ޖަޕާނަށް މިއަދު އައި ބިންހެލުމާއެކު އެޤައުމުގެ މީޓިއޮލޮޖިކަލް އެޖެންސީން ދިން ސުނާމީގެ އިންޒާރު ނަގައިފިއެވެ.
ޖަޕާނަށް މިއަދު 6.9 މެގްނެޓިއުޑް ބާރުމިނުގެ ބިންހެލުމެއް އައިސްފައިވަނީ އެޤައުމުގެ ހުޅަނގު ދެކުނު ސަރަހައްދަށެވެ. ބިންހެލުން އައިސްފައިވަނީ ޖަޕާނުގަޑިން ރޭގަނޑު 09:19 ހާއިރެވެ. ބިންހެލުން އައުމުގެ ސަބަބުން ސުނާމީގެ އިންޒާރުދީފައިވަނީ، ޖަޕާނުގެ ތިންވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ކިޔޫސޫގެ މިޔަޒަކީ ޕްރިފެކްޗާއަށެވެ. ބިންހެލުމާ ގުޅިގެން ބައެއް ފިހާރަތަކާއި ގޭތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނުކަމަށް ޖަޕާނުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
ޖަޕާނުގެ މީޓިއޮލޮޖިކަލް އޭޖެންސީން ދިން ސުނާމީ އިންޒާރުގައިވާގޮތުން ބިންހެލުމާ ގުޅިގެން އުފެދޭ ރާޅުތަކުގެ އުސްމިން 1 މީޓަރަށްވުރެ އުސްވާނޭކަމަށް ވަނީ ލަފާކޮށްފައެވެ. ޖަޕާނުގެ ކަމާބެހޭ އިދާރާއިން ވަނީ ސުނާމީގެ އިންޒާރު ނެގި ނަމަވެސް މިޔަޒަކީ ޕްރިފެކްޗާގައި ދިރިއުޅެމުންދާ ފަރާތްތަކުން އައްސޭރިފަށުގެ ސަރަހައްދުތަކަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ހަމަ އެހެންމެ ބިންހެލުމެއް ކޮންމެފަދަ ވަގުތެއްގައިވެސް އައިސްދާނެ ކަމަށާއި އޮތްގޮތަކީ އެކަމަށް ތައްޔާރުވެ ތިބުންކަމަށް އޮފިޝަލުން ބުންޏެވެ.
Advertisement
ފަހުގެ ތާރީހެއްގައި ޖަޕާނަށް އެންމެ ވަރުގަދަ ބިންހެލުމެއް އައިސްފައިވަނީ 2011 ވަނަ އަހަރެވެ. ޖަޕާނަށް 2011 ވަނަ އަހަރުގެ މާޗްމަހު އައި އެ ބިންހެލުމާއި ގުޅިގެން އެރި އުނާމީގެ ސަބަބުން 19،759 މީހުން މަރުވެ، 2،553 މީހުނަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. މީގެ އިތުރުން މި ބިންހެލުމުގެ ސަބަބުން ފުކްޝީމާގައި ހުރި ނިއުކްލިއަރ 3 އިންޖީނުގޭވެސް ވަނީ ބިމާ ހަމަވެފައެވެ.
ޖަޕާނަކީ އެޤައުމު އޮންނަ ތަނުގެ ގޮތުން ބިންހެލުމާއި ސުނާމީގެ އަސަރު އެންމެބޮޑަށް ކުރާ އެއްޤައުމެވެ. ނަމަވެސް ޖަޕާނުން އިމާރާތްކުރުމުގެ ކަންކަމުގައި ގެންގުޅޭ ހަރުދަނާ އުސޫލްތަކުފެ ސަބަބުން މިފަދަ ބިންހެލުންތަކުން ލިބޭ ގެއްލުންތައް އެހެންޤައުމުތަކާ އަޅާބަލާއިރު، ކުޑައެވެ.
ޖަޕާނަށް އައި ބިންހެލުމާއެކު ދިން ސުނާމީގެ އިންޒާރު ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ