ބަންގްލަދޭޝް ކުށްވެރިންގެ ކަންކަމުގައި އެ ގައުމުގެ އެހީ ހޯދަނީ

ރާއްޖޭގެ ކުށުގެ މާހައުލުގައި އުޅޭ ބަންގްލަދޭޝް ބިދޭސީންގެ ކަންކަމުގައި އެ ގައުމުގެ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ފުލުހުން މަޝްވަރާކޮށްފިއެވެ. އިއްޔެ ފުލުހުން ބުނީ، މޮރޮކޯ މަރަކޭޝްގައި މިހާރު ކުރިއައްދާ 93 ވަނަ އިންޓަޕޯލް ޖެނެރަލް އެސެމްބްލީގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބަންގްލަދޭޝް ޕޮލިސްގެ އިސްވެރިޔާ އިންސްޕެކްޓާ ޖެނެރަލް ބަހާރުލް އަލަމްއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މަސައްކަތްތެރިންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ފަރާތުން ފެންނަމުންދާ ކުށްތަކާއި އެކަން ހައްލުކުރުމަށް މައުލޫމާތު ދިނުމާ ގުޅުވައި ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފުލުހުން ބުނެއެވެ. ކޮމިޝަނާ އޮފް ޕޮލިސް ނަވީން ބަންގަލްދޭޝްގެ ޕޮލިސްގެ އިސްވެރިޔާއާ ބައްދަލުކުރުން --- ފޮޓޯ/ ފުލުހުން އޭގެއިތުރަށް، ރާއްޖޭގެ ކުށުގެ މާހައުލުގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ކަންކަމުގައި ދެ ގައުމުގެ ފުލުހުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށް ފުލުހުން ބުނެއެވެ. މި ބައްދަލުވުމުގައި ރާއްޖެއަށް އެކި ގައުމުތަކުން އަންނަ މަސައްކަތްތެރިންގެ ފަރާތުން ދިމާވާ ބައެއް ދަތިތަކާއި އެ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ މައުލޫމާތު ނަވީން ވަނީ ބަންގްލަދޭޝްގެ ވަފުދާ ހިއްސާކުރައްވާފައެވެ. ހަމައެހެންމެ، ދިވެހި ފުލުހުންގެ ގާބިލްކަން އިތުރު ކުރުމަށް ބަންގްލަދޭޝް ޕޮލިސް އެކަޑަމީއާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. ގުދުރަތީ ކާރިސާތަކާއި ކުއްލި ހާލަތުގައި ފުލުހުން މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭގޮތުން ބަންގުލަދޭޝް ފުލުހުންގެ ތަޖުރިބާ ދިވެހި ފުލުހުންނަށް ހިއްސާ ކުރުމާއި އެ ދާއިރާއިން ދިވެހި ފުލުހުން ތަމްރީނު ކުރުމަށް އެއްބާރުލުން ދިނުމާ ގުޅޭ މަޝްވަރާތައް ކުރިކަން ފުލުހުން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ