މޫސުން ގޯސްވެ އެތައް ބަޔަކު މާލެ ނާދެވި ރަށްރަށުގައި ތާށިވެއްޖެ

މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް އެކި ރަށްރަށަށް ދިޔަ އެތައް ބަޔަކު، މޫސުމް ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން މާލެ ނާދެވި އެ ރަށްރަށުގައި މަޑުކުރަން ޖެހިއްޖެ އެވެ. ބައެއް ކައުންސިލުންތަކުން މިއަދު ބުނިގޮތުގައި އޮފީސްތަކުގެ މުވައްޒަފުންނާއި ސްކޫލް ކުދިންނަށް ވެސް މާލެ ނާދެވިފައި ތިބި ކަމަށެވެ. ދަތުރުނުކުރެވޭ ވަރަށް ވަޔާއި ކަނޑުގަދަވުމުގެ ސަބަބުން ބޯޓުފަހަރާއި ލޯންޗުތަކުގެ ޝެޑިއުލް ބަދަލުކޮށް، ދަތުރުތައް މަޑުޖައްސާލާފައިވާ ކަމަށް ބައެއް ކައުންސިލްތަކުން ބުންޏެވެ. ކުލަގަދަކޮށް މި އަހަރު އީދު ފާހަގަކޮށްފައިވާ ބ. އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ ވިއްސާރަވެ ކަނޑު ދަތުރުތަކަށް ހުރަސްއެޅިފައިވާތީ އެތައް ބަޔަކު އެ ރަށުގައި ވެސް މަޑުކުރަން ޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އޮފީސްތަކުގައި އުޅޭ މީހުންގެ އިތުރުން މިއަދާއި މާދަމާ ޓެސްޓު އޮންނަ ސްކޫލު ކުދިން ވެސް ގިނަ އަދަދަކަށް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. މި އަހަރުގެ ދެ ވަނަ ޓާމްގެ ޓެސްޓު މިއަދު ބައެއް ސްކޫލުތަކުގައި ވަނީ ފަށައިފަ އެވެ. އީދު ފާހަގަކުރުމަށް 1،500 އެއްހާ މީހުން އޭދަފުއްޓަށް ދިޔައިރު ކަނޑުމަގުން މާލެ ނާދެވިގެން ވައިގެ މަގުން ދިއުމަށް ޓިކެޓްގެ ބާރު ބޮޑުވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. "ވަރަށް ގިނަ ބަޔަކު ދަރަވަންދު އަށް ގޮސް ފްލައިޓުގައި މާލެ ފުރީ. ޓިކެޓްގެ ބާރުބޮޑުވީމަ ވެސް ބައެއް މީހުން ނުފުރި އެބަތިބި،" އަލީ ވަހީދު ވިދާޅުވި އެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން އީދު ފާހަގަކުރި މ. މުލަކު ކައުންސިލުން ބުނީ ކަނޑުގަދަވެގެން ބޯޓުފަހަރުގެ ދަތުރުތައް ފަސްކޮށްލާފައިވާ ކަމަށެވެ. އީދު ކުޅިވަރުތައް ބޭއްވުމަށް އެ ރަށަށް ދިޔަ ޓީވީއެމްގެ ކްރޫ އަށް ވެސް އަދި ވަނީ މާލެ އާދެވޭގޮތް ނުވެފަ އެވެ. "ރޭ ފުރަން ތައްޔާރުވި ބޯޓު ވެސް މޫސުމަށް ބަލާފައި ނުފުރައި މަޑުކުރީ. ކޯސްތަކާއި ސްކޫލްތަކުގައި އުޅޭ ކުދިން ވެސް އެބަތިބި ނުދެވިފައި،" މުލަކު ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ. ނައިފަރު ކައުންސިލުން ބުނީ ރޭ ފުރަން އޮތް ބޯޓުގެ ދަތުރު ކެންސަލްކުރުމަށް ފަހު ގިނަ ބަޔަކު މާލެ ދާން ބޭނުންވާތީ މިއަދު ހެނދުނު ފުރާފައިވާ ކަމަށެވެ. އީދު ފާހަގަކުރުމަށް ލ. އަތޮޅަށް ދިޔަ ގިނަ ބަޔަކަށް ވެސް ވަނީ އާދެވޭގޮތް ނުވެފަ އެވެ. ލ. ފޮނަދޫ ކައުންސިލުން ބުނީ މެދުނުކެނޑި އެ ރަށަށް ވާރޭ ވެހެމުންދާއިރު ކަނޑުގަދަވެ، ދަތުރުފަތުރަށް ބުރޫއަރާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ