މައުމޫން ލަންކާ ތިބި ދިވެހިންނާ ބައްދަލުކުރައްވައިފި

ލަންކާގައި މިވަގުތު ދިރިއުޅެމުން އަންނަ ދިވެހިންނާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމް ކޮޅުބުގައި ބައްދަލު ކުރައްވައިފިއެވެ.
ރައީސް މައުމޫން ދިވެހިންނާ ބައްދަލު ކުރައްވާފައިވަނީ އެމަނިކުފާނު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ އަމިއްލަ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް މައުމޫން ވިދާޅުވީ މި ބައްދަލުވުމުގައި ދިވެހިންގެ ކަންބޮޑުވުން އަޑުއިވިފައިވާ ކަމަށާއި އެކަމަށް ހައްލު ހޯދައިދިނުމަށް ކުރެވެން ހުރި މަސައްކަތް ކުރައްވާނެ ކަމަށެވެ.
މައުންޓްލެވިނިއާގައި ބޭއްވި މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. އެމަނިކުފާނުގެ ދަތުރުފުޅަށް ފަހު މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މި ފެށޭ ހަފްތާގައެވެ.
މިދިޔަ އޭޕްރީލްމަހުގެ 21ވަނަ ދުވަހު ލަންކާގައި ދެވުނު އީސްޓްސަންޑޭގެ ބޮން ގޮއްވުމުގެ ހާދިސާތަކާއި ގުޅިގެން އެގައުމުގައި ދިރިއުޅެމުން ދިޔަ އެތަކެއް ދިވެހިން ވަނީ އެގައުމު ދޫކޮށް އަލުން އަނބުރާ ރާއްޖެ އަށް އައިސްފައެވެ. އަދި ބައެއް ދިވެހިންވަނީ ދިރިއުޅުން މެލޭޝިއާއަށްވެސް ބަދަލުކޮށްފައެވެ.
އީސްޓްސަންޑޭގެ ބޮން ގޮއްވުމުގެ ހާދިސާތަކާއި ގުޅިގެން އެ ގައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. މިހާދިސާގައި ބައެއް ދިވެހިން ވަނީ ހައްޔަރުކޮށްފައެވެ. އެހެންނަމަވެސް މިހާރު އެއްވެސް ދިވެއްސަކު ހައްޔަރުގައެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ