ބިލަށް އިސްލާހު ހުށަހެޅީ ހުރަހެއް ނެތި މީޑިއާތަކަށް ހަރަކާތްތެރިވެވޭނެ މަގު ފަހިކޮށްދޭން: އުޝާމް

މީޑިއާ ކޮންޓްރޯލް ބިލަށް އިސްލާހު ހުށަހެޅުމުގެ މަގްސަދަކީ އެއްވެސް ހުރަހެއް ނެތި މީޑިއާތަކަށް ހަރަކާތްތެރިވެވޭނެ މަގުފަހިކޮށްދިނުމާ އެކު، ދޮގު މައުލޫމާތުން އާންމު ރައްޔިތުން ރައްކާތެރިކުރަން ކަމަށް، ބަންޑާރަނައިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ. "އެކްސް"ގައި އުޝާމް ޓެގްކޮށް ކުރި ޕޯސްޓަކަށް ދެއްވި ރައްދެއްގައި އުޝާމް ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ބިލުގައި މައްސަލަ ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ބަންޑާރަނައިބުގެ އޮފީހުން ބިލު ރިވިއުކޮށް އިސްލާހުތަކެއް ހުށަހެޅީ އެހެންވެ ކަމަށެވެ. އުޝާމް ވިދާޅުވީ, އާންމުކޮށް ގިނަ ބިލުތަކުގައި، މާނަކުރަންޖެހޭ ކަންކަން މާނަކޮށް، އިތުރަށް ތަފްސީލްކުުރުމުގެ މަސައްކަތް ކުރަނީ، ކަމާ ގުޅޭ ފަރާތްތަކުގެ މަޝްވަރާއާއެކު ކޮމިޓީ މަރުހަލާގައި ކަމަށެވެ. އެގޮތުން މި ބިލުގައި ހުރި ބައެއް ލަފްޒުތަކުގެ މާނަ އިތުރަށް ސާފުކޮށްދޭން އެދިފައިވާނެ ކަމަށާއި، އެގޮތުން "އިލެކްޓްރޯނިކް މީޑިއާ"އަކީ ކޮބައިކަން ތަފްސީލުކޮށް ހިމަނަން އެދި ހުށަހަޅައިފައިވާނެކަމަށް އުޝާމް ވިދާޅުވިއެވެ. "މި ބިލަށް އިސްލާހު ހުށަހެޅުމުގެ މަގްސަދަކީ މީޑިއާއަށް އެއްވެސް ހުރަހެއް ނެތި ހަރަކާތްތެރިވެވޭނެ މަގު ފަހިކޮށްދިނުމާއެކު، ދޮގު މައުލޫމާތުން އާންމުން ރައްކާތެރިކުރުން،" އުޝާމް ވިދާޅުވިއެވެ. މި ބިލުގައި ޒިންމާދާރުކަމާއެކީ މީޑިއާއިން މައުލޫމާތުތަކުގެ ބޭނުންކުރުމާއި ދޮގު މައުލޫމާތު ފެތުރުން ފަދަ ކަންކަމަށް އަލިއަޅުވާލެވޭނެ މުހިންމު ސިޔާސަތުތަކެއް އެކުލެވިގެންވާ ކަމަށް ގަބޫލުކުރައްވާ ކަމުގައި އުޝާމް ވިދާޅުވިއެވެ. ސަރުކާރުގެ ފަރާތުން ވަނީ، ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު ނޭޅުން ހިމެނޭހެން، މީޑިއާ ކޮންޓްރޯލް ބިލަށް އިސްލާހުތަކެއް މިދިޔަ ބުދަ ދުވަހު 14 އިސްލާހެއް ހުށަޅައިފައެވެ. ހުށަހެޅި އިސްލާހުތަކަށް ބަލާއިރު، ވަކިވަކި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށާއި މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއް ކަމުގައި ހަމަޖެއްސުމަށް ބިލަށް މާއްދާއެއް ހުށަހަޅަން އެ އޮފީހުން ވަނީ ނިންމައިފައެވެ. އިތުރަށް އެ ބިލަށް ހުށަހެޅި އިސްލާހުތަކަކީ: ބިލުގައި ހިމަނާފައިވާ އާންމު ނިޒާމާއި ގައުމީ ސަލާމަތާއި އިލްކެޓްރޯނިކް މިޑިއާގެ މާނަކުރުން އިތުރަށް ތަފްސީލުކޮށް ހިމެނުން ކޮމިޝަންގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، އެކޮމިޝަނުގެ ލަފަޔާއެއްކޮށް ބަޖެޓުން ކޮންމެ އަހަރަކު ވެސް ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައަޅަން ވާނެ ކަމަށް ބަޔާންކޮށް މާއްދާއެއް ހިމެނުން ކޮމިޝަނަށް ހުށަހަޅާ ޝަކުވާއެއް ނުވަތަ މައްސަލައެއް ބަލަން ނިންމައިފިނަމަ، އެ މައްސަލައިގެ ތަހުގީގު ކޮމިޝަނުން ގާއިމުކުރާ ވަގުތީ އެޖުޑިކޭޝަން ކޮމިޓީން ކުރާ ގޮތަށް ހަމަޖައްސައި، އެ ކޮމިޓީއާ ގުޅޭ އުސޫލުތައް ބިލުގައި ހިމެނުން ބިލުގެ 44ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރުކުރުން 42 ވަނަ މާއްދާގައިވާ 'ޚިޔާލު ތަފާތުވެފައިވާ މައްސަލައެއްގައި މައުލޫމާތު ހާކުރުމުގެ މިންގަނޑު' އުނިކޮށް، 'އާންމު މަސްލަހަތާ ގުޅޭ މައްސަލަތަކުގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑު' ބިލުގައި ހިމަނައި، ތަފްސީލުކުރުން ބިލުގެ 39 ވަނަ މާއްދާގައިވާ މީޑިއާގެ ސުލޫކީ ހަމަތަކުގެ ތެރޭގަުއ ތެދު މައުލޫމާތު ހާމަކުރުމުގެ އިތުރަށް އިންސާފުވެރިކަމާއި ހާމަކަންބޮޑު ގޮތެއްގައި ޚަބަރާއި މައުލޫމާތު ގެނެސްދިނުން ހިމެނުން 41 ވަނަ މާއްދާގައިވާ މީހުންގެ އަމިއްލަ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުހައްގުން ވަދެގެން ނުވާނެ ކަމަށް އޮތްއޮތުން ބަދަލުކޮށް، އެފަދަ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިހުތިރާމު ކުރުމަކީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ބެލުން ހަމައެހެންމެ، ކޮމިޝަނަށް މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައާއި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް ނުހިމެނޭ ގޮތަށް ބިލުގެ ތިން މާއްދާއެއް ވެސް ހުށަހަޅައި، އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ އުނިކުރުމަށް ވެސް ވަނީ ހުށަހަޅައިފައެވެ. މީޑިއާ 'ކޮންޓްރޯލް' ބިލާ ގުޅިގެން ރާއްޖޭގެ ނޫސްވެރިންނާއި ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުގެ އިތުރުން ރާއްޖޭގެ އެޗްއާރުސީއެމްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކާ ހިލާފު މާއްދާތަކެއް މި ބިލުގައި ހިމެނޭ ކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ