ފުކުޝިމާ ނިއުކްލިއަ އިންޖީނުގެ ހުއްޓުމަކަށް އައީ މީދަލުގެ ސަބަބުން!

މީގެ ދެ އަހަރު ކުރިން ޖަޕާނަށް އެރި ސުނާމީގައި ގެއްލުން ލިބުނު ފުކުޝިމާ ނިއުކްލިއަ އިންޖީނުގޭގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވަނީ މީދަލުގެ ސަބަބުން ކަމަށް އެ އިންޖީނުގެ ހިންގަމުންދާ ޓޯކިއޯ އިލެކްޓްރިކް ޕަވާ ކޮމްޕެނީ (ޓެޕްކޯ) އިން ބުނެފި އެވެ.
އެ ކުންފުނިން މިހެން ބުނެފައިވަނީ، މިދިޔަ ހަފުތާތެރޭ އެ އިންޖީނުގެއިން ކަރަންޓް ދިޔަ މައްސަލަ ބެލުމަށް ހިންގި ތަހުގީގަށް ފަހު، އިންޖީނުގޭގެ ސްވިޗް ބޯޑު ކައިރީގައި މަރުވެ، ހަރުދަނޑިވެފައިވާ މީދަލެއް ފެނުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެ އެވެ. ބެލެވޭ ގޮތުގައި، މީދާ މަރުވެފައިވަނީ، ސްވިޗް ބޯޑު މަތިން ހުރަސް ކުރުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެނެވެ. އަދި އެވަގުތު އިންޖީނުގެއިން ކަރަންޓު ދިޔައީ އެވެ.
"ކަރަންޓު ދިއުމުން އަހަރެމެން އާއްމުންނަށް ދިމާވެދާނެ އުނދަގޫތަކާއި މެދު ވަރަށް ކަންބޮޑުވި. އެހެން ނަމަވެސް މިހާރު މިވަނީ، މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ކަރަންޓު ދޫކުރެވިފައި،" ޓެޕްކޯގެ ތަރުޖަމާނު މަސަޔުކީ އޯނޯ ވިދާޅުވި އެވެ.
ދެހާސް އެގާރަ ވަނަ އަހަރު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އުފެދުނު ސުނާމީގައި ފުކުޝިމާ ނިއުކްލިއަ އިންޖީނުގެއަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، އިންޖީނުގޭގައި ހިމެނޭ ރިއެކްޓަރުތަކުގެ ތެރެއިން ހަތަރު ރިއެކްޓަރަށް މައްސަލަ ދިމާވެ، ރޭޑިއޭޝަން ބޭރުވި އެވެ.
މި މައްސަލަތައް ހައްލުކުރި، އިންޖީނުގޭގެ ހާލަތު ކުރީގެ ހާލަތަށް ރުޖޫޢަ ކުރެވިފައިވަނީ، 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މިދިޔަ ހަފުތާތެރޭ އިންޖީނުގެއަށް މައްސަލައެއް ދިމާވި ނަމަވެސް އިންޖީނުގޭގެ ފިނިކުރާ ނިޒާމަށް އެއްވެސް މައްސަލައެއް ނުޖެހި ބަރާބަރަށް މަސައްކަތް ކުރިކަމަށް ވެސް ޓެޕްކޯއިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ