ދިވެހިރާއްޖެ އދ. ގެ މެންބަރަކަށްވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މެސެޖެއް ފޮނުއްވައިފި

ދިވެހިރާއްޖެ އދ ގެ މެންބަރަކަށްވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެސެޖެއް ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ މެސެޖުގައި މީގެ ފަސްދޮޅަސް އަހަރުކުރިން ދިވެހިރާއްޖެ އދ. ގެ މެމްބަރު ޤައުމަކަށް ވުން އެއީ، ރާއްޖެއަށް ލިބުނު އުއްމީދަކާ އަޒުމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެއީ، ބައިނަލްއަޤްވާމީގޮތުން އެކި ޤައުމުތަކާއި ގުޅުންބަދަހިކުރުމަށް ލިބުނު ބާރެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި މުނާސަބަތަކީ ތާރީޚީ ނިންމުމެއްގެ އިތުރުން، ރާއްޖެއާއި އދ. އާއި ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާ ކަމެއް ކަމުގައި އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ދިވެހިރާއްޖެއިން އދ. ގައި އަދާކުރާ ރޯލް ފާހަގަކުރައްވައި، އދ. އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކުރައްވާފައިވާ ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. ޚާއްޞަގޮތެއްގައި ޞިއްޙީ ދާއިރާގެ ކުރިއެރުމާއި، ތަޢުލީމީ ދާއިރާގެ އިތުރުން ގަވަނަންސް އާއި އިންސާނީ ހައްގުތަކުގެ ދާއިރާއިން ލިބިފައިވާ ކުރިއެރުން ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއިން އދ. ގައި ބައިވެރިވުމަކީ ދުނިޔޭގެ ކުދި ޤައުމުތަކަށްވެސް ލިބުނު އުއްމީދެއްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
"އަޅުގަނޑުމެން ދައްކާފައި މިވަނީ، އެންމެ ކުދި ގައުމުތަކަށްވެސް ސުލްހައާއި އިންސާފާއި ދެމެހެއްޓެނިވި ތަރައްޤީއަށް ޙިއްޞާ ކޮށްދެވޭނެކަން،" އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ދިވެރިރާއްޖެއިން އދ ގައި ދައްކާފައިވާ ހަރުދަނާ ލީޑަޝިޕަށް އަލިއަޅުއްވާލައްވައި، ތަރައްޤީވަމުންއަންނަ ޤައުމުތަކާއި ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އަންނަން އޮތް ޖީލުތަކަށް ދުނިޔެ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
އަދި މުޅި ދުނިޔެއަށް ދިމާވެފައިވާ އެކި އެކި ގޮންޖެހުންތަކުން އަރައިގަތުމަށް އދ. އާއި އެހެން ޖަމާޢަތްތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ ހެއްކެއްގެ ގޮތުން، މިހާރު ޣައްޒާގައި ހިނގަމުންދާ އަނިޔާވެރިކަން ފާހަގަކުރައްވައި އެކަމުން އަރައިގަތުމަށް ޤައުމުތަކުން ގުޅިގެން ގޮތެއް ނިންމުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ހުރިހާ ޤައުމުތަކުން ގުޅިގެން އިންސާފުވެރި، ހުރިހާ ފަރާތެއްގެ ޝާމިލްވުން ހިމެނޭ، އަދި ދެމެހެއްޓެނިވި ދުނިޔެއެއް ބިނާކުރުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަން ކަށަވަރުކޮށްދެއްވަމުންނެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ