ކާމިޔާބަށް ފަހު މުއިއްޒު ފުރަތަމަ ވެސް ގޮވާލެއްވީ ޔާމީން ގެޔަށް ބަދަލު ކުރަން

ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ލިބިވަޑައިގެންނެވި ކާމިޔާބީއަށްފަހު ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުހާބަތުކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިއަދުގެ ނަތީޖާއަކީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް އަދި ގައުމުގެ މިނިވަންކަން ޔަގީންކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ."އަޅުގަނޑު މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް އަދަބުވެރިކަމާއި އިހްލާސްތެރިކަމާއެކު ދަންނަވާލަން، އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވާށޭ،" މުއިއްޒު ވިދާޅުވި އެވެ.މުއިއްޒު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމަކީ ގައުމުގެ މަސްލަހަތަށްޓަކާ އެންމެ ރަނގަޅު ގޮތް ކަމަށެވެ.ޔާމީން ގެއަށް ބަދަލުކުރުމަށް މުއިއްޒު ގޮވާލައްވާފައިވާއިރު ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީން މިނިވަން ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި ދުވަހު މުއިއްޒު ވިދާޅުވި އެވެ."ފުރަތަމަ ދުވަހުވެސް އެންމެ ފުރަތަމަ ކަމަކަށްވެސް އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ ރައީސް ޔާމީން މިނިވަންކުރުން،" އޮގަސްޓް މަހުގެ ތިން ވަނަ ދުވަހު މުއިއްޒު ވިދާޅުވި އެވެ. ޔާމީން މިނިވަންކުރާނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށްވެސް މުއިއްޒު އޭރު ވިދާޅުވި އެވެ.ގައުމުގެ މަސްލަހަތު މާ ބޮޑުކަން ހަނދާންކޮށްދެއްވައި، މުއިއްޒު އެދިވަޑައިގަތީ ހަމަޖެހުން ދެމެހެއްޓުމަށެވެ. އުފާފާޅު ކުރާއިރު ވެސް ރިވެތި އަހުލާގުގެ ތެރެއިން އެކަން ކުރުމަށް އެދިވަޑައިގަތެވެ. އަދި ހަމަޖެހުން ގެއްލުވާލުމަށް ފުރުސަތު ނުދިނުމަށް އެދިވަޑައިގަތެވެ.ހުރިހާ ރައްޔިތުންނަށް ވެސް މުއިއްޒު ޝުކުރު ދެންނެވި އެވެ. އަދި ވިދާޅުވީ އަމާނާތްތެރި ކަމާއި ތެދުވެރިކަމާއެކު ދިވެހީންގެ ރާއްޖެ ދިވެހިންނަށް ޔަގީންކޮށް ދެއްވާނެ ކަމަށެވެ.އިންތިގާލީ މަރުހަލާގައި ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަސާއި ނޮވެމްބަރު 17 ގައި ހުވާކުރެއްވުމަށް ފަހު އާ ސަރުކާރުގެ މަސައްކަތް ފަށާނީ ވަރަށް ބާރު ސްޕީޑުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މުއިއްޒަށް 127000 ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 108000 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ