ބެނިންގައި ސިފައިން ކުރަން އުޅުނު ބަޣާވާތެއް، އެހެން ސިފައިން ނުކުމެ ނާކާމިޔާބުކޮށްލައިފި
ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ، ބެނިންގެ ހަތިޔާރު އެޅި ސިފައިން އެ ގައުމުގައި ބަޣާވާތް ކުރަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ބެނިންގެ އިންޓީރިއާ މިނިސްޓަރު އަލަސާނޭ ސެއިދޫ މިއަދު ވިދާޅުވެއްޖެއެވެ. ލެފްޓިނެންޓް ކާނަލް ޕަސްކަލް ޓިގްރީ އިސްކޮށް ހުންނަވައިގެން ސިފައިންގެ ގްރޫޕަކުން މިއަދު ވަނީ ދައުލަތުގެ ޓީވީއަށް އަރައި، ރައީސް ޕެޓްރިސް ޓެލޮން ވެރިކަމުން ދުރުކޮށްފައިވާ ކަމަށާއި ގާނޫނު އަސާސީ އުވާލާފައިވާ ކަމަށް އިއުލާނުކޮށްފައެވެ. އަދި ސިޔާސީ ޕާޓީތައްވެސް އުވާލާފައިވާ ކަމަށާއި، ބޯޑަރުވެސް ބަންދުކޮށްފައިވާ ކަމަށް އެމީހުން އިއުލާނުކުރިއެވެ. ބެނިންގައި ހުންނަ ފްރާންސްގެ އެމްބަސީން ވަނީ، މައި ސިޓީ ކޮޓޯނޫގައި ހުންނަ ރައީސް ޓެލޮންގެ ގެކޮޅު ކައިރިން ބަޑިޖަހާފައިވާ ކަމަށް ވެސް ބުނެފައެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ ބީބީސީން ވެސް ވަނީ، ބަޑިޖަހާ އަޑު އިވިފައިވާ ކަމަށާއި ދައުލަތުގެ މީޑިއާގައި މަސައްކަތް ކުރާ ބައެއް ނޫސްވެރިން ރަހީނުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. ބެނިންގެ ރައީސް ޕެޓްރިސް ޓެލޮން . ފޮޓޯ/އޭއެފްޕީ ނަމަވެސް އިންޓީރިއާ މިނިސްޓަރު އަލަސާނޭ ސައިޑޯ ވަނީ ރައީސް ޓެލޮން ހުންނެވީ ސަލާމަތުން ފްރާންސްގެ އެމްބަސީގައި ކަމަށް ހާމަކޮށްފައެވެ. "މި ހާލަތާ ކުރިމަތިލާން ޖެހުމުން، ހުވާއަށް ތެދުވެރިވެ، ބެނިންގެ ހަތިޔާރު އެޅި ސިފައިންނާއި އެ މީހުންގެ ލީޑަޝިޕުން ވަނީ ދިފާއުގައި ތެދުވެފައި. ހާލަތު ކޮންޓްރޯލްކޮށް، [ބަޣާވާތް] ނާކާމިޔާބުކޮށްލި،" އޭނާ ވިދާޅުވިއެވެ. އެހެންވެ، އާންމު ރައްޔިތުންނަށް ބަޣާވާތުގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ފްރާންސާއި ރަޝިޔާ އެމްބަސީން ވަނީ އެ ގައުމުގެ ރައްޔިތުން ގެއިން ނިކުމެ ނޫޅުމަށް އިލްތިމާސްކޮށްފައެވެ. އެމެރިކާ އެމްބަސީން ވެސް ވަނީ ކޮޓޯނޫއާގައި، ވަކިން ޚާއްސަކޮށް ރިޔާސީ ގަނޑުވަރުގެ ވަށައިގެންވާ ސަރަހައްދާ ކައިރި ނުވުމަށް އިލްތިމާސްކޮށްފައެވެ. ބަޣާވާތް ކުރަން އުޅުނު ސިފައިން ބުނާ ގޮތުގައި ރައީސް ޓެލޮން ގައުމު ހިންގަވާ ގޮތާމެދު އެމީހުން ހިތްހަމައެއްނުޖެހެއެވެ. ހުޅަނގުގެ ގާތް އެކުވެރިއެއްގެ ގޮތުގައި ބެލެވޭ 67 އަހަރުގެ ޓެލޮން ވެރިކަމުގެ ދެވަނަ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު އަންނަ އަހަރު މަގާމުން ދުރަށް ވަޑައިގަންނަވާނެއެވެ. އެގޮތުން، އަންނަ އަހަރުގެ އެޕްރީލް މަހު އެ ގައުމުގެ ރިޔާސީ އިންތިޚާބު ބާއްވަން ވަނީ ހަމަޖެހިފައެވެ. ޓެލޮން ފުރަތަމަ ވެރިކަމަށް ވަޑައިގަތީ 2016 ވަނަ އަހަރު ބޭއްވި އިންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ. ގައުމުގެ އިގްތިސާދީ ތަރައްގީއަށް އިސްކަން ދެއްވާތީ ޓެލޮންއަށް ތާއީދު އޮންނަ ނަމަވެސް ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ވަރަށް ބޮޑަށް ހުރަސް އަޅާފައިވާ ކަމަށްބުނެ އެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ބެނިންގައި ބަޣާވާތް ކުރަން މަސައްކަތްކޮށްފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ގިނީ ބިސާއޯގެ ރައީސްކަމުން އުމަރޯ ސިސޯކޯ އެމްބަލޯ ވެސް ވަނީ ދުރުކޮށްފައެވެ. ފާއިތުވި އަހަރުތަކުގައި ހުޅަނގު އެފްރިކާގެ ގައުމުތަކުގައި މިފަދަ ބަޣާވާތްތައް ހިންގާފައިވާއިރު، އޭގެތެރޭގައި ބުރްކިނާ ފާސޯ، ގިނީ ބިސާއޯ، މާލީ އަދި ނައިޖާވެސް ހިމެނެއެވެ. އެކަމާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ގޯސްވެދާނެ ކަމުގެ ބިރު ވަނީ އިތުރުވެފައެވެ. ފްރާންސްގެ ކުރީގެ ކޮލޮނީއެއް ކަމަށްވާ ބެނިންއަކީ، އެފްރިކާގެ އެންމެ ސުލްހަވެރި އެއް ޑިމޮކްރަސީގެ ގޮތުގައި ބެލެވިފައިވާ ގައުމެކެވެ. ބެނިން އަކީ އެފްރިކާ ބައްރުގައި ކަފަ އެންމެ ގިނައިން އުފައްދާ އެއް ގައުމު ކަމަށްވީ ނަމަވެސް، އެއީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ވެސް ހިމެނޭ ގައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ