ރަސްމާލެ ހިއްކުން ތިން ގުނަ ހަލުވިކޮށްފިން: ރައީސް

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް، ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ މިހާރު ހަލުވި ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދުނިޔޭގައި ހުރި އެންމެ ބޮޑެތި ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށްވާ، ޖާން ޑެ ނަލް ކުންފުނީގެ "ކްރިސްޓޯބަލް ކޮލޯން" އިން މިއަދު ވަނީ ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.އެއީ 100 އިންސައްތަ ނެޓް ޒީރޯ ކާބަން، ސްމާޓް އިކޯ ސިޓީ، "ރަސްމާލެ" އަށް ބިން އުފެއްދުމުގެ މަސައްކަތުގެ ބާރުމިން ތިން ގުނައަށް އިތުރުކުރުމަށް ފެށި މަސައްކަތެއް ކަމަށާއި ރަސްމާލެ އަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ތިމާވެއްޓާ ރައްޓެހި މަޝްރޫއު ކަމަށް ރައީސް ވިދާޅުވި އެވެ.ރަސްމާލެ އިން 25،000 ގޯތި ދޭން މި ސަރުކާރުން ނިންމާފައިވެ އެވެ. އޭގެ ތެރެއިން 15،000 ގޯއްޗާއި 7،500 ފްލެޓު ދޫކުރަން ނިންމައި އެކަމުގެ އުސޫލު ވެސް ވަނީ އިއުލާނު ކޮށްފަ އެެވެ. އެ މަޝްރޫއުއަށް ކުރިމަތިލާން ހުޅުވާލާނީ އަންނަ އަހަރުގެ ޖެނުއަރީ 4 ގަ އެވެ.މާލޭ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް ވެސް ހަލުވި ކުރުމަށް މިދިޔަ ހަފުތާގައި ބޮޑު ޑްރެޖަރެއް ގެނެސް ބިން ހިއްކަން ފަށައިފަ އެވެ. އެ މަސައްކަތުގެ ސްޕީޑު އަވަސް ކުރުމުން މި ޑިސެމްބަރު މަހުގެ ނިޔަލަށް އެތަން ހިއްކައި ނިމޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.ހުޅުމާލޭ 3 ހިއްކާ ނިމުމުން، އެ ޑްރެޖަރު ބޭނުންކުރަނީ ގިރާވަރު ފަރު ހިއްކުމުގެ މަސައްކަތަށް ކަމަށާއި އެ ތަން ހިއްކުމުގެ މަސައްކަތް 2-3 މަސް ތެރޭގައި ނިމޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ