ދެމީހުން އެކުގަ ބަނދެވިގެން ތިބުމުގެ ނިޔަތް ނެތި ކައިވެނި ނުކުރާށެވެ! ކާމިޔާބެއް ނުވާނެ!

އިސްލާމް ދީނުގައި ކައިވެނިކުރުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތްކަމެކެވެ. އެހެންވެ ގިނަ ބައަކު ކައިވެނިކުރަނީ ކައިވެންޏަށްފަހު ދިރިއުޅުމަށް ގެންނަން ޖެހޭނެ ބަދަލުތަކާއިމެދު ވިސްނައިލުމެއް ނެތިއެވެ. ހަމައެކަނި ލޯބީގެ މަސްތުގައެވެ.
ރަނގަޅަށް ވިސްނާށެވެ! ކައިވެނިކުރަންވާނީ ދެމީހުން އެކުގައި ބަނދެވިގެން ތިބެން ނިންމައިގެންނެވެ. އެކަމަށް ވާންޖެހޭ ތައްޔާރީތައްވެގެންނެވެ. ބަނދެވުމުގެ މާނައަކީ ދެމީހުން ވާގަނޑަކުން ބަނދެވުމެއް ނޫނެވެ. ބަނދުވުމަކީ އެކަކު އަނެކަކަށް ދޭންޖެހޭ ވަޤުތު ދިނުމުގައި ފޫހިކަމެއް ނައިސް އެކުގައި ވަޤުތު ހޭދަކުރަން ތައްޔާރުވުމެވެ. އަދި އަނެކާގެ ވިސްނުމާއި ޚިޔާލުތައްވެސް ބަލައިގަނެ އިޙްތިރާމްކޮށްގެން ލޯބިން އެކުގައި އުޅެން ތައްޔާރުވުމެވެ. 
ގިނަ މީހުން ކައިވެނިކުރަނީ މިކަންކަމަށް ތައްޔާރުނުވެއެވެ. ކުރިން އެކުވެރިންނަށް ދެމުން އައި ވަޤުތުތައް ކަިވެންޏަށްފަހު އެކުވެރިންނަށް ދެވޭކަން އެއީ ކައިވެންޏަށް ތައްޔާރުނުވެވޭ ކަމުގެ ހެއްކެކެވެ. އެކަން ޤުރްބާންކުރަން ތައްޔާރުނުވެ ތިބެ ކައިވެނި ކުރާނަމަ އެކައިވެންޏެއް ކާމިޔާބުކުރުން އޮންނާނީ ބޮޑުކަމަކަށްވެފައެވެ. ގިނަ ފަހަރު އޮންނާނީ ކާމިޔާބު ނުކުރެވިފައެވެ. 
ފިރިހެނުންނަކީ ގިނަ ވަޤުތު ގެއިން ބޭރުގައި އުޅެންޖެހޭނެ ބައެކެވެ. ނަމަވެސް އެއީ ދިރިއުޅެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި ދިރިއުޅުމަށް ކުރަންޖެހޭ ކަންކަން ކުރުމަށެވެ. ފިރިހެނަކަށްވުމަކީ އަނބިމީހާ އެކަނިކޮށްފައި ނުކުމެ ބޭކާރު ގޮތުގައި ގެއިން ބޭރުގައި ގިނަ ވަޤުތުތައް ހޭދަކުރުން ހުއްދަވާ ސަބަބެއް ނޫނެވެ. 
ކައިވެނި ކާމިޔާބުކުރެވޭނީ މިކަންކަމަށް ސަމާލުކަން ދެވޭވަރަކުންނެވެ. ވީމާ ފުރިހަމައަށް ތައްޔާރުނުވެ ކައިވެނިނުކުރާށެވެ. ކައިވެނީގެ މަތިވެރިކަން މާބޮޑެވެ!
 
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ