ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް 24 ދަރިވަރަކަށް، ޝަހީދު އެވޯޑު ތިން ދަރިވަރަކަށް!
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްކޮލަޝިޕް ލިބުނު 24 ދަރިވަރަކަށް އެކަމުގެ ލިޔުން ހަވާލުކޮށް، ޝަހީދު އެވޯޑް ތިން ދަރިވަރަކަށް ދީފި އެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކޮށްފައި ވަނީ ފުރަތަމަ ޓާމަށް ހުޅުވާލި ސްކޮލަޝިޕް ފުރުސަތުތަކުން ހޮވުނު ދަރިވަރުންނަށެވެ. އެ ރަސްމިއްޔާތުގައި ވަނީ ޔުނިވާސިޓީގައި އަންޑާ ގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓްއަށް ކިޔަވަމަންދާ ދަރިވަރުންނަށް ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ. އަންޑަ ގްރެޖުއޭޓަށް ކިޔަވަމުން އަންނަ 20 ދަރިވަރަކަށް ހިލޭ ޓިއުޝަން ފީ ލިބޭ ސްކޮލަޝިޕް ދިންއިރު ޕޯސްޓް ގްރެޖުއޭޓަށް ކިޔަވަމުން އަންނަ ހަތަރު ދަރިވަރަކަށް ފުލް ސްކޮލަޝިޕް ވަނީ ދީފަ އެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހެމާނު ހަޔާ އެޑިއުކޭޝަންގެ ނައިބު އައިޝަތު ޝަފީނާ ވިދާޅުވީ ދަރިވަރުން ކުރަމުން އަންނަ މަސައްކަތަކީ ބުރަ މަސައްކަތަކަށް ވިއަސް، އެ މަސައްކަތް ކުރުމުގައި ދެމިހުންނަން ވާނެ ކަމަށެވެ. "ކޮންމެ ޝަރަފަކާއި ކޮންމެ ފަހުރަކާ އެކު ޝްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ޒިންމާތަކެއް ވާނެ. އެ ޒިންމާތައް ފުރިހަމައަށް އަދާކުރަން ޖެހޭ. ގައުމަށް ބޭނުންތެރި ހިދުމަތްތެރި ބަޔަކަށްވާން ޖެހޭ،" ޝަފީނާ ވިދާޅުވި އެވެ. މިއަދުގެ ރަސްމިއްޔާތުގައި ވަނީ ޝަހީދު އެވޯޑު ލިބުނު ތިން ދަރިވަރަކަށް ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ. ޝަހީދު އެވޯޑަކީ، ނޮވެމްބަރު 3، 1988ގައި ޝަހީދުވި ޝަހީދުންގެ ޒިކުރާ އާ ކުރުމުގެ ގޮތުން އިންޖިނިއަރިން އާއި ޓޫރިޒަމް އަދި ބިޒްނަސްގެ ދާއިރާގެ ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފުރަތަމަ ސެމިސްޓަރުގައި އެންމެ ރަނގަޅު ނަތީޖާ ހާސިލް ކުރާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ. ގައުމީ ޔުނިވާސިޓީގެ ސްކޮލަޝިޕް ފުރުސަތަކީ ކޮންމެ ސެމިސްޓަރަކު އެއްފަހަރު ހުޅުވާލާ ފުރުސަތުގައި އެކަމަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ ސްކޮލަޝިޕެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ