އެންރީކޭގެ ޝޯއެއް މި މަހު އިންޑިއާގައި
ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު މަޝްހޫރު ސްޕްނިޝް ލަވަކިޔުންތެރިޔާ އެންރީކޭ އިގްލޭސިއަސްގެ ޝޯ މި އަންނަ ހަފްތާގެ ބުދަ ދުވަހު އިންޑިއާގެ މުމްބާއީގައި ބާއްވާނެކަން އިއުލާނުކޮށްފިއެވެ. ލެޓިން ޕޮޕް ލަވަކިޔުންތެރިޔާ އެންރީކޭގެ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މުމްބާއީގެ ބީކޭސީގެ އެމްއެމްއާރުޑީއޭ ގްރައުންޑްސްގައި މި މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ. އެންރީކޭ ސްޓޭޖަށް އެރުމުގެ ކުރިން އޯޑިއަންސާ އެންމެ ފުރަތަމަ ބައްދަލުކުރާނީ އިންޑޯ-ކެނޭޑިއަން ލަވަކިޔުންތެރިޔާ ޖޮނީތާ ގާންދީ އަދި އިންޑިއާގެ ޑައިނެމިކް ބޭންޑް ކަމަށްވާ ޕްރޮގްރެސިވް ބްރަދާސް ބޭންޑުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ޝޯގައި އެންރީކޭއާ އެކު އެއް ސްޓޭޖެއްގައި ޕާފޯމުކުރުމަށް ލިބުނު ފުރުސަތާ ގުޅިގެން ލަވަކިޔުންތެރިޔާ ޖޮނީތާ ބުނީ އެންރީކޭއާ އެކު ސްޓޭޖް ހިއްސާ ކުރުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް ކަމަށެވެ. އެންރީކޭގެ ޝޯ އޮންކަން އިއުލާނުކޮށް ނެރެފައިވާ ޕޯސްޓަރެއް--ފޮޓޯ/އެންޑީޓީވީ އެންރީކޭއަކީ ކުޑައިރުއްސުރެ ވެސް އޭނާ ވަރަށް ތާއިދުކުރަމުން އައި އައިކޮނިކް ލަވަކިޔުންތެރިއެއް ކަމަށާއި ޝޯގައި ޕާފޯމް ކުރެވޭތީ ވަރަށް ބޮޑަށް އުފާވާ ކަމަށް އިންޑޯ-ކެނޭޑިއަން ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ. ހަމައެއާއެކު 'ޕްރޮގްރެސިވް ބްރަދާސް'އިން ވެސް ބުނީ ގްލޯބަލް މިއުޒީޝަނަކާ އެކު ސްޓޭޖް ހިއްސާ ކުރުމަށް ލިބުނު ފުރުސަތަކީ އެ ބޭންޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އެންރީކޭގެ ޝޯއެއް އިންޑިއާގައި އެންމެ ފަހުން ބާއްވާފައިވަނީ މީގެ 13 އަހަރު ކުރިން އިންޑިއާގެ ބެންގަލޫރުގައެވެ. މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 100 މިލިއަނަށްވުރެ ގިނަ އަލްބަމް އެންރީކޭގެ ވަނީ ވިކިވަފެއެވެ. ބިލްބޯޑުގެ އެކި ކެޓެގަރީތަކުގެ ރެކޯޑުތައް މުގުރާލާފައިވާ ލަވަކިޔުންތެރިޔާއަކީ ލެޓިން އާޓިސްޓުންގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ މިއުޒީޝަނެވެ. ބައިނަލްއަޤުވާމީ ދުނިޔޭގެ މަޝްހޫރު މިއުޒީޝަނުން އިންޑިއާގައި މިއުޒިކް ޝޯ ދީފައިވާއިރު އޭގެ ތެރޭގައި ދުއާ ލިޕާ، ބްރަޔަން އެޑަމްސް، ކޯލްޑް ޕްލޭ، މެރޫން އަދި އެޑް ޝީރީން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ