ފުލުހުންގެ ސްޓްރެޓެޖީ އަށް ގެންނަ ބަދަލުތަކުން ކުށްކުރުން ހުއްޓުވޭނެ: އުމަރު

މި ދުވަސްވަރު ރާއްޖޭގައި ކުށްކުރުން އިންތިހާއަށް އިތުރު ވެފައިވާ އިރު އެކަން ހުއްޓުވުމަަށް ފުލުހުންގެ ސްޓްރެޓެޖީ އަށް ބަދަލުތައް ގެންނަމުންދާ ކަމަށާއި އޭގެ ސަބަބުން ކުށްކުރުން މަދުވެގެންދާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ހުޅުމާލޭގައި އަލަށް ހަދާ ޕޮލިސް ސްޓޭޝަނުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ބޮޑެތި ކުށްތައް އިތުރުވެ މުޖުތަމައުގެ ތެރޭގައި ނުރައްކާތެރިކަމާއި ބިރުވެރިކަން ފެތުރިފައިވާ ކަމަށާއި އެކަމަކު މިއީ ކުއްލިއަކަށް ހިނގައިގެން އުޅޭ ކަމެއް ނޫން ކަމަށެވެ. މިކަމަށް އަހަރުތަކެއް ވެފައިވާކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ ކުށްކުރުން ހުއްޓުވުމަށް ފުލުހުންގެ ސްޓެރެޓެޖީއަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ އިސްލާހުތަކުގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ލަހެއް ނުވެ ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އުމަރު ވިދާޅުވި ގޮތުގައި ރާއްޖެއަށް ޑިމޮކްރަސީ އައީ ހަމައެކަނި ފޮނި މީރު ކަމެއްގެ ގޮތުގައެއް ނޫނެވެ. ޑިމޮކްރަސީގެ ނުބައި ފަރާތް ވެސް ރާއްޖެއަށް އައި ކަމަށާއި ކުށްކުރުން އިތުރުވުމަކީ އޭގެ ސަބަބުން ނިކުތް ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި މިއީ ރާއްޖެއަށް އެކަނި ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ޕޮލިސް ސްޓޭޝަން ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އުމަރު ވާހަކަ ދައްކަވަނީ-- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން "އިންޑިއާއަށް ބަލައިލި ކަމުގައި ވިޔަސް، މިނިވަންކަން ލިބި ފުރިހަމަ ޑިމޮކްރަސީއެއް އައިސްގެން އެ މީހުން ހިނގައިގަތް ގަޑީގައި ވެސް އާދަޔާހިލާފަށް ކުށްކުރުން އިތުރުގެން ދިޔަ. އެކަންތައްތައް ހަމަޖެއްސުމަށް އިންޑިއާގެ އެތައް ސަރުކާރަކުން އެތައް އަހަރެއް ވާންދެން މަސައްކަތް ކުރި. އެކި ވައްތަރުގެ ގާނޫނު އެކި ދުވަސްވަރު ހަދައިގެން ވެސް އެކަންތައްތައް އަދިވެސް މުޅިއަކުން ހަމައަކަށް ނޭޅޭ،" އުމަރު ވިދާޅުވި އެވެ. "ސައުތު އެފްރިކާގައި ވެސް ހަމަ މި މައްސަލަތައް ދިމާވި." އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ނަގައިގެން އުޅޭ ކުށްކުރުމުގެ "ބޮޑު ރާޅަކީ" ދުނިޔޭގެ އެހެން ގައުމުތައް ވެސް ދުށް ރާޅެކެވެ. މިހެން ދިމާވާ ސަބަބެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ފަރުދީ އަދި އަސާސީ ގިނަ ހައްގުތަކެއް ލިބިދޭއިރު މި ހައްގުތަކުގެ ނާޖާއިޒް ފައިދާ ކުށްކުރާ މީހުން ނެގުމެވެ. އަދި މި ފައިދާތަކުގެ ބޭނުން ކޮށްގެން ކުށްކުރުމުގެ މާހައުލެއް އެ މީހުން އުފައްދާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. "މިއީ އިންޑިއާ ވެސް ދުށް ތަން. ސައުތު އެފްރިކާ ވެސް ދުށް ތަން. އަދި ރާއްޖެ ވެސް މިއަދު ދެކެމުންދާ ތަން،" މިނިސްޓަރު ވިދާޅުވި އެވެެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ޑިމޮކްރެޓިކް ނިޒާމު ފުނޑުފުނޑުކޮށް ނުލައި ކުށްކުރުމުގެ މާހައުލަށް އެކަށީގެންވާ ބަދަލު ގެނެވޭތޯ އެވެ. އަދި ޑިމޮކްރެޓިކް ނިޒާމު އެއްކައިރިކޮށްފައި، ކުށްކުރުމުގެ ނިޒާމު އެއްކޮށް ހުއްޓުވާލަން ވަރަށް ފަސޭހަ ވާނެ ކަމަށާއި އެކަމަކު އެހެން ހަދަން ސަރުކާރުން ގަސްދު ނުކުރާ ކަމަށް އުމަރު ވިދާޅުވި އެވެ. މިއަދުގެ ރަސްމިއްޔާތުގެ ބައިވެރިވެވަޑައިގެންނެވި ފުލުހުންގެ ބައެއް އިސްވެރިން.-- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން އޭނާ ވިދާޅުވީ ފަރުދީ މިނިވަންކަމާއި އަސާސީ ހައްގުތައް ރައްކާތެރިކުރުމާއެކު ކުށްކުރުމުގެ މާހައުލަށް ބަަދަލުތައް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ ހާއްސަ ގާނޫނުތަކާއި ފުލުހުންގެ ފައުޖުތަކާއި އެހެން ވަސީލަތްތައް މިހާރު ގާއިމު ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ ހެޔޮ ނަތީޖާ ނެރޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "ކޮންމެ ދުވަހަކު ވެސް އަޅުގަނޑުމެންނަށް ފާޑުކިޔުންތައް ރައްދުވޭ. މީހެއްގެ ފުރާނަ މަގުމަތީގައި ދުއްވާލެވޭ ކޮންމެ ވަގުތަކީ އަޅުގަނޑުމެން ވެސް ނުހަނު ހިތާމަކުރާ ވަގުތެއް. އެކަމަކު އަސާސީ ހައްގުތަކާއި ފަރުދީ ހައްގުތަކުގައި އަތްނާޅައި، އެކަންކަން ހުއްޓުވައި އަމާންކަން ގާއިމު ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އަމާންކަން ގާއިމު ކުރެވޭނީ ކޮން މަގަކުން ކިހިނެއް ގޮސްގެން ކަން ސަރުކާރަށް އެނގޭ ކަމަށާއި އެ ދިމާއަށް ދަތުރު ކުރަމުން ދަނީ އެކަން އެނގި ތިބެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި އަޅާ ޕޮލިސް ސްޓޭޝަނުގެ ސަބަބުން އެ ރަށުގައި ކުށްކުރުން މަދުވެގެން ދާނެ ކަމަށެވެ. ހުޅުމާލޭ ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅުއްވައިދެއްވީ އުމަރުގެ އިތުރުން ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ ގިނަ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ