ޕީޕީއެމް މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަނީ

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ކަމަށްވާ، ރައީސް އަބްދުﷲ ޔާމީން އާއި ހަވާލުކުރަން، ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކުރުމުން، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުފާން ކުރާނެ ކަމަށް، ރައީސް މައުމޫންގެ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ރައީސް އަބްދުﷲ ޔާމީން އާއި ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމަށް، ހައިކޯޓުން ތާއީދުކުރުމުން އެ ކޯޓުގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން، ރައީސް މައުމޫންގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ، ހައިކޯޓުގެ ހުކުމުގެ ސަބަބުން ސިޔާސީ ޕާޓީ ހިންގުމުގެ ނިޒާމު ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ.
ކޮންމެ ޕާޓީއެއް ވެސް ހިންގަމުންދަނީ، އެ ޕާޓީއެއް ލިޔެފައިވާ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާއި އެއްގޮތަށް ކަމަށްވީ ނަމަވެސް، ހައިކޯޓުގެ ހުކުމުގެ ސަބަބުން، ޕާޓީ ހިންގުމުގެ ނިޒާމު ބަދަލުވެގެން ގޮސްފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
"ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފަށް ނިންމުންތަށް ނިންމުމަކީ، ކުރެވޭނެ ކަމެއް ނޫން. އެކަމަށް ފަރުވާއެއް ހޯދުމަށް، ސުޕްރީމް ކޯޓަށް ދާނަން. އަޅުގަނޑުމެން އުއްމީދުކުރަނީ ސުޕްރީމް ކޯޓުން، އިންސާފުވެރި ނިޔާއެއް ނިންމަވައި ދެއްވާނެ ކަމަށް" ސުއޫދު ވިދާޅުވިއެވެ.
ހައިކޯޓުން މިއަދު ސިވިލް ކޯޓުގެ ހުކުމަށް ތާއިދުކޮށް ކުރި ހުކުމުގައި ބުނެފައިވަނީ، މި މައްސަލަ އިސްތިއުނާފް ކުރި ޕީޕީއެމްގެ މެމްބަރު، އައްބާސް ވާފިރުގެ ފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަތަކާއި، މައްސަލައަށް ތަދައްހުލްވި ފަރާތްކަމަށްވާ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތުން، ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތްކަމަަށެވެ.
އަދި މިވަގުތަކީ ޕީޕީއެމްގެ ރައީސް އާއި ނައިބު ރައީސްގެ ޒިންމާ، އަދާކުރުމަށް އުޒުރުވެރިވާ ފަދަ ހާއްސަ ހާލަތެއް ކަމަށްވެސް، އެ ހުކުމުގައި ބުނެފައިވެއެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ދެ މެމްބަރުން ކަމަށްވާ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ