އައިއެޗްއެފް ޓްރޮފީ: ރާއްޖެ ފުރަތަމަ މެޗުގައި އަފްޣާނާ ދެކޮޅަށް

އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން ޓްރޮފީ (އައިއެޗްއެފް) ޒޯން 2 ގެ 18 އަހަރުންދަށުގެ ފިރިހެނުންގެ ކެޓަގަރީގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމުން ފުރަތަމަ މެޗު އަފްޣާނިސްތާނާ ދެކޮޅަށް ކުޅެން ޖެހިއްޖެއެވެ.
މުބާރާތުގެ ތާވަލު ނެރެފައިވާއިރު، ރާއްޖޭގެ ފުރަތަމަ މެޗް 10 ވަނަ ދުވަހު އަފްޣާނިސްތާނާ ދެކޮޅަށް ކުޅޭއިރު، 11 ވަނަ ދުވަހު ރާއްޖެއިން ބައްދަލުކުރާނީ ބަނގްލަދޭޝްއާ ދެކޮޅަށެވެ. އަދި 12 ވަނަ ދުވަހު ނޭޕާލާ ވާދަކުރުމަށްފަހު 14 ވަނަ ދުވަހު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.
އައިއެޗްއެފް ޒޯން 2 18 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ހުރިހާ ޓީމެއްވެސް އެއް ޓީމު އަނެއް ޓީމާ ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެއް މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ގޮތަށް، ނުވަތަ "ރައުންޑް-ރޮބިން" ފޯމެޓަށެވެ.
މިމުބާރާތުގައި ރާއްޖޭގެ 20 އަހަރުންދަށުގެ ޓީމުވެސް ވާދަކުރެއެވެ. މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ކުޅުންތެރިން ބަނގްލަދޭޝްއަށް ފުރާފައިވަނީ 9 ވަނަ ދުވަހުއެވެ.
އައިއެޗްއެފް ޒޯން 2 ޓްރޮފީގައި 6 ގައުމަކުން ވާދަކުރާނެއެވެ. އެއީ، އިންޑިއާ، ނޭޕާލް، ޔަމަން، ދިވެހިރާއްޖެ، އަފްޣާނިސްތާން އަދި މުބާރާތް ބާއްވާ ގައުމުކަމަށްވާ ބަންގްލަދޭޝްއެވެ.
މުބާރާތުގެ 20 އަހަރުން ދަށުގެ އުމުރުފުރާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން، ގުރޫޕް އޭގައި ހިމެނެނީ އިންޑިއާ، ނޭޕާލް އަދި ޔަމަނެވެ. ގުރޫޕް ބީގައި ރާއްޖެއާއެކު ހިމެނެނީ އަފްޣާނިސްތާނާއި ބަންގްލަދޭޝްއެވެ. މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ.
އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން ޓްރޮފީ (އައިއެޗްއެފް) ޒޯން 2 (ސައުތް ސެންޓްރަލް އޭޝިއާ) ކުރިއަށްދާނީ މިމަހުގެ 10 އިން 14 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.
މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ޝަހީދް ކެޕްޓަން އަލީ އެމް. މަންސޫރް އަލީ ނެޝަނަލް ހޭންޑްބޯލް ސްޓޭޑިއަމްގައެވެ.
ސަރަހައްދީ ފެންވަރެއްގައި ހޭންޑްބޯޅަ ކުރިއަރުވާ، ދޭދޭ ގައުމުތައް މި ކުޅިވަރުން ގުޅުވާލުމަކީ މިމުބާރާތް ބޭއްވުމުގެ މަގްސަދުކަމަށް ދުނިޔޭގެ ހޭންޑްބޯޅައިގެ މައި އިދާރާ (އައިއެޗްއެފް) އިންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ