ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރުމަކީ ރައީސަށް ގޮންޖެހުމެއް ނޫން: މިއުވާން

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްވެސް ގޮންޖެހުމެއް ނޫން ކަމަށް އެ މަނިކުފާނުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން މިއުވާން ވިދާޅުވީ، މި ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ ޖޭޕީން ކެންޑިޑޭޓެއް ނެރެފި ނަމަ ދެން ކުރިއަށްދާނެ ގޮތަކާ މެދު މާމިގިލީ ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް އަދި ޖޭޕީއާއެކު ވެސް ރައީސް މަޝްވަރާކުރައްވާނެ ކަމަށެވެ.
ރައީސަށް ދެ ވަނަ ދައުރެއް ދިނުމަށް ކޯލިޝަން ހެދުމަށް ޖޭޕީ ހިމެނޭހެން ޕާޓީތަކަށް ދައުވަތު ދީފައިވަނިކޮށް އެ ޕާޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި ވާދަކުރަން ނިންމައިފަ އެވެ. އެއާއެކު، ޕްރައިމަރީއަށް މިއަދު ހުޅުވާލައި، މި މަހުގެ 30 ގެ ކުރިން ހުށަހަޅަން ވަނީ މުއްދަތު ދީފަ އެވެ.
ނަމަވެސް، އިންތިހާބާ ގުޅޭގޮތުން ހުރިހާ ކަމެއް ނިންމުމުގެ ބާރު ޕާޓީން ދީފައިވަނީ ގާސިމަށެވެ. އިންތިހާބުގައި ވާދަކުރުމާ ގުޅޭގޮތުން ގާސިމް މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރަން ނިންމުމުން އެ ޕާޓީގެ ސްލޮޓުގައި ތިބި ސިޔާސީ ބޭފުޅުންނަށް ވާނެ ގޮތަކާ މެދު އެއްބަޔަކު ސުވާލު އުފައްދަ އެވެ.
މިއުވާން ވިދާޅުވީ ރައީސަށް މުހިއްމީ ރައްޔިތުންނަށް ހިދުމަތްކުރުން ކަމަށާއި އެކަމަށް އެއްބާރުލުން ދޭ ބޭފުޅުންނާއެކު ކުރިއަށްދާނެ ކަމަށެވެ. އެކަމަކު، ސަރުކާރުގައި ތިބެގެން ރައީސްއާ ދެކޮޅަށް މަސައްކަތްކުރާ ނުވަތަ ވާދަވެރި ކެންޑިޑޭޓަކާ އެއްކޮށް ކުރިއަށް ދިއުމަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިއުވާން ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"ރައީސަށް ޗެލެންޖެއް ނޫން އެއީ [ގާސިމް ކުރިމަތިލެއްވުމަކީ]. ރައީސަށް މިހާރު އެ އޮތް ކޯލިޝަނާއެކު، ރައީސާއެކު ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނާއެކު އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް." އޭނާ ވިދާޅުވި އެވެ.
އެއްބަޔަކު ގަބޫލުކުރާ ގޮތުގައި ރައީސަށް ދެ ވަނަ ދައުރެއް ނުދޭން ޕާޓީތަކުން ބޭނުންވަނީ ކޯލިޝަން އެއްބަސްވުމާ ހިލާފަށް އަމަލުކޮށްފައިވާތީ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ސިޔާސީ މަގާމުތައް ބަހާލި ގޮތެވެ.
ނަމަވެސް، މިއުވާން ވިދާޅުވި ގޮތުގައި ރައީސް ވެރިކަން ކުރައްވަނީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް، ކޯލިޝަން ހަދަން ދައުވަތު ދެއްވި ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީ އާއި އެމްޑީއޭގެ ނިންމުން އިއުލާންކޮށްފައި ވިޔަސް ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުން އަދި ގޮތެއް ނުނިންމަ އެވެ.
އެމްޑީޕީއަށް ދެ ވަނަ ދައުރެއް ކާމިޔާބުވާން އޮތީ ކޯލިޝަަނަކުން ކަމަށް ވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅު ހުރީ ޕާޓީތަކާ އެކު އިއްތިހާދުވެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އިންތިހާބުވެވަޑައިގަތުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ