މަޖިލީހުގައި އަލިފާނުގެ ހާދިސާއެއް ނުހިނގާ، ދުން އެރީ ކަރަންޓް ޝޯޓެއް ވެގެން: އެމްއެންޑީއެފް

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މަޖިލިސް ތެރެއިން ދުން އެރީ ކަރަންޓް ޝޯޓަކުން ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް އެތަނަކުން ނުދެ އެވެ. މަޖިލީހުގެ އިދާރާއިން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ވެސް އެ ހާދިސާގައި ޑަކްޓެއްގެ ތެރޭގައި ހުރި ހޮޅިތަކާއި ނަރުތައް ވަނީ އަނދާފައި ކަމަށެވެ. "ޑަކްޓް ފިޔަވައި އެހެން އެއްވެސް ދިމާލަކަށް އަސަރެއް ކޮށްފައެއް ނުވެ އެވެ،" ބަޔާނުގައި ބުނެފައި ވެ އެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނި ގޮތުގައި، ރަބަރު އަނދާ ވަސްގަނޑެއް އެތަނުން މިއަދު ހަވީރު ދުވި ކަމަށެވެ. ބައެއް މީހުން ބުނީ ދުން ވަހާ އެކު ރަބަރު ވަސް މުޅި ހިސާބަށް ފެތުރިގެން ވެސް ދިޔަ ކަމަށެވެ. މިއަދު ހަވީރު ހިނގި އެ ހާދިސާގައި ގެއްލުންވެފައި ވަނީ ކޮން އެއްޗަކަށް ކަމެއް އަދި އެ ހާދިސާ ހިނގަން މެދުވެރިވީ ކީއްވެގެން ކަމެއް ވެސް އަދި ނޭނގެ އެވެ. މި ހާދިސާ ހިނގުމާ އެކު އަލިފާން ނިއްވާ ދެ ލޮރީ އާއި އަލިފާން ނިއްވާ މީހުން އެތަނަށް ގޮސް ވަނީ ހަރަކާތްތެރިވާން ފަށައިފަަ އެވެ. އެހެން ނަމަވެސް، މަޖިލީހުގެ ބޭރުން އަލިފާނުގެ އެއްވެސް ނިޝާނެއް ނުފެނެ އެވެ. މަޖިލީހުގެ އިދާރާގެ ގޯތި ތެރޭގައި އަލިފާން ނިއްވާ ވެހިކަލްތައް -- ހަވީރު ފޮޓޯ: މުހަންމަދު ޝަރުހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ