ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 3 ދުވަހުވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވާނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށާއި، މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވިއެވެ.
އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށްވެސް ވިދާޅުވިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ވިދާޅުވިއެވެ.
އަދި އުތުރާއި މެދުރާއްޖެތެރެއަށް ރާޅުގެ އުސްމިނުގައި 7-4 ފޫޓު އަދި ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 6-3 ފޫޓު ދެމެދުކަމަށް ލަފާކުރެވޭކަމަށްވެސް ވިދާޅުވިއެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާ ދުވަސްވަރަކަށް ވުމާއެކު ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ. އަދި އެކި ހިސާބުތަކަށް ވައިގަދަވެ، ކަނޑުގަދަވުމާއެކު ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ހޮނިހިރުން ފެށިގެން މޫސުން އަލިވާން ފަށާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ