ރާއްޖޭގައި ހަތިޔާރު ގަނެވިއްކުމުގެ ވިޔަފާރިއެއް ކުރިއަށް ނުދާނެ ކަމުގެ ޔަގީންކަން އުމަރު ދެއްވައިފި

ރާއްޖޭގައި ހަތިޔާރު ގަނެ ވިއްކުމުގެ ވިޔަފާރިއެއް ކުރިއަށް ނުދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިންކުއަރީ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގައި ހަތިޔާރު ގަނެވިއްކުމުގެ ވިޔަފާރިއެއް ކުރިއަށް ނުދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި އެކަހަލަ ވިޔަފާރީއެއްގެ ކިރިޔާ ކޮޅުމަތި ފެނުނު ނަމަ ވެސް އެނގޭނެ ކަމަށެވެ.
"ދިވެހިރާއްޖޭގައި ހަތިޔާރު ގަނެވިއްކުމުގެ ވިޔަފާރީއެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެން، އެކަހަލަ ވިޔަފާރީއެއް ނުހިނގާނެ ކަމުގެ، މީ އެކަހަލަ ވިޔަފާރީއެއްގެ ކިރިޔާ ކޮޅު މައްޗެއް ފެނުނަމަވެސް އަޅުގަނޑުމެންނަށް އެނގޭނެ، އަޅުގަނޑުމެން އެކަން ހުއްޓުވާނަން، ރާއްޖޭގައި ހަތިޔާރު ގަނެވިއްކުމުގެ އެއްވެސް ވިޔަފާރީއެއް ނުހިނގާނެ،" އުމަރު ވިދާޅުވިއެވެ.
އުމަރު މިހެން ވިދާޅުވެފައިމިވަނީ ބ.ހިނބަޅިދޫގައި ފުލުހުންނާއި ސިފައިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ހަތިޔާރު އަތުލައިގަނެ ހަތް މީހުން ހައްޔަރުކޮށްފައި ވަނިކޮށެވެ.
މި ހަތިޔާރުތައް މާލެ ގެނެސް ނޫސްވެރިންނަށް ދައްކާލާފައިވާއިރު، މި ތަކެތީގެ ތެރޭގައި އޭކޭ ސީރީޒްގެ ބަޑިއަކާއި، ފިސްތޯލައެއްގެ އިތުރުން ރައިފްލްއަކާއި، އެތަކެއްޗަށް ލެއްވުމަށް ގެންގުޅޭ ވަޒަންވެސް ހިމެނެއެވެ. މީގެ އިތުރުން ގޮވާ ޒާތުގެ ތަކެތި ހެދުމަށް ބޭނުންކުރާ އާލާތްތަކާއި، ހޭންޑް ގްރެނޭޑްވެސް ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންގައި ވަނީ އަތުލައިގެންފައެވެ.
މި ތަކެއްޗާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ ސްޕޯކްސްޕާޒަން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ސަލާމަތީ ބާތުރުތަކުން ބ.ހިނބަޅިދޫއަށް ދިޔަ ކަމަށާއި، މިއަދު ދައްކާލެވުނު ހަތިޔާރު ތަކަކީ އެރަށުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަނެވިފައިވާ ތަކެތިކަމަށެވެ.
މި ހަތިޔާރު ތަކަކީ ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހާދިސާ އާއި ގުޅިގެން ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންދެވުނު މީހުން ދިން މަޢުލޫމާތާއި، ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި އަތުލައިގެންފައިވާ ތަކެއްޗެވެ.
ބ.ހިނބަޅިދޫއަކީ 14 އޯގަސްޓް 2014 ވަނަ ދުވަހު ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ބަޔަކަށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ދީފައިވާ ރަށެކެވެ.  ބ.ހިނބަޅިދޫ ތަރައްގީ ކުރަމުން އަންނަނީ ގެއާޑިއަން ޕްރައިވެޓް ލިމިޓެޑާއި ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ގުޅިގެންކަމަށް ފުލުހުންގެ ނިއުސް ކޮންފަރެންސްގައި ނަވާޒް ވިދާލުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ