ކޮންމެ އެއްޗެއް ކެއްކިނަމަވެސް ކެއްކޭނީ ކައްކަން ބޭނުންވާ އަސާސީ ތަކެތި އަޅައި ހަމަކޮށްގެންނެވެ. ނަމަވެސް ވިސްނަން ޖެހޭނެ ކަމަކީ އެންމެން ބޭނުންވާ ރަހަ ނުލެއްވޭނެ ކަމެވެ. މިޘާލަކަށް ބުނާނަމަ ކުޅިކަމަށް ބެލިނަމަވެސް އެކިމީހުން ބޭނުންވާނީ އެކިވަރަށެވެ. އެކިމީހުންނަށް މީހުންނަށް ބޭނުންވާނީ ހަވާދުގެ ބާވަތްތައްވެސް އެކިވަރަށެވެ. އެކަކަށް ގިނައިން ދިރިއެޅީމާ މީރުވާއިރު އެހެން މީހަކަށް ނުބައިވެދާނެއެވެ.
ދެމަފިރިންގެ ދިރިއުޅުމަކީވެސް ހަމަ މިފަދަ ކަމެކެވެ. ދެމަފިރިންގެ ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދަންވާނީ ދެމަފިރިންނަށް ވިސްނޭ އެންމެ ރަނގަޅު ގޮތުގައެވެ. ދެމަފިރިންނަށް އެންމެ ބޮޑަށް ހިތްހަމަޖެހުން ލިބޭ ގޮތަކަށެވެ. ޚިޔާލުތަފާތުވާ ކަންކަމުގައި އެކަކު އަނެކަކަށް ދޫދީގެންނެވެ.
ބައެއްފަހަރު ދިމާވާ ގޮތަކީ އެހެން މީހުން ބުނާހައި ގޮތަކަށް ދިރިއުޅުމުގެ ކަންކަން ބަދަލުކުރަން އުޅެވުމެވެ. އަދި އެެހެން މީހުން އުޅޭގޮތަށް ތިމާމެންވެސް އުޅެން ބޭނުންވުމެވެ. މިއީ އެއްގޮަތަކަށްވެސް ރަނގަޅު ގޮތެއް ނޫނެވެ.
މިޘާލަކަށް ބުނާނަމަ ޙަލީމާގެ ދެމަފިރިން އެއުޅެނީ އެދެމަފިރިންނަށް އެންމެ ބޮޑަށް ބޭނުންވާ ގޮތަކަށެވެ. ޝަމީމާގެ ދެމަފިރިން އެއުޅެނީ އެދެމަފިރިންނަށް އެންމެ ބޮޑަށް އުފާވެރިކަން ލިބޭނެ ގޮތަކަށެވެ. އެއިން އެއްވެސް ގޮތަކީ ތިއަ ދެމަފިރިންނަށްވެސް އުފާވެރިކަން ލިބޭނެ ގޮތަކަށް ނުވެދާނެއެވެ.
ވީމާ އެެހން މީހުން ބުނާހައި ގޮތަކަށް އުޅެން މަސައްކަތްނުކުރާށެވެ. އެހެން މީހުންގެ ކިބައިން ފެންނަހައިކަމެއް ކުރަންވެސް ނުއުޅޭށެވެ. އެފަދަ ކަމެއް ފެނިއްޖެނަމަ ނުވަތަ މީހަކު ގޮތެއް ކިޔައިދީފިނަމަ އެކަމަކީ ތިމާމްނެ ދެމަފިރިންނަށް ރަނގަޅު ގޮތެއްކަމާއިމެދު ވިސްނާށެވެ.
މީގެ މާނައަކީ މީހުން ދޭ ހެޔޮ ނަޞީޙަތް ޤަބޫލުނުކުރުމެއް ނޫނެވެ. މީހުން ބުނާހައި ގޮތަކަށް އުޅުމާ ހެޔޮ ނަޞީޙަތް ޤަބޫލުކުރުމާ އެއީ ތަފާތު ދެކަމެކެވެ.
މިޘާލަކަށް ވަޙީދާ ގެއިން ބޭރުގައި ގިނައިރު އުޅުމަކީ ވަޙީދާގެ ފިރިމީހާއަށް މައްސަލައަކަށްނުވެދާނެއެވެ. ނަމަވެސް ތިމާގެ ފިރިމީހާއަށް އެއީ މައްސަލައަކަށްވާނަމަ ވަޙީދާ އުޅޭގޮތަށް އުޅެން އުޅެގެން ދެމަފިރިންގެ މެދުގައި އޮންނާނީ މައްސަލަތައް ޖެހިފައެވެ.
ކައިވެންޏަށްފަހު ދެފަރާތުގެ މައިންބަފައިންދޭ ނަޞީޙަތާއިމެދުގައިވެސް ވިސްނަންވާނެއެވެ. އެނަޞީޙަތް އަޑުއަހަންވާނެއެވެ. ނަމަވެސް ޢަމަލުކުރަންވާނީ ދެމަފިރިންނަށް އެންމެ ކަމުދާ ގޮތަކަށެވެ. މީގެ މާނައަކީ ދެމަފިރިންނަށް ކަމުދާނަމަ ނުބައި ގޮތްގޮތަށް އުޅުމެއް ނޫނެވެ. ކަމުނުދިއަޔަސް އުޅެންޖެހޭނީ ރަނގަޅު ގޮތުގައެވެ. ދިރިއުޅުން ކުރިއަރާނީ ރަނގަޅަށް އުޅުނީމައެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
ދިރިއުޅުމުގަ ވިސްނަންޖެހޭ މުހިންމު ކަމެއް!: އެންމެން ބޭނުންވާ ރަހަ ރިހައިގަ ލައްވަން އުޅެފިނަމަ އޮންނާނީ ނުބައިވެ އެކަކަށްވެސް ނުކެވިފަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ