މަޑުގިނީގައި ގަރުދިޔަ ކައްކާކަށް ވެރިންނަކަށް ނުތިބެވޭނެ: އުމަރު

ދައުލަތުގެ ވެރިން ނެގިމަޑުވެފައި ތިއްބަވައިގެން ރާއްޖެ ސަލާމަތް ނުކުރެވޭނެ ކަމަށް، ޖުމުހޫރީ ގުޅުމުގެ ކެމްޕޭން ސްޓިއަރިން ކޮމިޓީގެ ޗެއާމަން އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޖުމުހޫރީ ގުޅުމުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ، ދިވެހި ދައުލަތުގައި ތިއްބެވި ވެރިން ނެގިމަޑުވެފައި ތިއްބަވައިގެން ރާއްޖޭގެ ކަންކަން ދާނީ ދުވަހެއް ދުވަހަކަށް ގޯސްވަމުން ކަމަށާއި ޖުޑިޝަރީ އާއި މިނިވަން މުއައްސަސާތަކާބެހި އެމްޑީޕީން އެތަންތަނުގެ ވެރިންނަށް އަމާޒުކޮށް ތަފާތު ފިއްތުންތައް ކުރިމަތި ކުރުވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަމާޒުކޮށް ތަފާތު ބަހުގެ ހަމަލާތައް ދީ، ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެ، މަގުމަތީގައި އަޑު އުފުލަމުންދާއިރު، އެފަދަ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު ޖުޑިޝަރީއަށް ލިބިގެންވާ ކަމަށާއި އެމްޑީޕީގެ ވެރިކަމުގަ އާއި މިހާރުވެސް ޖުޑިޝަރީއަށް ހަމަލާ ދެމުންދާއިރު، ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވެ ކަންކަން ކުރާ ފަރާތްތަކަށްވެސް "ކޯޓުގައި ދަތް ހުރިކަން" އަންގާލަން ވެސް އުމަރު ގޮވާލި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓަން ބޭނުންނަމަ އެމްޑީޕީއާއި ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
"ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް އަޅުގަނޑު ދަންނަވާނީ ދަތް އަޅާށޭ. ގާނޫނު ހުއްދަ ކުރެއޭ ދަތް އަޅަން. އަބަދު އަބަދު ފަނޑިޔާރުންނަށް ހަޅޭލަވާ އެތަން ބަންދުކޮށް ގޭދޮށަށް އެއްވެ ހަޅޭލަވައި، ފަނޑިޔާރުންނަކީ ކްރިމިނަލް އޮގަނައިޒޭޝަނެކޭ، މޮޔައިންނޭ މިކަހަލަ ވާހަކައެއް ނުދެއްކޭނެ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ ހަމައަކަށް އެޅުވޭނީ ގާނޫނުގެ ހުކޫމަތު ދެމެހެއްޓިގެން ކަމަށާއި ބޮޑެތި ޖަރީމާތައް ކުށްވެރިކޮށް ނޫސްބަޔާންތައް ނެރުމުން ނުފުދޭ ކަމަށެވެ. އަދި ދައުލަލުގެ އިސްވެރިން އެކަކު އަނެކަކަށް އަތް ދިއްކޮށް ރަމަންރަމަން ފޯލި ކުޅުވައި މަޑު ގިނީގައި ގަރުދިއަ ކައްކަން ތިބެވެން ނެތްކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
" ދައުލަތުގެ އިސްވެރިން މަޑު ގިނީގައި ދަރުދިއަ ކައްކާކަށް ނުތިބެވޭނެ. އެމީހުން ޖެހޭނީ ހޫނު ކުރަން. އެމީހުން ގައިގަ ގައުމީ ޖޯޝާއި ދިވެހިންގެ ހޫނު ލޭ ހުންނަންޖެހޭނެ،" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ