ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންވަނީ ވަކި ބަޔަކު މުއްސަދި ކުރުވާކަށް ނޫން: ރައީސް މައުމޫން

ޕީޕީއެމުން އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށާއި އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންވަނީ ވަކި މީހަކަށް ވަކި ގޮތްތަކެއް ހޯދައިދީ ވަކި ބަޔަކު މުއްސަދި ކުރުވާކަށް ނޫން ކަމަށް ކުރީގެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ތ.ވިލުފުށީ ބަޔަކު ޕީޕީއެމަށް ސޮއިކުރުމަށް ޝީ ބިލްޑިންގގަ ރޭ އޮތްބައްދަލު ވުމުމުގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން އިތުރަށް ވިދާޅުވީ ޕީޕީއެމް އުފެއްދެވީ ގައުމަށް އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދިނުމުގެ ބޭނުމުގައި ކަމަށާއި އެހަގީގަތް ރައްޔިތުންނަށް ސާބިތުކޮށްދެއްވާނެ ކަމަށެވެ.
"ވޭތުވެދިޔަ ތިން އަހަރު ރާއްޖޭގައި އާއްމުވެފައިވާ ނުރަގަނޅު އަމަލުތައް ހައްލު ކުރުމަށް ޕީޕީއެމުން ވަނީ އަޒުމް ކަނޑައަޅާފަ. ތަރައްގީގެ މަގުގައި 30 އަހަރު ހޯދާފައިވާ ކުރިއެރުންތައް އަލުން ރާއްޖެއަށް ހޯދައިދިނުމަށްޓަކައި ޕީޕީއެމުން ވެރިކަމަށް އަންނަން ޖެހޭ." ރައީސް މައުމޫން ވިދާޅުވިއެވެ.
ވިލުފުއްޓަކީ ރައްޔިތުންގެ މަޖިލީހުގެ ރިޔާޒް ރަޝީދުގެ ދާއިރާއެވެ. އަދި ރިޔާޒް ރަޝީދަކީ ޑީއާރްޕީ އާ ކޯލިޝަން ހަދާފައިވާ ގައުމީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ހަމައެކަނި މެމްބަރެވެ. ޕީޕީއެމުން ރޭ ބޭއްވެވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައިވެސް ރިޔާޒް ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ރައީސް މައުމޫން ވިދާޅުވީ ރިޔާޒް ރަޝީދަކީ ވަރަށް އިހްލާސްތެރި ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ހިދްމަތްތައް ލިބެމުންދާ ކަމަށެވެ.
ޕީޕީއެމުން ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވިލުފުށި 40 މީހުން ސޮއިކުރި އިރު އެރަށުގެ 200 އެއްހާ މީހުންގެ މެމްބަރޝީޕް ފޯމް ވަނީ ރައީސް މައުމޫންގެ އަތްޕުޅަށް އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ