ތޫފާން ޑިޓުވާގެ ސަބަބުން ސްރީ ލަންކާއަށް ލިބުނު ގެއްލުންތަކަށް އެހީތެރިވާން ހިންގާ "ލަންކާއާއެކު ދިވެހިން" ޓެލެތޯން އަށް ފުލުސް އޮފީހުން 2.4 މިލިއަން ރުފިޔާ ހަދިޔާކޮށްފިި އެވެ.
އެއީ ލަންކާ ޓެލެތޯނަށް އެހީތެރިވާން އެއް ފަރާތަކުން މިހާތަނަށް ދިން އެންމެ ގިނަ އަދަދެއްގެ ފައިސާ އެވެ. ފައިސާ ހަވާލު ކުރުމަށްފަހު ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އެކަމުގެ ސަބަބުން ފެނިގެން ދަނީ ފުލުހުންގެ މެދުގައި އޮތް ބަދަހި އެއްބައިވަންތަކަން ކަމަށެވެ.
"މިކަމުން ފެނިގެންދިޔައީ ފުލުހުންގެ މެދުގައި އޮތް ބަދަހި އެއްބައިވަންތަކަމާއި އެއްބާރުލުމުގެ ރޫހު. ފުލުހުންގެ ހުރިހާ ރޭންކުތަކަކުންނާއި ހުރިހާ ބަހާތަކުގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ މި އެއްބާރުލުމާއި އެހީތެރިކަމުގެ ނަމޫނާ ފާހަގަކޮށް ޝުކުރު އަދާކުރަން. ހާއްސަކޮށް، މަދު ވަގުތުކޮޅެއްގެ ތެރޭގައި ދެއްކެވި މި ދީލަތިކަމުގެ ނަމޫނާއަށް ތައުރީފު ކުރަން،" ނަވީން ވިދާޅުވި އެވެ.
ތޫފާން ޑިޓުވާގެ ސަބަބުން ލަންކާގައި 300 އަށް ވުރެ ގިނަ މީހުން ވަނީ މިހާތަނަށް މަރުވެފަ އެވެ. ގެއްލިފައިވާ މީހުންގެ އަދަދު 200 އަށް ވުރެ މައްޗަށް އަރަ އެވެ. އަދި މަދުވެގެން 50،000 ގެ މުޅިން ހަލާކުވެފައިވާ ކަމަށް ލަފާ ކުރެވެ އެވެ.
ފުލުހުންގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ވެސް ވަނީ ޓެލެތޯނަށް ފައިސާ ހަދިޔާކޮށްފަ އެވެ. އެމްއެންޑީއެފް އިން ވަނީ ޓެލެތޯނަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފަ އެވެ. އޭގެ އިތުރުން ސަރުކާރުގެ ހިއްސާ އޮންނަ ބައެއް ކުންފުނިތަކުން ވެސް ދަނީ ޓެލެތޯނަށް ފައިސާ ހަދިޔާ ކުރަމުންނެވެ.
ރާއްޖޭގެ ބައެއް ބޮޑެތި ކުންފުނިތަކުން ވެސް ދަނީ ސްރީ ލަންކާއަށް އެހީތެރިވާން ފައިސާ ހަދިޔާ ކުރަމުންނެވެ. އެގޮތުން ސަން ސިޔާމް ގްރޫޕުން ވަނީ 200،000 ޑޮލަރު ހަދިޔާކޮށްފަ އެވެ. އަދި ވިލާ ގްރޫޕުން ވަނީ 100،000 ޑޮލަރު ހަދިޔާކޮށްފަ އެވެ. އެލިއާ ކުންފުނިން ލަންކާއަށް 20،000 ޑޮލަރު ދިނެވެ. އޭގެ އިތުރުން ކްރައުން އެންޑް ޗަމްޕާއިން ވެސް ވަނީ 10،000 ޑޮލަރު ހަދިޔާކޮށްފަ އެވެ.
ސްރީ ލަންކާއަށް އެހީވާން ފުލުހުންގެ ފަރާތުން 2.4 މިލިއަން ރުފިޔާ ހަދިޔާކޮށްފި ސްރީ ލަންކާއަށް އެހީވާން ފުލުހުންގެ ފަރާތުން 2.4 މިލިއަން ރުފިޔާ ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ