ޖިނާއީ މައްސަލައެއްގައި ދައުވާނުކުރެވޭނެ ކަމަށް ނިންމުމުން، ކަރުދާސް ލިޔެކިޔުން އަހަރެއް ތެރޭ ނައްތާލެވޭ ގޮތަށް އިސްލާހެއް

ޖިނާއީ މައްސަލައެއްގައި ދައުވާނުކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމުމުން، އެ މައްސަލައާ ގުޅޭ ކަރުދާސް ލިޔެކިޔުން އަހަރެއް ތެރޭ ނައްތާލެވޭ ގޮތަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގައި އަމަލުކުރާ ގޮތުގެ ގަވައިދު މިއަަދު އިސްލާހުކޮށްފިއެވެ. ހޯމް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިސްލާހުގައި ވަނީ، އެ ގަވައިދުގެ 21ވަނަ މާއްދާއަށް އަކުރުތަކެއް އިތުރުކޮށްފައެވެ. އެ ގަވައިދުގެ 21 ވަނަ މާއްދާގައި އޮންނަނީ، ފުލުހުންނަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރާ ލިޔެކިޔުންތަކާއި އެއްކުރާ ލިޔެކިޔުންތައް، ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ރައްކާކޮށް ބަލަހައްޓަންވާނެ ކަމަށެވެ. އެގޮތުން، ދައުވާކުރަން ފޮނުވައިފައިވާ މައްސަލައެއްގައި، ޝަރީއަތުން ގޮތެއް ނިމެންދެން ނުވަތަ އިސްތިއުނާފުގެ މަރުހަލާ ނިމެންދެން ލިޔެކިޔުން ރައްކާކުރަން ޖެހޭ ކަމަށް، އެ މާއްދާގައިވެއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ އެ މައްސަލައެއްގެ ލިޔެކިޔުންތަކުގެ ކަރުދާސް ނުވަތަ ފިޒިކަލް ޑޮކިއުމަންޓް ބަލަހައްޓަން ޖެހޭ މުއްދަތު ކަމަށް ވެސް ގަވައިދުގައިވެއެވެ. ހޯމް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިސްލާހުގައި 21 ވަނަ މާއްދާއަށް އިތުރުކުރި އަކުރުގައި ވަނީ، ޖިނާއީ މައްސަލައެއްގައި ދައުވާ ނުކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމައިފިނަމަ، އެ ނިންމުމުގެ ތާރީޚުން ފެށިގެން އެއް އަހަރުގެ ތެރޭގައި ގަވައިދުގެ 23ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށްފަހު، އެ މައްސަލައެއްގެ ލިޔުންތައް ނައްތާލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެ ކަމަށެވެ. ފުލުހުންތަކެއް: މައްސަލައާ ގުޅުންހުރި ލިޔުންތައް ސްކޭންކޮށް، މައްސަލައިގެ ލިޔުން ނައްތާލެވޭ ގޮތަށް ގަވައިދަށް އިސްލާހެއް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މީގެ އިތުރުން، ތަހުގީގު ނިމިފައިވާ ޖިނާއީ މައްސަލައެއްގައި އެއީ، ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި ދައުވާ އުފުލޭ މިންވަރަކަށް ހެކި ލިބިފައިނުވާ މައްސަލައެއް ނަމަ، މައްސަލައިގެ ބާވަތާއި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް އަމަލުކުރަން ވީ ގޮތް ވެސް އިސްލާހުގައި ވަނީ ހިމަނައިފައެވެ. މިގޮތުން، އެފަދަ ހެއްކެއް އަލުން ލިބިދާނެ ކަމަށް މައްސަލަ ތަހުގީގު ކުރި ފަރާތާއި އެފަރާތުގެ ސުޕަވައިޒަރަށް ނުބެލެވޭކަން ގަބޫލުކުރެވޭކަން ބަޔާންކޮށް ލިޔުމުން ކުރާ އެންޑޯޒްމަންޓަށް ބިނާކޮށް، އެ ސަބަބުގެ މައްޗަށް ރިއާޔަތްކޮށް މައްސަލަ ފައިލުކުރެވުނު ތާރީޚުން ފެށިގެން އެއް އަހަރުގެ ތެރޭގައި، ގަވައިދުގެ 23ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ. އެއަށްފަހު، އެ މައްސަލައެއްގެ ލިޔުންތައް ނައްތާލުމަށް ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެ ކަމަށް ގަވައިދުގައިވެއެވެ. އެ ގަވައިދުގެ 23 ވަނަ މާއްދާގައި ވަނީ، މައްސަލަތަކާ ގުޅޭ ލިޔުންތައް ނައްތާލުމުގެ ކުރިން، ނައްތާލެވޭ މައްސަލައާ ގުޅޭ ހުރިހާ ލިޔުމެއް ސްކޭން ކުރަން ވާނެ ކަމަށެވެ. އަދި ލިޔެކިޔުން ނައްތާލަން ވާނީ ނަކަލު ނުކުރެވޭ އަދި ނަގުލު ވެސް ނުކުރެވޭނެ ފަދަ ގޮތަކަށް ކަމަށް އެ މާއްދާގައިވެއެވެ. އެ ލިޔުންތައް ސްކޭން ކުރިކަން ޔަގީންކުރުމަކީ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ޒިންމާއެއް ކަމަށް ގަވައިދުގައިވެއެވެ. އެ ގަވައިދަށް ގެނައި އިސްލާހަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ