ގޭގައި ކަރަންޓް ނެތިގެން މަގުމަތީގައި ކިޔަވަންއިން ކުއްޖެއްގެ ދިރިއުޅުން ބަދަލުކޮށްލި ފޮޓޯ

ފިލިޕީންސްގެ ފަގީރު ކުއްޖެއްގެ ދިރިއުޅުން އެންމެ ފޮޓޯއެއްގެ ސަބަބުން ބަދަލުވެއްޖެއެވެ.
އުމުރުން 9 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށްވާ ޑަނިއެލް ކަބެރެރާ އަކީ ތަނަވަސްކަން ނެތުމުގެ ސަބަބުން އޭނާ ދިރިއުޅޭ ގޭގައި ކަރަންޓްގެ ޚިދުމަތް ވެސް ނޯންނަ ކުއްޖެކެވެ. އެހެންކަމުން ޑަނިއެލް ފިލާވަޅު ދަސްކުރަން ދަނީ އޭނާ ދިރިއުޅޭ ހިސާބުގައި ހުންނަ ފާސްޓް ފުޑް ވިއްކާ ރެސްޓޯރަންޓެއް ކަމަށްވާ މެކްޑޮނަލްޑް ކައިރިއަށެވެ. އެތަނުގެ ބޭރުގައި ހުންނަ ފަނޑު އަލިކަމުގައި މަގު މަތީގައި ފޮތާއި ފަންސުރު ހިފައިގެން އޭނާ ފިލާވަޅު ދަސްކުރަން އިނދެއެވެ.
ޑަނިއެލްގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައީ އޭނާ މިހެން ފިލާވަޅު ދަސްކުރަން އިންދާ މެޑިކަލް ޓެކްނޮލޮޖީގެ ދާއިރާއިން ކިޔަވަމުންދާ 20 އަހަރުގެ ޖޮއީސީ ކިޔާ ދަރިވަރަކު ނެގި ފޮޓޯއެއްގެ ސަބަބުންނެވެ. ޖޮއިސީ ވަނީ އޭނާ ނެގި ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ. އެއާއިއެކު އެތައް ލައްކަ ބަޔަކު އެފޮޓޯ ޝެއާކޮށް ޑަނިއެލް އާއި އާނާގެ އާއިލާ އަށް ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
ފިލިޕީންސްގެ މަންޑައު ސިޓީގެ އެލެމެންޓްރީ ސުކޫލެއްގެ ގްރޭޑް 3 ގައި ކިޔަވާ ޑަނިއެލް ބުނީ އޭނާ ބޮޑުވެގެން ވާން ބޭނުންވަނީ ޑޮކްޓަރަކަށް ނޫނީ ފުލުހަކަށް ކަމަށެވެ. ކުރިން އޭނާގެ އަތުގައި އޮތީ އެއްފޮތާއި ދެފަންސުރެވެ. އޭގެ ތެރެއިން އެއްފަންސުރު ކުލާސް ކުއްޖަކު ވަގަށް ނެގުމުން ފޮޓޯ އާންމުވިއިރު އޭނާގެ އަތުގައި އޮތީ އެންމެ ފަންސުރެއް ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް މިހާރު އެކި ފަރާތްތަކުން ދަނީ ފައިސާ އާއި ސުކޫލަށް ބޭނުންވާ ތަކެތި ޑަނިއެލް އަށް ހަދިޔާ ކުރަމުންނެވެ. އަދި އޭނާ އަށް ކޮލެޖަކުން ކިޔަވާނެ ސްކޮލަޝިޕެއް ވެސް މިހާރު ވަނީ ހިލޭ ލިބިފައެވެ.
ޑަނިއެލްގެ މަންމަ އަކީ ދުވާލަކު 1.77 އެމެރިކާ ޑޮލަރުގެ މުސާރައެއް ލިބޭ ވަޒީފާ އެއް އަދާކުރާ މީހެކެވެ. ޑަނިއެލްގެ އިތުރުން އޭނާގެ އިތުރު ދެކުދިން ޑަނިއެލްގެ ކުޑައް ތިބެއެވެ.
ޑަނިއެލްގެ މަންމަ އޭއެފްޕީ އާއި ވާހަކަދައްކަމުން ބުނީ އެމީހުންގެ އާއިލާ އަށް ލިބެމުންދާ ހެޔޮއެދުންތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި ފޮޓޯ އެއްގެ ސަބަބުން އެމީހުންގެ ދިރިއުޅުން މިހާ ވަރަށް ބަދަލު ވެގެން ހިނގައިދާނެ ކަމަށް ގަބޫލު ވެސް ނުކުރެވޭ ކަމަށެވެ.
ޑަނިއެލްގެ މަންމަ ބުނީ ޑަނިއެލް އަކީ ކިޔަވަން ވަރަށް ޝައުގުވެރިޔާ ކުއްޖެއް ކަމަށެވެ. "އޭނާ ސުކޫލަށް ދާނެ ކާނެ ފައިސާ އަހަރެން ނުދިންނަމަވެސް. އަހަރެން ފައިސާ ނުދެނީ ދޭނެ ފައިސާއެއް އަހަރެންގެ އަތުގައި ނުހުންނާތީ" ޑަނިއެލްގެ މަންމަ ބުންޏެވެ.
ޑަނިއެލްގެ މަންމަ ބުނީ ފަގީރު ކަމުގައި ދިރިއުޅެން އަބަދު ބޭނުން ނުވާ ކަމަށާއި މުއްސަނދި ދިރިއުޅުމެއް ހޯދާނެ ކަމަށް ޑަނިއެލް އަބަދު ވެސް ބުނާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ