ކައިވެންޏަށްފަހު އެކަކުވެސް ސިއްރު އެކުވެރިން ގެންގުޅުމަކީ ކައިވެނީގަ ބޮޑެތި މައްސަލަތައް ޖެހޭ ކަމެއް! ހެދޭ ވަރަށް ބޮޑު ގޯހެއް!

"އެއީ އަހުރެންގެ ދުވަސްވީ އެކުވެރިއެއް! އެއީ ލޯބިވެރިއެއްވެސް ނޫން! ދެމީހުންގެ މެދުގައި އޮތީ ހަމައެކަނި އެކުވެރިކަމުގެ ގުޅުން!" މިފަދަ ގޮތްގޮތަށް ވިސްނާ ބައަކު އުޅެއެވެ. އަދި ކައިވެންޏަށްފަހުގައިވެސް އެފަދަ މީހުންނާއި ގުޅުން ބާއްވައެވެ. އެކަން ބައިވެރިޔާއަށް ސިއްރުވެސް ކުރެއެވެ. 
މިއީ ވަރަށް ދެރަކޮށް ކުރެވޭކަމެކެވެ. ކައިވެންޏަށްފަހު އެއްވެސް މީހަކާއި އެބާވަތުގެ ގުޅުން އެގޮތަށް ނުބާއްވާށެވެ. ބައިވެރިޔާއަށް އެއްވެސް ކަމެއް ސިއްރުނުކުރާށެވެ! އެއީ ޙަޤީޤީއެކުވެރިއެއް ނަމަ އެކުވެރިއެއްގެ ގޮތުގައި ބައިވެރިޔާއަށް އަންގައިދީފައި ބާއްވާށެވެ.  
މިބާވަތުގެ ސިއްރުގުޅުންތައް ބާއްވާނަމަ އެންމެ ގިނައިން ކުރިމަތިވާ މައްސަލައަކީ އެގުޅުން ނުސީދާ ގުޅުމަކަށް ބަދަލުވުމެވެ. އެއިގެ މާނައަކީ އެގުޅުމުގެ ތެރެއިން ރަނގަޅު ނޫން ކަންތައްތަކެއް ކުރެވުމެވެ. ޚާއްޞަކޮށް އަންހެނުންނާއި ފިރިހެނުންގެ މެދުގައެވެ.  
ގިނަ ކައިވެނިތަކުގައި މައްސަލަތައް އެންމެ ބޮޑަށް ކުރިމަތިވާ ކަންކަމުގެ ތެރޭގައި މިބުނި ގޮތަށް ގެންގުޅެވޭ ސިއްރު އެކުވެރިންގެ މައްސަލަތައް ހިމެނެއެވެ. އެކަން އެގޮތަށް މެދުވެރިވަނީ ރަނގަޅު މީހުން މަދުވަމުން އަންނާތީއެވެ. ރަނގަޅު މީހުން މަދުވާވަރަކަށް އެކުވެރިންގެ ތެރޭގައިވެސް ރަނގަޅު މީހުން މަދުވާނެކަން ޤަބޫލުކުރަންވާނެއެވެ.  
ކައިވެންޏަށްފަހު ދެމީހުންވެސް ދެމީހުންގެ އެކުވެރިން ބައިވެރިޔާއަށް ތަޢާރަފްކޮށްދޭށެވެ. އެއްވެސް ކަމެއް ސިއްރުނުކުރާށެވެ! ސިއްރުކުރަން ކުރާ މަސައްކަތުގެ ސަބަބުން އުފެދޭނީ ޝައްކުތަކެވެ. އެއިރުން ޙަޤީޤީ އެކުވެރިންނާއިމެދުގައިވެސް އޮންނާނީ މައްސަލަތައް ކުރިމަތިވެފައެވެ. އެއިރުން ޙައްލުކުރަން މާއުނދަގޫވާނެއެވެ.
 
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ