީސް މުހައްމަދު ނަޝީދު) ގެ ވެރިކަން ވައްޓާލީ ވެސް އަޅުގަނޑު. މިއީ ހައްތަހާވެސް ހުރި ކަންކަން."
އިންތިޚާބު ނިމިގެން ނަތީޖާ އިއުލާނުކުރިއިރު ވެސް އުމަރު ގަބޫލުފުޅުކުރައްވައިގެން ހުންނެވީ އޭނާ އަށް ރިއާސީ ޓިކެޓް ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެ ކުށް ހީ އަށް ފަހު ވެސް އޭނާވީ ފޯރިގަދަ ލީޑަރަކަށެވެ. އަދި އެ ރޭސް ފެށުމުގެ މާ ކުރިން ވެސް ދެއްކެވީ ސަޅި ވާހަކަ އެވެ.
"ކޮންމެ ބޭފުޅަކު ޕްރައިމަރީ އަށް ކުރިމަތި ލެއްވިޔަސް އަޅުގަނޑަށް ވިންކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް. ސަބަބަކީ އެއީ ގްރާސް ރޫޓް ވޯޓެއް. ރައީސް މައުމޫން ފިޔަވައި ޕީޕީއެމްގެ ގްރާސް ރޫޓުގެ ތާއީދު އެންމެ ބޮޑަށް އޮތީ އަޅުގަނޑަށް. އެހެންވީމާ ވިންވާނެ ކަމުގެ ކޮންފިޑެންސް ވަރަށް ބޮޑަށް އެބައޮތް،" އުމަރު މިހެން ވިދާޅުވީ 2012 ވަނަ އަހަރުގެ އޯގަސްޓް މަހު އެވެ.
މިފަދަ ސަޅިތަކާ އެކު އޭނާ ނިކަން ރަނގަޅަށް ޕްރައިމަރީ ކައްކާލެއްވި އެވެ.
"މައުމޫންގެ އާއިލާގެ ބޭފުޅުން ވެސް ހިތުގެ އަޑިން އަޅުގަނޑަށް ތާއީދުކުރައްވާ. އަޅުގަނޑާ މިހާރު ވެސް ކޮމިއުނިކޭޓް ކުރައްވާ. އެކަމަކު ވާނެ ގޮތަކީ އެއް ޕާޓީއެއްގައި ބޮޑު ބޭބެ ހުންނަވާއިރު އެ ބޮޑު ބޭބެ ކަމަކަށް ކުރިމަތިލެއްވީމާ އެހެން ފަރާތަކަށް ތާއީދު ނުކުރެއްވޭނެ ނޫންތޯ؟ މިހާތަނަށް އެއް ޕާޓީއެއްގައި ރާއްޖޭގައި އެފަދަ ކަމެއް ހިނގާފައި އެބަ އޮތްތޯ؟."
"މާދަމާގެ ވޯޓު އަޅުގަނޑުމެންގެ ވާދަވެރިޔާ އަށް ތިބޭފުޅުން ދެއްވައިފިއްޔާ 2013 އިންތިހާބު ޕީޕީއެމަށް ގެއްލޭނެ ކަމަށް އަޅުގަނޑު ވަރަށް ޔަގީންކަމާއެކު ދަންނަވަން. ސަބަބަކީ އަޅުގަނޑުގެ ވާދަވެރިޔާ ބޭނުމެއް ނުވޭ ކޯލިޝަން ހައްދަވާކަށް، އަޅުގަނޑުގެ ވާދަވެރިޔާ ބޭނުންފުޅުވަނީ އެކަނިމާއެކަނި ވަޑައިގަންނަވަން، އެކަނިމާއެކަނި ދަތުރުކުރުމުގެ ނަތީޖާ 2008 ވަނަ އަހަރު ޑީއާރްޕީ ވަނީ ދެކިފައި. މިއީ އަލުން ޓެސްޓްކުރަންޖެހޭ ފޯމިއުލާއެއް ނޫން. މިއީ ޓެސްޓް ކުރެވިފައި އޮތް ފޯމިއުލާއެއް."
މި ހުރިހާ އަނގަ ތެޅުމަކަށް ފަހު އާދައިގެ މަތިން ރޭހުގައި އުމަރު ނާކާމިޔާބުވެ ވަޑައިގަތީ އެވެ. ދެން ވިދާޅުވީ ކީކޭ ތޯ އެވެ.
"އެއްވެސް ސުވާލެއް ނެތް. ސަތޭކަ ޕަސެންޓް ހަމަ ފޭރިގަތީ. އެކަން ޕްރޫވްކުރާނަން މިފަހަރު ކޯޓުގައި އިރާދަކުރެއްވިއްޔާ. އެވަރަށް ހެކި އެބަހުރި. ހެކި ހުށަހަޅާފައިވާނީ. އަށް ހާސް ނުވަ ސަތޭކަ ފަނަރަ ވޯޓަކީ ގަވާއިދާ ހިލާފަށް އޭނާ އަމިއްލައަށް ކްރިއޭޓްކޮށް އަމިއްލައަށް ލި ވޯޓް."
މިއީ ޕްރައިމަރީ ކާމިޔާބު ކުރެއްވި އަދި އެ ޓިކެޓްގައި ރައީސް ކަމަށް ވަޑައިގެންނެވި، އަބްދުﷲ ޔާމީން އަށް ތުހުމަތުކުރައްވައި އުމަރު އޭރު ވާހަކަ ދެއްކެވި ގޮތެވެ.
މި ވަރުން އަދި ދޫކޮށްލެއްވީކީއެއް ވެސް ނޫނެވެ. ހެއްދެވި ނެހެއްދެވި އަށް ގޮވުމަށް ފަހު ކޯޓަށް ވެސް ވަޑައިގެންނެވި އެވެ.
އެއަށް ފަހު "ހަވީރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ މިހެންނެވެ.
"ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހިއްޕަވައިގެން ހުންނެވި (ޔާމީން އަކީ) ހަމަ ރާއްޖޭގައި ކޮރަޕްޝަންގެ އެންމެ މަތީ އެއް ބޭފުޅެއް ކަމަށް އެތައް ބަޔަކު ތުހުމަތުކުރާ މީހެއް. ގޭންގުތައް ކޮންޓްރޯލްކުރާ ކަމަށް ތުހުމަތުކުރާ މީހެއް. މަސްތުވާ އެއްޗިއްސާ ގުޅުން އޮތް ކަމަށް ތުހުމަތުކުރާ މީހެއް."
"ރައީސް އަބްދުﷲ ޔާމީން އަކީ އެއްވެސް ގޭންގް އަކާއި ގުޅުންހުރި މީހެއް ނޫނޭ،"  މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިދިޔަ ޖުލައި މަހު އެވެ.
"ރައީސް ޔާމީނާ މަސްތުވާ ތަކެއްޗަކާ ވެސް ގުޅުމެއް ނެތޭ. މަސްތުވާ ތަކެއްޗާ ގުޅުން އޮތް ރައީސުން މި ރާއްޖޭގައި ވެރިކަން ކޮށްފައި ހިނގައްޖޭ. އެއީ އަޅުގަނޑުގެ ޖަވާބަކީ. މި ދެންނެވި ރައީސުން މި ގައުމުގެ ވެރިކަމުގައި ތިއްބަވާ، ވެރިކަމުގެ ޝާނާއި ޝައުކަތުގައި ތިއްބަވާ، 50 އަހަރު ވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވަމުން ވަޑައިގަންނަވާ، މުލިއާގޭގައި ހައެއް ފެބްރުއަރީ ދުވަހުގެ ރޭ ބަނގުރާ ހިއްޕަވައިގެން، ސިފައިންގެ އަށް ވަޑައިގަންނަވާ، އެތާ ހުންނަވާ އަމިއްލަ އަށް އިސްތިއުފާ ދެއްވާ، ނުކުންނަވާ ބާޣީ، ބާޣީއޭ ގޮވާ މުޅި ރަށުތެރޭގައި ދުއްޕާންކޮށް، އަމާންކަން ނަގާލާ، ފުލުހުންނަށް ހަމަލާދީ، ފުލުހުންގެ އާއިލާތަކަށް ހަމަލާ ދީ މި ހުރިހާ ކަމެއް ވަނީކޮށްފައި،" މިދިޔަ އޯގަސްޓް މަހު މަޖިލީހުގައި އުމަރު ދެން ވިދާޅުވީ މިހެންނެވެ.
މިހާ ހިސާބަށް އައިއިރު ފާހަގަކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ކްރެޑިޓް ނެންގެވުމަށް އުމަރު ވަރެއް ނެތެއް ނޫން ހެއްޔެވެ؟
އެހެންވީމަ، ޕާޓީ ސިސްޓަމާއި އެމްޑީޕީ އާއި ޑީއާރްޕީ އާއި ޕީޕީއެމާއި އެހެން ހުރިހާ ކަމެއްގެ ކްރެޑިޓް ވެސް އުމަރަށެވެ. ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ ކްރެޑިޓް ވެސް އުމަރަށެވެ. އަދި ނަޝީދުގެ ވެރިކަން "ކޮމާންޑް ސެންޓަރަކުން" ވައްޓާލުމުގެ ކްރެޑިޓް ވެސް އުމަރަށެވެ.
އުމަރުގެ އެންމެ ސަޅި ވާހަކަތައް މި އަންނަނީ ނަޝީދުގެ ވެރިކަން ވައްޓާލުމަށް ފަހު އައި އުފާފާޅުކުރުންތަކުގެ ތެރެއިންނެވެ.
"ފަހަކަށް އައިސް ހިނގި ހުރިހާ މުޒަހަރާއެއް ލީޑްކުރަމުން ދިޔައީ ކޮމާންޑް ސެންޓަރަކުން. އެ ކޮމާންޑް ސެންޓަރަކުން އަޅުގަނޑުމެން ބަލަމުން ދިޔައީ އަޅުގަނޑުމެންގެ ޓްރޫޕްސްގެ ހަރަކާތްތައް. އަޅުގަނޑުމެންގެ އެސްއެމްއެސް އަށް ޑިޕްލޮއިކުރާ 200 އެއްހާ މީހުން އުޅެމުން ދިޔަ. އެ މީހުން އޮންނާނީ ޕްލޭޓޫންތަކެއްގެ މައްޗަށް ބެހިފައި،" ކޮމާންޑް ސެންޓަރުގެ ވާހަކަ "ހަވީރު" ނޫހަށް ކިޔައި ދެއްވަމުން ހާއްސަ އިންޓަވިއުއެއްގައި އުމަރު ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑު އޮންނާނެ ބުނެފައި މި ކުރާ މަސައްކަތަކީ ވެނެއް ހަރުތެރޭގައި އިންދާ ވެނުގެ ހޮހޮޅަ ކުރިމައްޗަށް ގޮހޮރުގަނޑު ތަޅުވަނީއޭ. ވެން ނުކުންނާނޭ ކޮންމެވެސް ގަޑިއެއްގައި. އަޅުގަނޑުމެން އުންމީދުކުރީ ފުލުހުންނާއި ސިފައިންނަށް އަންޑަސްޓޭންޑްވެގެން އަޅުގަނޑުމެންގެ ލޮރީ އަށް އައިސް ވާހަކަ ދައްކާނެ ކަމަށް. އެ މަންޒަރު ފަހުން ފުލުހުންގެ މޫޑުން ފެންނަން ފަށައިފި. އަޅުގަނޑުމެންނާ ޕްރައިވެޓްކޮށް ދައްކާ ވާހަކަތަކުންނާއި އަޅުގަނޑުމެންގެ ތެރެއިން ހައްޔަރުކުރާ މީހުންނާ ދޭތެރޭ ކަންތައްތައް ކުރާ ގޮތުން ވެސް. އެހެން ތިއްބާ ފެބްރުއަރީ ހަވަނަ ދުވަހުގެ ރޭ ވެން ނުކުމެއްޖެ."
"ކޮމާންޑިން ސެންޓަރުގައި އިނދެ އަޅުގަނޑު ގެންދިޔައީ މުހައްމަދު ނަޝީދު އެންމެ އަރިހުގައި ތިބި މީހުންނާ ވާހަކަ ދައްކަމުން. އަޅުގަނޑު ދަންނަވަމުން ގެންދިޔައިން އެ ބޭފުޅުންނަށް އަމާން ދެއްވާށޭ، އެހެންނޫނިއްޔާ ފުރާނަ ވެސް އަތުނުވެދާނެޔޭ ފަހަރެއްގާ. ތަކުރާރުކޮށް އެގޮތަށް ދަންނަވަމުން ގެންދިޔައިން. މިހެން ބުނަމުން ދަނިކޮށް ފުރަތަމަ ވަރަށް ބޮޑާވެރިކަމާއި ކިބުރުވެރިކަމާ އެކު ވިދާޅުވީ އަމާންދޭކަށް ނުޖެހެއޭ. އެފަދަ ހާލަތެއް ނެތޭ."
"ނަޝީދު ގުޅުއްވައިފަ ވިދާޅުވީ މިހުރީ އިސްތިއުފާ ދޭން ތައްޔާރަށޭ. ތިމަންނަ ބޭނުންވަނީ ތިމަންނަ އާއި އާއިލާ ގެއަށް ނޫނީ އެހެންތާކަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށޭ. އަޅުގަނޑު ދެންނެވިން ތިކަން ހަމަޖެހޭނޭ އިސްތިއުފާ ދިނުމުގެ މަސައްކަތް ފައްޓަވާށޭ. އެ ވަގުތު އަޅުގަނޑުމެންގެ ފަރާތުން އެތަނަށް ވަދެވަޑައިގެން ހުންނެވި އަޚެއް ކައިރީ ބުނިން އެކަން ކުރިއަށް ގެންދަވާށޭ."
"މާބޮޑަށް ވެސް، ޔާ ރައްބި ޔާ ރަސޫލުﷲ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތެދުވެރިކަމާއި އަމާނާތްކަމުގެ މަތިގައި ދަތުރުކުރާ މީހުންގެ ދަތުރު ދިގުވާނެ. އެކަމަކު އެ ދަތުރު އެ މީހުން ކާމިޔާބުކުރާނެ. އެކަމަކު މި ގައުމު ރަނގަޅަށް ދަތުރުކުރާ ކަމުގައި ވަނީވިއްޔާ މި ގައުމަކަށް އަހަރެން ބޭނުމެއް ނުވާނެ. މި ގައުމު މަގުން ނައްޓާލައިގެން، ކައްސާލައިގެން ދާކަމަށް ވަންޏާ މި ގައުމަށް އުމަރު ނަސީރު ބޭނުންވާނެ. މި ގައުމަށް އުމަރު ނަސީރު ބޭނުންވެއްޖިއްޔާ މިގައުމަށް ހިދުމަތް ކުރަން އުމަރު ނަސީރު އަންނާނެ."
ދެން އެންމެން އެކުގައި ވިދާޅުވާށެވެ. ހައްލަކީ ހަމަ އަސްލަށް ވެސް އުމަރެވެ.
އެހެންވީމަ އަންނަ ހަފުތާގައި ބޭނުންވަނީ ސިޔާސީ ކޮން ބޭފުޅެއްގެ ކުލަތަކެއް ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ