ސުލްހަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާއި ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމަށް ގޮވާލުމާ ގުޅޭ އދ.ގެ ގަރާރު ބޮޑު އަގުލަބިއްޔަތަކުން މިއަދު ފާސްކޮށްފި އެވެ.
ތަފްސީލް - އދ.ގެ އާއްމު މަޖިލީހުގައި ހުށަހެޅި 'ނިއު ޔޯކް ޑެކްލަރޭޝަން' އަށް ރާއްޖެއިން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
ގަރާރު ފާސްކުރުމުގެ ވޯޓުގައި:
152 ގައުމުން ބައިވެރިވި
އޭގެތެރެއިން 142 ގައުމުން ތާއީދުކުރި
ގަރާރާ ދެކޮޅަށް 10 ގައުމުން ވޯޓު ދިން
އަދި 12 ގައުމަކުން ވަކި ކޮޅަކަށް ވޯޓުދޭން ބޭނުމެއް ނުވި
މި ގަރާރުގައި ގޮވާލާފައިވަނީ، ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި ފަލަސްތީނުގައި މިނިވަން، އިގްތިސޯދީގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާ ކުރުމަށެވެ. އޭގެ ތެރޭގައި ހަމާސްގެ ބައިވެރިވުން ނުހިމެނޭ ގޮތަށް ދައުލަތް ގާއިމުކުރުން ހިމެނެ އެވެ.
އެނގުން މުހިއްމު - މިއީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ސައުދީ އަރަބިއްޔާ އާއި ފްރާންސްގެ ރިޔާސަތުގެ ދަށުން އދ.ގައި ބޭއްވި ކޮންފަރެންސްގައި އެކުލަވާލި ގަރާރެކެވެ. އިޒްރޭލުން މިހާތަނަށް ދިޔައީ މިއީ ހަމާސްއަށް ވާގިވެރިވާ ގަރާރެއް ކަމަށް ބުނެ އެއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ރާއްޖޭގެ ތާއީދާ އެކު މި ގަރާރު ފާސްކުރުމާ ވިދިގެން ރައީސް މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފަލަސްތީނު މީހުންގެ ހައްގުތައް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތަށް މިފަދަ ގަރާރުތަކުގެ މުހިއްމުކަން ފާހަގަކުރައްވައިފަ އެވެ.
އަދި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް ރާއްޖެއިން ކުރާ ތާއީދު ތަކުރާރުކޮށް ފާހަގަކޮށްފަ އެވެ.
"މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ޙައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަޤިއްލުދައުލަތެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އ.ދ. ގެ ޗާޓަރާއި އެއްގޮތް ވާގޮތުގެ މަތިން ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރެވުމުންކަމުގައި ދިވެހިރާއްޖެއިން ތާއިދުކުރެއެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފަލަސްތީނު ދައުލަތެއް ގާއިމުކުރުމާ ގުޅޭ އދ.ގެ ގަރާރު ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ