ބަންޑާރަ ނައިބުގެ އޮފީހުގައި މަސައްކަތް ކުރައްވާ، އެއްވެސް ބޭފުޅެއްގެ ޖިންސަށް ނިސްބަތްކޮށް ފުރައްސާރަ ކުރުން ބަލައި ނުގަންނަ ކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ.
އެ އޮފީހުން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، އިތުބާރު ނެތްކަމުގެ މައްސަލައިގައި އޭޖީ އިބްރާހީމް ރިފްޢަތު މަޖިލީހަށް ހާޒިރުވިއިރު، އަރިހުގައި ވަޑައިގެންނެވި ޑެޕިއުޓީ އޭޖީ ހަދީޖާ ޝަބީނާއި ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމަށް ނިސްބަތްވާ ގޮތަށް އޭދަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ދެއްކެވި ވާހަކައާ ގުޅިގެންނެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅަމުން ގެންދިޔައިރު، މަޖިލީހުގެ މުޅި ޖަލްސާގައި މެންބަރުން ދިޔައީ ނިޒާމީ ނުކުތާ ނަންގަވަމުންނެވެ. އަދި އޭގެތެރެއިން މައިނޯރިޓީ ލީޑަރު ވަނީ ނިޒާމީ ނުކުތާ ނަންގަވައި، އޭޖީއާއެކު މަޖިލީހަށް ހާޒިރުވީ "18 އަހަރު ނުފުރޭ ކުޑަ ދެ ކުދިން" ކަމަށް ޝައްކުވާ ކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އޭޖީ އޮފީހުން މިރޭ ނެރުއްވި ބަޔާނުގައި ވަނީ، އޭޖީގެ އަރިހުގައި، ހޯމަ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި، ޑެޕިއުޓީ އެޓާނީ ޖެނެރަލް އާއި، އޭޖީ އޮފީހުގެ ކައުންސެލް ޖެނެރަލް އަކީ ދިވެހި ދަޢުލަތާ ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ، ޢިލްމީ، ޤާބިލު، އަދި 16 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ.
އޭޖީ އޮފީހުން އިތުރަށް ވިދާޅުވީ، އެންމެންގެ މަސައްކަތަކަށް ވާންވާނީ، މިންތީގެ ހަމަހަމަކަން ޤާއިމު ކުރުން ކަމަށެވެ. އަދި އަންހެނުންނާއިމެދު ގެންގުޅޭ ބޯދާ ވިސްނުންތައް ނައްތައިލައި، އަންހެނުން ބާރުވެރިކޮށް، އަންހެނުންނަށް ރައްކާތެރިކަން ލިބިގެންވާ ވެއްޓެއް ޤާއިމު ކުރުމަށް ކަމަށެވެ.
ޖިންސަށް ނިސްބަތްކޮށް ފުރައްސާރަ ކުރުން ބަލައެއް ނުގަންނަން: އޭޖީ އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ