ކަރަންޓުގެ އަގު ފަގީރުންނަށް ހެވެއްނުވި

ކަރަންޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނުގެރިޔާސަތުގެ ފުރަތަމަ 100ދުވަހުގެ ތެރޭގައި ފުއްދާނެ ކަމަށް ވިދާޅުވެފައިވާ މި ވައުދު ފުއްދުމުގެ ގޮތުން މާޗް 1 ވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކުރިކަމަށް އިއުލާނު ކުރުމާ އެކު އެކަމަށް އެންމެ އުފާކުރީ ރަށް ރަށުގައި ދިރިއުޅޭ އާއްމު ރައްޔިތުންނެވެ. ދިރިއުޅުމުގެ ޚަރަދުތައް ބޮޑު މި ޒަމާނުގައި ކަރަންޓަށް ގޭބިސީ ތަކުން ހޭދަވަމުން ދަނީ ވަރަށް ބޮޑު އަދަދެއްކަމަށާއި ކަރަންޓުގެ އަގު ބޮޑުތަނުން ހެޔޮވަން ޖެހޭ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ސޯލިހުވަނީ ތަކުރާރުކޮށް އެވާހަކަ ދައްކަވާފައެވެ.
މާޗް މަހުގެ ކަރަންޓު ބިލް މިއަދު ލިބުނު އިރު އާދައިގެ ރައްޔިތުމީހާއަށް އެބިލުން ލިބުނު ލުޔެއް ނެތެވެ. ކަރަންޓަށް އަގު ނަގާފައިހުރީ ކުރިންވެސް ނަގަމުން އައި ރޭޓުންނެވެ. އެހެންނަމަވެސް 400 ޔުނިޓުން މަތީގެ ބޭންޑުތަކަށް ނަގާ އަގު ހެޔޮކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.
އެހެންނަމަވެސް ރާއްޖޭގައި ކަރަންޓް ބޭނުން ކުރާ މިންވަރުގެ ތަފާސް ހިސާބުތަކުގެ މައުލޫމާތު ތަކަށް ބަލާއިރު އަތޮޅުތެރޭގެ 95 އިންސައްތަ މީހުންނަކީ 400 ޔުނިޓަށް ވުރެ މަދުން ކަރަންޓް ބޭނުން ކުރާ މީހުންނެވެ.
އެހެންކަމުން އަގަށް ގެނައި ބަދަލުން ކަރަންޓްގެ އަގު ހެޔޮވެފައި ވަނީ މާލެއާއި އަތޮޅުތެރޭގެ ވިޔަފާރިވެރިންނަށެވެ. ރަށްރަށުގައި ދިރިއުޅޭ އާއްމު ރައްޔިތުންނަށް ސަރުކާރުން ގެނައި ބަދަލުން ހެޔޮ އަސަރެއްކުރާނެކަމަކަށް ނުބެލެވެއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ