ޝަރުއީ ދާއިރާ "މިނިވަންކުރުމު"ގެ ހަތިޔާރަކަށް އަބްދުﷲ ގާޒީ!

ސަރުކާރު ނިސްބަތްވާ ޕާޓީގެ މެމްބަރުން ތަފާތު ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކަށް ބަލާއިރު، ވަކި ކަމެއް ހާސިލްކުރުމުގެ ބޭނުމުގައި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު މިހާރު ވަނީ "ކިޑްނެޕް" ކޮށްފައި ކަމަށް ބުނެވިދާނެ އެވެ. އެމްޑީޕީން މާލޭގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި، އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައިވާ ގޮތުން ނަމަ، ކޯޓުތަކުން ހަމަހަމަކަމާ އެކު އަދުލު އިންސާފު ގާއިމްކުރާނެކަމުގެ ޔަގީންކަން ނުލިބޭހާ ހިނދަކު އަބްދުﷲ ގާޒީ ހުންނާނީ ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. އެހެންވީމަ ޝަރުއީ ދާއިރާ މިނިވަންކުރުމަށްޓަކައި ސަރުކާރާއި އެމްޑީޕީން އަބްދުﷲ ގާޒީ "ގުރުބާން" ކުރަނީ ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތެވެ. ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު އޭނާ ގެންދިޔަ ތަން އާއިލާ އަށް އެންގީ 48 ގަޑިއިރުވާން ކައިރިވެފައި ވަނިކޮށެވެ. އެހެންވެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބުނެފައި ވަނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީގެ އިތުރުން ބައިނަލްއަގްވާމީ އުސޫލުތަކާ ވެސް ހިލާފަށް ކަމަށެވެ. އަބްދުﷲ ގާޒީ އަކީ ފެށުނީއްސުރެ ސަރުކާރާއި އެމްޑީޕީގެ ފާޑުކިއުންތައް އަމާޒުވެފައިވާ ފަނޑިޔާރެކެވެ. އޭނާ ފަނޑިޔާރުގެއިން ބޭރުކުރެވޭތޯ ވަރަށް ގިނަ މަސައްކަތްކުރި އެވެ. ތަފާތު އެކި ގޮތްގޮތުން ދުއްތުރާތައްކުރި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް ވެސް އެކަން ކުރި އެވެ. އެ ހުރިހާ މަސައްކަތަކުން ވެސް އަބްދުﷲ ގާޒީ، ކޯޓުން ބޭރުކުރެވޭނެ ގޮތެއް ނުވުމުން، ދައުލަތުގެ އާރާއި ބާރު ބޭނުންކޮށްގެން، ގަދަކަމުން އޭނާ ވަކި ރަށެއްގައި ބަންދުކޮށްފައި ބެހެއްޓުމަކީ އިންސާފުވެރި ނިންމުމެއް ބާވަ އެވެ؟ އަބްދުﷲ ގާޒީ ދޫކޮށްލުމަށް ރާއްޖޭގެ އެންމެ މަތީ ކޯޓާއި ހައި ކޯޓާއި އެކިއެކި މުއައްސަސާތަކުންނާއި ކުރިއަށް ތިއްބެވި ބޭފުޅުން ތަކުރާރުކޮށް ގޮވާލަމުން ގެންދަވާއިރު ވެސް ސަރުކާރުން ދަނީ ބީރު ކަންފަތެއް ދެމުންނެވެ. ފުންނާބު އުސް އެތައް ގާނޫނީ ވަކީލުންގެ އިތުރުން ސަރުކާރުގެ ދެވަނަ އަށް އެންމެ އިސް ވެރިޔާ ނާއިބު ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވެސް އެގޮވާލުންތަކުގައި ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އެކަމަކު ސަރުކާރުގެ ނިންމުމަށް އަދި ކުޑަ ވެސް ބަދަލެއް ނާދެ އެވެ. ނާއިބު ރައީސް މި މައްސަލާގައި ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު އެ މަނިކުފާނުގެ ކެތްތެރިކަން ކޮޅުންލީކަން އެނގެ އެވެ. އެންމެ ފުރަތަމަ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ދެއްވި އިންޓަވިއު އާއި ނާއިބު ރައީސްގެ އަމިއްލަފުޅު ބްލޮގްގައި ލިޔުއްވާފައިވާ ލިޔުއްވުމުން އެ މަނިކުފާނަށް އަސަރުކޮށްފައިވާ މިންވަރު ކިތަންމެ ރަނގަޅަށް ވެސް ވަޒަން ކުރެވެ އެވެ. އެމަނިކުފާނުގެ ބްލޮގްގައި އިއްޔެ ވިދާޅުވެފައި ވަނީ، "ނާއިބު ރައީސަކަށް އަޅުގަނޑު އިންތިހާބުކޮށްފައިވާ ސަރުކާރެއްގައި މިކަންތައް ހިނގަމުންދާތީ މިވަނީ ލަދުގަނެ، މުޅިން ސިހިފައި" ކަމަށެވެ. އަދި ގާނޫނު އަސާސީން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ލިބިދީފައިވާ ހއްގަށް ހުރަސް އެޅެމުންދާތީ ވެސް ނާއިބު ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަބްދުﷲ ގާޒީ ސިފައިން ހައްޔަރުކުރުމަށް ފަހު ސަރުކާރުގެ އެކި ވެރިން ދެއްކެވި ވާހަކަތަކަށް ބަލާއިރު ވެސް ފެންނަނީ އެ ވާހަކަތައް ދިމާވަމުން ނުދާތަނެވެ. އެ ގޮތުން އޭނާ ހައްޔަރުކުރި އެއް ސަބަބެއް ކަމަށް ހޯމް މިނިސްޓަރު ހަސަން އަފީފު ދެއްކެވީ ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދު ފުލުހުން ހައްޔަރުކުރުމުން، ފުލުހުންނަށް ހެކި ހޯދުމަށް ހަނިވާ ގޮތަށް އޭނާ ދޫކޮށްލި ކަމަށެވެ. އެކަމަކު އަބްދުﷲ ގާޒީ ހައްޔަރުގައި ހުއްޓާ އެތައް ފަހަރެއްގެ މަތިން ޑރ. ޖަމީލް ދޫކޮށްލުމުގެ އަމުރު ވަނީ ކްރިމިނަލް ކޯޓުން ނެރެފަ އެވެ. އެންމެ ފަހުން އެ އަމުރު ނެރުނީ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ ޕެނެލަކުންނެވެ. އަބްދުﷲ ގާޒީ ދޫކޮށްލުމަށް ގޮވާލައި މުޒާހަރާކޮށްގެން ހައްޔަރުކުރި މީހުން ވެސް ކްރިމިނަލް ކޯޓުން ދޫކުރަމުން ދަނީ ވެސް އަބްދުﷲ ގާޒީގެ ބައިވެރިވުމެއް ނެތި އެވެ. އަދި އެންމެ ބޮޑަށް ފާހަގަވާ ކަމަކީ، އަބްދުﷲ ގާޒީ ކޯޓުގައި ނެތް މި ދަނޑިވަޅުގައި، މިފަދަ ސިޔާސީ ކުށްވެރިން ދޫކުރަމުން ދަނީ އެއް ފަނޑިޔާރަކަށް ވުރެ ގިނަ ފަނޑިޔާރުން ތިއްބަވައިގެން ކަމެވެ. އަބްދުﷲ ގާޒީގެ މައްސަލަތަކެއް އެބަ ހުއްޓެވެ. ޖޭއެސްސީގެ ރެކޯޑްތަކަށް ބަލާއިރު ވެސް އެކަން ވަރަށް ރަނގަޅަށް އެނގެ އެވެ. އެކަމަކު މަޝްވަރާގެ މޭޒު އެއްކައިރިކޮށް، "ހަރުކަށިވުން" އެއީ އިންސާފަށް އެޅޭނެ ހުރަހެއް ކަމަށް އެތައް ބަޔަކު ދަނީ ސަރުކާރަށް އަމާޒުކޮށް ބުނަމުންނެވެ. ތަޖުރިބާކާރު ގާނޫނީ ވަކީލު ޝާހީން ހަމީދު ވިދާޅުވެފައި ވަނީ، ސުލޫކީ މައްސަލައެއްގައި އަބްދުﷲ ގާޒީގެ މައްޗަށް ފިޔަވަޅު އެޅުން ލަސްވެގެން، އެމްއެންޑީއެފުން އޭނާ ބަންދުކުރުމަކީ ޖިނާއީ އިޖުރާއަތާ ހިލާފު ކަމެއް ކަމަށެވެ. އަދި އެކަމުން ދޭހަވަނީ ޖިނާއީ ބޮޑެތި މައްސަލަތަކަށް ވުރެ ވެސް ސުލޫކީ މައްސަލައެއް ސަރުކާރަށް ބޮޑުވުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރީ، އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އެކަން ބަލައިދިނުމަށް އެދި ރައީސް އޮފީހުން ފުލުހުންނަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެކަމަކު ބަންޑާރަ ނާއިބު އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް، ހައި ކޯޓުގައި ވިދާޅުވެފައި ވަނީ، ޖިނާއީ އެއްވެސް މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކުރުމުގެ ބާރު ސިފައިންނަށް ލިބިގެންނުވާ ކަމަށެވެ. ރާއްޖޭގެ ސުޕްރީމް ކޯޓުން ފެށިގެން ކްރިމިނަލް ކޯޓުން ވެސް ވަނީ އަބްދުﷲ ގާޒީ ދޫކޮށްލަން އަމުރުކޮށްފަ އެވެ. އެކަމަކު ސަރުކާރުން އެއިން އެއްވެސް އަމުރަކަށް ކިޔަމަނެއް ނުވެ އެވެ. ސިފައިން ވެސް ދެނީ ބީރުކަންފަތެވެ. ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ ސަރުކާރުން ކޯޓުގެ އަމުރަކާ ޚިލާފު ނުވާ ކަމަށެވެ. އަދި އަބްދުﷲ ގާޒީ ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރު ނެރެފައި ވިޔަސް ޒުހައިރުގެ ނަޒަރުގައި އެއީ ވަކި މީހަކާ ބެހޭ އަމުރެއް ނޫނެވެ. އެއީ މުޅި ދައުލަތަށް އަމާޒުވާ އާންމު އަމުރެކެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާ ހާލަތްތަކުގެ ދަށުން އެއްވެސް މީހަކު ސަރުކާރުން ހައްޔަރުކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ތަފާތު ބަހަނާތައް ސަރުކާރުން ދައްކާފައިވެ އެވެ. ކޮރަޕްޝަންގެ ތުހުމަތާއި ޖޭއެސްސީން އޭނާގެ މައްޗަށް ފިޔަވަޅު އެޅުން ލަސްވުމާއި ކްރިމިނަލް ކޯޓު ހިސޯރުކުރުން ފަދަ ތުހުމަތުތައް ހިމެނެ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު ސަރުކާރަށް ތާއީދުކުރާ ބޭފުޅުންގެ ބަސްމަގު ހުރި ގޮތަށް ބަލާއިރު، އޭނާއަށް ދެން ކޯޓަށް ވެންނެވުމުގެ ފުރުސަތެއް ނޯންނާނެ އެވެ. އަދި އަބްދުﷲ ގާޒީ ދޫކޮށްލާނީ އަދުލު އިންސާފުގެ ދާއިރާއާ މެދު ސަރުކާރަށް ޔަގީންކަން ލިބުނު ދުވަހަކުން ކަމަށް ވެސް އެ ބޭފުޅުންގެ ވާހަކަތަކުން އެނގެ އެވެ. އެހެން ނަމަވެސް ވަކި ފަނޑިޔާރަކު، ގަދަކަމުން ހައްޔަރުކޮށްގެން، ގަދަބާރުން އަދުލު އިންސާފުގެ ދާއިރާ "މިނިވަންކުރެވިދާނެ" ބާވަ އެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ