ފެލިދޫ ކައުންސިލަށް ފައިސާ ނުދައްކާ މީހުންގެ އާއިލާގެ މެންބަރުންނަށް ހިދުމަތްނުދޭން ނިންމި ނިންމުން ބާތިލުކޮށްފި

ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިފި ނަމަ، އެމީހަކާއި އެމީހެއްގެ އާއިލާގެ މެންބަރުންނަށް ހިދުމަތް ނުދޭން ވ. ފެލިދޫ ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށް، ފައިސާ ދެއްކުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފިއެވެ.
މިމަހުގެ އެއްވަނަ ދުވަހު ފެލިދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް އެ ކައުންސިލުން ގިނަގުނަ މަސައްކަތްތަކެއް ކުރެވި އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާތީ، ދަރަނި އަދާކޮށް ނިންމަންދެން އެފަދަ ފަރާތްތަކާއި، އެ ފަރާތްތަކުގެ އަނބި/ފިރި އަދި ދަރިންނަށް ކައުންސިލުން އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ ނިންމުމާ ގުޅިގެން ފެލިދޫ ކައުންސިލަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، އެ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ފައިސާ ނުދައްކާ ފަރާތްތަކާއި އެ ފަރާތްތަކުގެ އަނބި/ފިރި އަދި ދަރިންނަށް ހިދުމަތްތައް ނުދިނުމަށް ނިންމި ނިންމުން މުރާޖައާކޮށް، އެފަދަ ފަރާތްތަކުގެ "އަނބި/ފިރި އަދި ދަރިން"، އެ ނިންމުމުން އުނިކުރުމަށާއި އަދި ފައިސާ ނުދައްކާ ފަރާތްތަކަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެ ފަރާތްތަކުގެ ނަންތައް އިއުލާންކުރަމުން ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން ފެލިދޫ ކައުންސިލުން ނިންމި ނިންމުމާ ގުޅިގެން ލޯކަލް ގަަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެލްޖީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފެލިދޫ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކުން އެއްވެސް ރައްޔިތަކު މަހުރޫމް ކުރެވޭނީ ގާނޫނު އަސާސީއާ ހިލާފު ނުވާނެހެން ފާސްކޮށްފައިވާ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެކަންކުރުމަށް ބާރު ލިބިގެން ކަމަށެވެ. އެގޮތުން ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން، ގާނޫނަކުން ނުވަތަ ގަވައިދަކުން ހުއްދަކުރާ ފިޔަވަޅެއް މެނުވީ އެއްވެސް މީހަކާ މެދު އެޅުމަކީ ފަރުދީ ހައްގެއް ހިފެހެއްޓުން ކަމަށް އެލްޖީއޭގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެލްޖީއޭ އިން ބުނެފައިވަނީ، ކައުންސިލާއެކު ވާ މަދަނީ މުއާމަލާތެއްގެ ސަބަބުން، ދައްކަން ޖެހޭ ފައިސާއެއް ނުދެއްކުމުން، އެ މީހަކާ މެދު ފިޔަވަޅު އަޅަންވާނީ އެފަދަ މުއާމަލާތްތަކާ ގުޅިގެން ހަދާ އެއްބަސްވުމުގެ މަތިން ކަމަށާއި އެފަދަ އެއްބަސްވުމެއް ނެތް ނަމަ، މަދަނީ ހައްގެއް ހިފެހެއްޓުމަކީ ކައުންސިލުތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ