ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 77 ޖަނަރޭޓަރު ރާއްޖެ ގެނެސްފި
ރަށްރަށަށުގައި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ކަށަވަރު ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ދަށުން 77 ޖަނަރޭޓަރު ފެނަކަ ކޯޕަރޭޝަނުން ރާއްޖެ ގެނެސްފި އެވެ. ފެނަކަ އިން އަލަށް ގެނެސްފައިވާ ޖަނަރޭޓަރުތަކުގެ ތެރޭގައި ހިމެނެނީ 160-200 ކިލޯވޮޓުގެ 40 ޖަނަރޭޓަރާއި 250-300 ކިލޯވޮޓުގެ 24 ޖަނަރޭޓަރު އަދި 500-1،000 ކިލޯވޮޓުގެ 13 ޖަނަރޭޓަރެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު ނޫސްވެރިންނަށް ވިދާޅުވީ ޖަނަރޭޓަރުތައް ގެންދާނެ ރަށްތައް ކަނޑައަޅާފައިވަނީ އެންމެ ބޮޑަށް ކަރަންޓުގެ މައްސަލަތައް ހުރި ރަށްތަށް ބެލުމަށް ފަހު ކަމަށެވެ. "ޖަނަރޭޓަރު ގެންދިއުމަށް ދޮޅު އަހަރެއްހާ ދުވަހު ސާވޭކޮށް ބެލިން. އެހެންނަމަވެސް މާޗް މަހުން ފެށިގެން ފާހަގަ ކުރެވުނު، ބައެއް ރަށްރަށުގެ ކަރަންޓު ކަނޑައިގެން ގޮސްގެން 48 ގަޑިއިރު ނޫނީ 12 ގަޑިއިރަށް ދިގު ދެމިގެން ދިޔަކަން. އެހެންވެ އިމަޖެންސީކޮށް އެ ރަށްރަށަށް ވެސް ޖަނަރޭޓަރު ހޯދަން ޖެހުނު. އެހެންވެ ޖަނަރޭޓަރު ލިބޭނެ ރަށްތަށް އާއްމު ނުކުރެވިގެން އުޅެނީ ކަރަންޓު ކެނޑޭ ރަށްތަކަށް ޖަނަރޭޓަރު ގެންދިއުމަށް،" ނިމާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ޖަނަރޭޓަރުތައް ގެނައުމާއެކު މިހާރު ރަށްރަށުގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުތައް އޯވަހޯލް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. "މި 77 ޖަނަރޭޓަރު ގެނެވުނީމަ މިހާރު ރަން ކުރަމުންދާ ސިސްޓަމްތައް ނިއްވާލައި އޯވަހޯލް ކުރެވޭނެ. އޯވަހޯލް ކުރުމަށް ވެސް ދެ ތިން ހަތަރު ދުވަސް ނަގާނެ. އެހެންވެ މި ސިސްޓަމްތައް އިންސްޓޯލް ކުރެވުނީމަ އެ މަސައްކަތް ކުރެވޭނެ،" ނިމާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖަނަރޭޓަރުތަކާ އެކު، ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޑިސްޓްރިބިއުޝަން ފޮށިތަކާއި ކޭބަލް ވެސް ގެނެސްފައިވާ ކަމަށެވެ. އަދި ޓްރާންސްފޯމާތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނިމާލް ވިދާޅުވި އެވެ. ފެނަކަ އިން ބުނިގޮތުގައި ކަރަންޓުގެ ހިދުމަތަށް ދަތިވެފައިވާ ރަށްރަށަށް ޖަނަރޭޓަރުތައް ފޮނުވަން ފެށުމުގެ ރަސްމިއްޔާތެއް މާދަމާ ރޭ ބާއްވާނެ އެވެ. "މި އިވެންޓް އޮންނާނީ އެސްޓީއޯގެ 377 ނަމްބަރު ކޮށީގައި. މި އިވެންޓުގައި ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ،" ނިމާލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ