ބޭސްފަރުވާ ކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް މެމްބަރު ނާޒިމްގެ ފަރާތުން ހުށަހަޅައިފި

މަކަރާއި ހީލަތުގެ މައްސަލަ ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ކުރުމަށް މުއްދަތު އިތުރުކޮށްދިނުމަށް ހުށަހަޅައިފިއެވެ.
"ވަގުތަށް" މައުލޫމާތު ދެއްވަމުން ކަރެކްޝަނަލްގެ އޮފިޝަލަކު ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.
ކަރެކްޝަނަލްގެ އޮފިޝަލް ވިދާޅުވި ގޮތުގައި ބޭސްފަރުވާ ކުރުމަށް މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގައެވެ. އެކަމާގުޅޭ ގޮތުން ގޮތެއް ނިންމާނީ ބޯޑުންނެވެ.
ނާޒިމްގެ ބޭސްވަރުގާގެ މުއްދަތު މިހާރު ވަނީ ތިންވަނަ ފަހަރަށް އިތުރުކޮށްފައެވެ.
ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ނާޒިމް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ ޑިސެމްބަރު 11 ވަނަ ދުވަހު އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ނާޒިމަށް ދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ.
ނަމަވެސް ނާޒިމުގެ ފަރާތުން ހުށަހަޅަން ޖެހޭ ހުރިހާ ލިޔެ ކިއުންތަކެއް ހުށަހެޅުމުން ޑިސެމްބަރު 17 ވަނަ ދުވަހު ވަނީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް އިތުރު 10 ދުވަސް ދީފައެވެ. އެއާއެކު ނާޒިމްގެ ފަރާތުން އަނެއްކާވެސް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމުން ކަރެކްޝަނަލް އިން ވަނީ މިމަހުގެ ތިން ވަނަ ދުވަހު އަނެއްކާވެސް އިތުރު 15 ދުވަސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ނާޒިމަށް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ