ޝަކުވާތައް ފުނިޖެހި، ދެ މަސްފަހުން އާ ޓާމިނަލް ކުރިމަތި ވަގުތީ ގޮތުން ޕާކިންއަށް ދެނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އެއާޕޯޓުގެ ޚިދުމަތްތައް ބޭނުންކުރާ އާންމުންގެ ޝަކުވާތައް ފުނިޖެހިފައިވަނިކޮށް، އާ ޓާމިނަލްގެ ކުރިމަތީގައި ކުރިން އޮތް ޕާކިން ޖާގައިގައި، ޕާކްކުރެވޭނެ ވަގުތީ އިންތިޒާމު ހަމަޖައްސައިދޭން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ނިންމައިފިއެވެ. އެ ކުންފުނީގެ މުވައްޒަފުންނަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި އެމްއޭސީއެލުން ބުނީ، ވީއައިއޭގެ އާ ޓާމިނަލްގެ ހުޅަނގު ފަރާތުގައިވާ ސަރަހައްދު ޕާކިން ޒޯނެއްގެ ގޮތުގައި ބޭނުންކުރުމަކީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ގޮތެއް ނޫން ކަމަށް ފެންނާތީ، އެ ސަރަހައްދަށް ބަދަލުތައް ގެނައުމަށް އެއާޕޯޓުގެ މާސްޓާޕްލޭންގައި ހިމަނާފައި ވާނެ ކަމަށެވެ. ނަމަވެސް އެއާޕޯޓުގެ ޚިދުމަތް ހޯދާ މީހުންނަށާއި އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެހެނިގެން އިދާރާތަކާއި ކުންފުނިތަކުގެ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މި ފެށޭ ހަފުތާއިން ފެށިގެން ވަކި އުސޫލެއްގެ ދަށުން، އާ ޓާމިނަލްގެ ކުރިމަތީގައި ވަކި ސަރަހައްދެއް ޕާކްކުރުމަށް ހަމަޖައްސާފައިވާ ކަމަށް، އެމްއޭސީއެލުން ބުންޏެވެ. އެއާއެކު، އެއާޕޯޓުގައި ޕާކްކުރުމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ޓަކައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް، އެމްއޭސީއެލުން ބުންޏެވެ. އެގޮތުން މާލެއާއި ހުޅުމާލޭން އެއާޕޯޓުގެ އިރުމަތީ ސަރަހައްދުގައިވާ ޕާކިން ޒޯނަށް ފަސޭހައިން ވަދެވޭ ގޮތް ހެދުމަށް ލިންކް ރޯޑުގައި ޓްރެފިކް ލައިޓް ހަރުކުރުމާއި، މާލެއާއި ހުޅުމާލޭން އެއާޕޯޓަށް ކުރާ ބަހާއި ފެރީގެ ދަތުރުތައް ފުޅާކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، އެ ކުންފުނިން ބުންޏެވެ. އެމްއޭސީއެލުން ބުނީ، ވީއައިއޭގެ އިރުމަތީ ސަރަހައްދުގައި ޕާކިން ޒޯން ތަރައްގީކޮށް ނިމުމުން، އާ ޓާމިނަލް ކުރިމަތީގައި ޕާކްކުރުމަށް ވަގުތީގޮތުން ކަނޑައަޅާފައިވާ ސަރަހައްދު އިރުމަތީ ފަރާތަށް ބަދަލުކުރެވޭނެ ކަމަށާއި، މިހާރު ވެސް އިރުމަތީ ފަރާތުގައި ޕާކްކުރާ އުސޫލުން ޕާކްކުރެވޭނެ ކަމަށެވެ. މިދިޔަ ޖުލައި މަހުގެ 26ވަނަ ދުވަހު އާ ޓާމިނަލް ހުޅުވުމަށް، ވެލާނާ އެއާޕޯޓުގެ ޕާކިން ޒޯންތަކުގައި ޕާކްކުރުން ވަގުތީގޮތުން މަނާކުރީ އެ މަހުގެ 17ވަނަ ދުވަހެވެ. އާ ޓާމިނަލް ހުޅުވިތާ ދެ މަސްވާން ގާތްވެފައިވާއިރު ޕާކިން ޒޯން ނުހުޅުވައި އޮތުމުން އެއާޕޯޓުގެ މުވައްޒަފުންނާއި ދަތުރުވެރީންގެ ކަންބޮޑުވުން އެބަހުއްޓެވެ. އެ ޕާކިން ޒޯން އަލުން ހުޅުވުމާ ގުޅޭ ގޮތުން "ސަން"އިން ސުވާލުކުރުމުން އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް މިދިޔަ މަހު ވިދާޅުވީ، އާ ޓާމިނަލްގެ ކުރިމަތީގައި އޮންނަ ޕާކިން ޒޯން ހުޅުވުމަށް ޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށާއި، މިހާރު އެމްއޭސީއެލްގެ މުވައްޒަފުންނަށާއި އެއާޕޯޓު ރެޕުންނަށް އާ ޓާމިނަލްގެ އިރުމަތީ ފަޅީގައި އޮންނަ ޕާކިން ޒޯން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ. "ދެން ވީ އެންމެ އަވަހަކަށް އަޅުގަނޑުމެން ޕާކިން ޒޯނެއް ހުޅުވުމުގެ މަސައްކަތް ކުރަމުން މި ގެންދަނީ." އޮފިޝަލް އޭރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ